Roadha Mihaaru
ވަޅި ހެރުމުގެ ދައުވާ، ބަޔާން ބަދަލުވެ ސާބިތެއްނުވި

އަނބިމީހާ ވާހަކަ ބަދަލުކުރުމުން ދައުވާ ސާބިތެއް ނުވި، ބުނީ ވަޅި ހެރުނީ ނިދީގައި ކަމަށް

11 އެޕްރީލް 2023

މިދިޔަ ފެބްރުއަރީ މަހު މާލޭގެ ގެއެއްގެ ތެރޭގައި އަނބިމީހާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި ދައުވާ ލިބުނު އިންޑިއާ މީހާ ދިފާއުވާ ގޮތަށް އޭނާގެ އަނބިމީހާ ކޯޓުގައި ވާހަކަ ދެއްކުމުން ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ހުކުމް ކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު މާލޭގެ ގެއެއްގެ ތެރޭގައި އަނބިމީހާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި ދައުވާ ލިބުނު އިންޑިއާ މީހާ ދިފާއުވާ ގޮތަށް އޭނާގެ އަނބިމީހާ ކޯޓުގައި ވާހަކަ ދެއްކުމުން ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ހުކުމް ކޮށްފި އެވެ.

އަނބިމީހާގެ ފަލަމަސްގަނޑަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާކުރީ ސްރިނިވަސަން ސުބްރަމަނި، 27، އަށެވެ.

މި މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މީގެ ކުރިން ކޯޓަށް ހާޒިރުކުރި އިރު އޭނާ ވަނީ ވަޅިން އަނބިމީހާއަށް ހަމަލާ ދިން ކަމަށާއި އެތަނަށް ފުލުހުން ދިއުމުން ބިރުން އަމިއްލަ ބަނޑަށް ވެސް ވަޅިން ހަމަލާ ދިން ކަމަށް ބުނެ އިއުތިރާފް ވެފަ އެވެ. އަދި ޒަހަމްވި މީހާ ތަހުގީގުގައި ވެސް ބުނީ ފިރިމީހާ ހަމަލާ ދިނީ ކަމަށެވެ.

އަނބިމީހާ ނިދާފައި އޮއްވައި ވަޅިން ހަމަލާ ދިނީ ކަމަށް ދައުލަތުން ދައުވާގައި ބުނި ނަމަވެސް އަންހެން މީހާ ކޯޓުގައި ބުނީ ވަޅި ހެރުނީ އޭނާ ތަރުކާރީ ކޮށަން ސިޓިންރޫމްގައި އިންނަ ތަނެއްގައި އޮއްވައި ނިދުމުން ނިދީގެ ތެރޭގައި ކަމަށެވެ. އެއީ ވަޅި ހުންނަ ތަނެއް ކަމަށާއި ވަޅި ހެރީ ކަމަށް ބުނެ ކުރިން ބަޔާން ދިނީ ޑީޕޯޓްކޮށްލާނެ ކަމަށް ބުނުމުން ކަމަށް ވެސް ބުންޏެވެ.

ހާދިސާ ހިނގީ މީހަކަށް ފެންނަ ތަނެއްގައި ކަމަށް ނުވާތީ ދައުވާ ބިނާކޮށްފައި އޮތީ ހެކި ބަހާއި ބަޔާނުގެ މައްޗަށެވެ. އެހެންވެ ވަޅި ހެރި ކަމަށް ބުނެ ފިރިމީހާ ކުރިން ދިން ބަޔާން ބަދަލުކޮށް އެކަމަށް އިންކާރު ކުރުމާއި އަންހެން މީހާ ވެސް ކުރިން ދެއްކި ވާހަކައާ ދިމާ އިދިކޮޅަށް ވާހަކަ ދެއްކުމުން ދައުވާ ސާބިތު ނުވީ އެވެ.

އަންހެން މީހާ ޒަހަމްކޮށްލީ ފެބްރުއަރީ ދެ ވަނަ ދުވަހުގެ ފަތިހު އެވެ. އޭރު އާންމުވި ފޮޓޯތަކުން ފެންނަނީ އަންހެން މީހާގެ ފަލަމަސްގަނޑާ ދިމާލުން ޒަހަމްވެ މުޅި މީހާ ލެއިން ފޯވެފައި ހުއްޓަ އެވެ. އެކްސްރޭ އިން ފެންނަ ގޮތުގައި ފަލަމަސްގަނޑަށް ވަރަށް ފުންކޮށް ވަޅި ހެރިފައި ހުއްޓެވެ.