Roadha Mihaaru
ބިލަބޮންގް: މޮޅު ކަރިކިއުލަމެއް، ގިނަ ފުރުސަތުތަކެއް

ބިލަބޮންގް ސްކޫލު: ވަރުގަަދަ ކަރިކިއުލަމަކާ އެކު ތަފާތު ފުރުސަތުތަކެއް

01 ޑިސެމްބަރ 2016

ރާއްޖޭގައި ހިންގަމުން އަންނަ އިންޓަނޭޝަނަލް ކޮންމެ ސްކޫލެއްގައި ވެސް ކިޔަވައިދިނުން ތަފާތުވެފައި، އަމިއްލަ ގޮތްތަކެއް ހުރެ އެވެ. އެކަމަކު މި ހުރިހާ ސްކޫލުތަކުގެ ތެރެއިން، މާލޭގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލު، ބިލަބޮންގް ހައި ތަފާތު ވަނީ އެ ސްކޫލުގައި އޮންނަ ވަރުގަދަ ކަރިކިއުލަމާއި ދަރިވަރުންނަށް ހުރި ފުރުސަތުތައް ގިނަކަމުންނެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ހިންގަމުން އަންނަ އިންޓަނޭޝަނަލް ކޮންމެ ސްކޫލެއްގައި ވެސް ކިޔަވައިދިނުން ތަފާތުވެފައި، އަމިއްލަ ގޮތްތަކެއް ހުރެ އެވެ. އެކަމަކު މި ހުރިހާ ސްކޫލުތަކުގެ ތެރެއިން، މާލޭގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލު، ބިލަބޮންގް ހައި ތަފާތު ވަނީ އެ ސްކޫލުގައި އޮންނަ ވަރުގަދަ ކަރިކިއުލަމާއި ދަރިވަރުންނަށް ހުރި ފުރުސަތުތައް ގިނަކަމުންނެވެ.

މުޅިން ތަފާތު ކަރިކިއުލަމެއް

ބިލަބޮންގްގައި އޮންނަނީ ބޮޑު ތިން ކަރިކިއުލަމެއްގެ މިކްސްއެކެވެ. ގްރޭޑް 1-8ގެ ދަރިވަރުންގެ ފިލާވަޅުތަކާއި އިތުރު ހަރަކާތްތައް ބިނާކޮށްފައި އޮންނަނީ އިންޓަނޭޝަނަލް ކަރިކިއުލަމެއް ކަމަށްވާ ކޭކޭއީއެލް އަށެވެ. މިއީ 100 އަށް ވުރެ ގިނަ ގައުމުގައި ކިޔަވައިދެމުން އަންނަ، ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ކަރިކިއުލަމެކެވެ.

ދެން ރާއްޖޭގެ އެހެން ސްކޫލުތަކުގައި ވެސް އޮންނަ ދިވެހި ކަރިކިއުލަމުގެ ދަށުން، ދިވެއްސާއި އިސްލާމް އަދި ގުރުއާން ފަދަ ބައެއް މާއްދާތައް ނަގައިދޭއިރު، ސާނަވީ ގްރޭޑްތަކުގައި ކިޔަވައިދެނީ ކެމްބްރިޖް ކަރިކިއުލަމަށެވެ. އެކަމަކު ގްރޭޑް ދިހައެއް ނިންމައި، 11 އަށް ބަދަލުވާ ދަރިވަރުންނަށް އެހެން ސްކޫލުތަކުގައި ކިޔަވައިދެނީ އެޑެކްސެލްގެ ކަރިކިއުލަމަށް ނަމަވެސް ބިލަބޮންގްގައި އޭލެވެލްގައި ކިޔަވައިދެނީ ވެސް މެދުކެނޑުމެއް ނެތި ކެމްބްރިޖްގެ ފިލާވަޅުތަކެވެ.

ދަރިވަރުންތަކެއް ކްލާހުގައި ކިޔަވަނީ: ކިޔެވުމުގައި ދަރިވަރުން ވީހާ ވެސް ބޮޑަކަށް ބައިވެރިކުރުމަށް ސްކޫލުން އިސްކަންދޭ

ދަރިވަރުންތަކެއް ކްލާހުގައި ކިޔަވަނީ: ކިޔެވުމުގައި ދަރިވަރުން ވީހާ ވެސް ބޮޑަކަށް ބައިވެރިކުރުމަށް ސްކޫލުން އިސްކަންދޭ

ޕްރިންސިޕަލް ޒީނާ ގާސިމް ދެކެވަޑައިގަންނަވާ ގޮތުގައި ސާނަވީގަ އާއި މަތީ ސާނަވީގައި އެއް ކަރިކިއުލަމެއް ކިޔަވައިދިނުމަކީ ރަނގަޅު ނަތީޖާ ހޯދަން ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ.

"އެހެން ސްކޫލުތަކުގައި ވާ އެއްޗަކީ ގްރޭޑް ދިހައަކާ ކެމްބްރިޖް ކަރިކިއުލަމަށް ކިޔަވައިދީފައި 11 މި ފަށަނީ އެޑެކްސެލް އިން. އެހެންވީމަ އެބަ ޖަމްޕެއް އާދޭ. އެކަމަކު މި ސްކޫލުގައި އޭލެވެލް ނިމެންދެން އެއް ކަރިކިއުލަމެއް ކިޔަވައިދިނުމަކީ އޭގެ ފަސޭހަ ދަރިވަރުންނަށް ލިބޭނެ ކަމެއް،" ޒީނާ ވިދާޅުވި އެވެ.

ބިލަބޮންގް ސްކޫލުގައި ޕްރައިމަރީ ގްރޭޑްތަކުގެ ކިޔެވުން ބައްޓަންކޮށްފައި އޮންނަނީ، ޓެކްސްޓު ފޮތުން ނުވަތަ ފިލާވަޅު ހިތުދަސްކުރުމުގެ ބަދަލުގައި ރިސާޗުތައްކޮށް، ކަންކަން ހޯދައި ބަލައި ތަހުލީލުތައް ކޮށްގެން އުނގެނޭށެވެ. ކިޔެވުމާ އެކު އިތުރު ގިނަ ހަރަކާތްތައް ވެސް ރާވާފައި އޮންނަނީ އެގޮތަށެވެ.

ޒީނާ ވިދާޅުވީ އަންނަ އަހަރުން ފެށިގެން، ގްރޭޑް އެކެއްގެ ދަރިވަރުންނަށް ވެސް އެ ސްކޫލުގެ ކްލަބުތަކާއި ޖަމިއްޔާތަކުގައި ބައިވެރިވެވޭނެ ކަމަށާއި މިއީ ދަރިވަރުން އަމިއްލައަށް ކަންކަން ހޯދުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.

އެހެން ގިނަ ސްކޫލުތަކުގައި ދަރިވަރުންނަށް، ބަޔޮލޮޖީ އާއި ކެމިސްޓްރީ އާއި ހިސްޓަރީ ފަދަ ސްޓްރީމްތަކުގެ މާއްދާތައް ކިޔެވެނީ ސާނަވީއަށް ދިޔުމުންނެވެ. އެކަމަކު ވީހާ ވެސް ކުރިން ދަރިވަރުން އެ މާއްދާތަކަށް ހާނުވައި، ކުރިއަށް ދާނެ ދާއިރާ ދެނެގަތުމަށް، ބިލަބޮންގައި ގްރޭޑް ހައެއްގައި އެ މާއްދާތައް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ. މިއީ ގްރޭޑް ނުވައަކަށް ދާއިރު، ދަރިވަރުން ހިޔާރު ކުރާނެ މާއްދާތައް ޔަގީން ކުރުމަށް ސްކޫލުން ދޭ ފުރުސަތެކެވެ.

ސްކޫލުގެ ޕްރިންސިޕަލް ޒީނާ "މިހާރު"އާ ވާހަކަ ދައްކަވަނީ: ބިލަބޮންގްއަކީ ވަރަށް ތަފާތު ސްކޫލެއްގެ ގޮތުގައި ފާހަގަ ކުރެއްވި-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ސްކޫލުގެ ޕްރިންސިޕަލް ޒީނާ "މިހާރު"އާ ވާހަކަ ދައްކަވަނީ: ބިލަބޮންގްއަކީ ވަރަށް ތަފާތު ސްކޫލެއްގެ ގޮތުގައި ފާހަގަ ކުރެއްވި-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"ގްރޭޑް ނުވައެއްގައި ވެސް އަޅުގަނޑުމެން ނީންނާނެ ވަކި ސްޓްރީމެއް. އެކަމަކު ގްރޭޑް ހައަކުން ފެށިގެން ދަރިވަރުންނަށް މި މާއްދާތައް ކިޔަވައިދެމުން އަންނާތީ، ކުރިއަށް ދާނެ ވަކި ދާއިރާއެއް ޗޫސް ކުރަން ފަސޭހަ ވާނެ. އެއީ އެހެން ސްކޫލުތަކާ ހުރި ވަރަށް ބޮޑު ތަފާތެއް،" ޒީނާ ވިދާޅުވި އެވެ.

ބިލަބޮންގް ސްކޫލުގައި، ސާނަވީގައި ދަރިވަރުން ތައްޔާރުކުރަނީ ހަމައެކަނި އޯލެވެލް އިމްތިހާނަކަށް ނޫނެވެ. ޒީނާ ވިދާޅުވީ ކިޔެވުމުގެ ތެރެއިންނާއި ރިސާޗާއި ފީލްޑު މަސައްކަތްތަކުގެ ތެރޭން ވެސް ދަރިވަރުންގެ ފެންވަރު ދެނެގަތުމަށް އެސެސްމެންޓުތައް ހަދާނެ ކަމަށެވެ. އެހެންވެ، ކިޔެވުން ނިމޭއިރު ދަރިވަރުންގެ ނަތީޖާ ބިނާވެފައި އޮންނާނީ ފޮތުން ދަސްކުރި އެއްޗެއްސާއި ސްކޫލުތެރޭގައި ހިންގި އެކި ޕްރޮގްރާމްތަކަށެވެ.

ތަފާތު ގައުމުތަކުގެ ތަފާތު ދަރިވަރުން

ބިލަބޮންގް އަކީ ރާއްޖޭގައި އެންމެ ގިނައިން ބިދޭސީ ދަރިވަރުން ކިޔަވާ ސްކޫލެވެ. އެ ސްކޫލުގައި 18 ގައުމެއްގެ ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވާއިރު މިއީ ދިވެހި ދަރިވަރުންނަށް، އަމިއްލަ ގައުމުގައި ތިބެގެން، ތަފާތު ސަގާފަތް ދެނެގަންނަން ލިބޭނެ ފުރުސަތެކެވެ.

ބިލަބޮންގް ސްކޫލުގެ ދަރިވަރުންތަކެއް: އެ ސްކޫލުގައި 18 ގައުމެއްގެ ގިނަ ކުދިންތަކެއް ކިޔަވާ

ބިލަބޮންގް ސްކޫލުގެ ދަރިވަރުންތަކެއް: އެ ސްކޫލުގައި 18 ގައުމެއްގެ ގިނަ ކުދިންތަކެއް ކިޔަވާ

ޒީނާ ވިދާޅުވީ އެކި ގައުމުތަކުގެ ދަރިވަރުން އެއް ސްކޫލެއްގެ ކިޔެވުމަކީ ދިވެހި ދަރިވަރުންނަށް، އެ ގައުމުތަކުގެ ސަގާފަތާއި ގޮތްތައް ދަސްވެ، އަމިއްލަ ގައުމުގައި ތިބެގެން ބައިނަލްއަގްވާމީ ތަޖުރިބާއެއް ކުރެވޭނެ ކަމެކެވެ. އަދި މިއީ ކިޔަވާ ކުއްޖަކަށް ވަރަށް މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ވެސް، ބައިނަލްއަގްވާމީ ދުނިޔެއަށް ދަރިވަރުން ލޯ ހުޅުވުމަށް، އެ ސްކޫލުން އަންނަނީ އަހަރު އެކި ދުވަސްވަރު، އެކި ގްރޭޑްތަކުގެ ދަރިވަރުން ބޭރު ގައުމުތަކަށް ފޮނުވަމުންނެވެ. އެގޮތުން ޑުބާއީ އާއި މެލޭޝިޔާ އާއި ސްރީ ލަންކާއަށް ވެސް އެ ސްކޫލުގެ ދަރިވަރުން ގޮސް، އެކި ތަޖުރިބާތައް ވަނީ ކޮށްފަ އެވެ. އަދި މީގެ އިތުރުން ރަށްރަށުގެ ސަގާފަތް ވެސް ދެނެގަތުމަށް، ރަށްރަށަށް އެކި ފީލްޑް ޓްރިޕްތައް ވެސް ގިނައިން ބާއްވަ އެވެ.

އަހުލާގީ ގޮތުން ވެސް ފާހަގަކޮށްލެވޭ ސްކޫލެއް

ދަރިވަރުންގެ އަހުލާގާއި، ބެލެނިވެރިންނާއި މެނޭޖްމެންޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕްރިންސިޕަލް ވިދާޅުވީ އެއީ އެގޮތުން އެއް ވަނަ ސްކޫލު ކަމަށެވެ.

މީގެ ކުރިން ހަ ސްކޫލެއްގެ ޕްރިންސިޕަލް ކަން ކުރައްވާފައިވާ ޒީނާ ވިދާޅުވީ ދަރިވަރުންގެ އަހުލާގާ ގުޅޭ ގޮތުން ބޭރުތެރޭގައި ބައެއް ކަހަލަ ނޭދެވޭ ވާހަކަތައް ދައްކާ ކަމަށާއި އެކަމަކު އެކަންކަމުގެ ހަގީގަތް ފެންނާނީ ސްކޫލުގެ ތެރޭން ކަމަށެވެ.

"އެއީ ދަރިވަރުންގެ ހަގީގަތް ނޭނގޭތީ ދައްކާ ވާހަކަ. މި ސްކޫލުގެ އެންމެ ރީތިކަމަކީ ވެސް ދަރިވަރުންގެ އަހުލާގު،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިވަރުންގެ އަހުލާގު އެންމެ ރަނގަޅަށް ފެންނާނީ، ޓީޗަރަކު ނެތި ދަރިވަރުން ކަމެއް ނުވަތަ އިވެންޓެއް އެރޭންޖް ކޮށްލާ ގޮތުން ކަމަށާއި ކޮންމެ ކަމެއް ކުރި ނަމަވެސް ސްކޫލުގެ ފެންވަރު ދަރިވަރުން ދަމަހައްޓާނެ ކަމަށެވެ. އަދި ސްކޫލުން ދަރިވަރުން އަހްލާގީ ގޮތުން ބައްޓަން ކުރަނީ ދަރިވަރަކު އެކަނި މުޖުތަމައުގެ ތެރެއަށް ނިކުންނަން ޖެހުނަސް، އަމިއްލައަށް ސަލާމަތްތެރިކަން ހޯދޭނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެއްކުއްޖަކު އަނެއް ކުއްޖަކާ ވާހަކަދައްކައި، މައްސަލަތައް ހައްލުކޮށް، ކަންތައްތައް ޝެއާކުރަން ދަރިވަރުންނަށް ފުރުސަތު ދޭ ކަމަށް އެ ސްކޫލުން ބުންޏެވެ.

ދަރިވަރަކު ކްލާހުގައި: އެ ސްކޫލުގައި ތިން ކަރިކިއުލަމަކަށް ކިޔަވައިދޭ

ދަރިވަރަކު ކްލާހުގައި: އެ ސްކޫލުގައި ތިން ކަރިކިއުލަމަކަށް ކިޔަވައިދޭ

"ދަރިވަރުން ސޯޝަލްވާން އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރު އަޅަން. މިސާލަކަށް ބަލާ ނަމަ ބްރޭކް ގަޑީގައި ވެސް ދަރިވަރުންނަށް ކެންޓީނުން ބޭނުން އެއްޗެއް ގަނެގެން، ރަހުމަތްތެރިންނާ އެކު ބޭނުން ތާކު ގޮސް، އިށީނދެ ވާހަކަ ދައްކާ ހެދޭނެ. ދަރިވަރުންގެ އޯވަރޯލް ޑިވެލޮޕްމެންޓް އަންނަނީ މި ކަހަލަ ފުރުސަތުތަކުގެ ތެރޭން،" ތައުލީމީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ޒީނާ ވިދާޅުވި އެވެ.

"އެކަމަކު ގިނަ ސްކޫލުތަކުގައި މިވާ ގޮތަކީ ސްކޫލަށް އައީއްސުރެ ވާހަކަ ދައްކާ މިލެވެނީ ކައިރީގައި އިންނަ ކުއްޖާއާ ނުވަތަ ޓީޗަރާ. ދަރިވަރުންގެ ތެރޭގައި ކޮމިއުނިކޭޝަން ރަނގަޅުވާ ވަރަކަށް އެ ކުދިންގެ އަހުލާގު ވެސް އެބަ ރަނގަޅުވޭ."

ޕްރިންސިޕަލް ވިދާޅުވީ ދަރިވަރުން ސޯޝަލްވެ، ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައި އޮތުމުން މުޅި ސްކޫލުގައި ވެސް އޮންނަނީ ވަރަށް އުފާވެރި މާހައުލެއް ކަމަށެވެ.

އާއްމުކޮށް ފުރުސަތު ނުލިބޭ އިތުރު ހަރަކާތްތަކެއް

ބިލަބޮންގް ސްކޫލުގެ މުޅި ސިސްޓަމް ބިނާކޮށްފައި އޮންނަނީ، ކިޔެވުމާ އެކު އިތުރު ހަރަކާތްތަކާއި ކަންކަން ތަހުލީލުކޮށް ތަޖުރިބާކުރުމުގެ މައްޗަށެވެ. އެހެންވެ، ކޮންމެ ގްރޭޑެއްގެ ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އެ ސްކޫލުގައި ޖަމިއްޔާތަކާއި ކްލަބްތައް އޮވެ އެވެ. އަދި އިތުރަށް ދަސްކުރުމުގެ ޕްރޮގްރާމްތައް ހިންގަ އެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވެނީ، ޕްރޮފެސަރު ހަސަން އުގައިލާ އެކު، އެ ސްކޫލުގައި ހިންގާ ސްޓީމް އެކަޑަމީ ޕްރޮގްރާމްތަކެވެ. ގްރޭޑް އަށެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމްގައި ސައިންސާއި ޓެކްނޮލޮޖީއާ ގުޅުން ހުރި ކަންކަމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއްކޮށް، ތަހުލީލުތަކެއް ކުރެ އެވެ.

މިގޮތަށް ދަރިވަރުން ބޮޑަށް މަޝްވަރާތައް ކުރަނީ ވެސް، މިހާތަނަށް ހައްލު ހޯދިފައި ނުވާ އެކި މައްސަލަތަކާ ގުޅޭ ގޮތުންނެވެ.

ބިލަބޮންގް ސްކޫލުގެ ދަރިވަރުން އެކްސްޕެރިމެންޓެއް ހަދަނީ: ކިޔެވުމާ އެކު ރިސާޗުތަކާއި އެކްސްޕެރިމެންޓުތައް ހެދުމުގެ ފުރުސަތު އެ ސްކޫލުން ދޭ

ބިލަބޮންގް ސްކޫލުގެ ދަރިވަރުން އެކްސްޕެރިމެންޓެއް ހަދަނީ: ކިޔެވުމާ އެކު ރިސާޗުތަކާއި އެކްސްޕެރިމެންޓުތައް ހެދުމުގެ ފުރުސަތު އެ ސްކޫލުން ދޭ

ޒީނާ ވިދާޅުވީ، އުގައިލް ފަދަ މޮޅު ސައިންޓިސްޓަކާ އެކު ދަރިވަރުންނަށް އުނގެނުމުގެ ފުރުސަތު ލިބުމަކީ އެ ކުދިންނަށް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން ވެސް އެ ސްކޫލުގައި ހިންގާ އީކޯ ކްލަބާއި އޮމެގާ ގާޑަންގައި، އަވި ނުލިބުނަސް މޭވާ އަޅާ ގަސް އިންދައި، ހެއްދުމާއި ހުރިހާ ގްރޭޑްތަކުގައި ވަކި މާއްދާއެއްގެ ގޮތުގައި ލެގޯ އެޑިއުކޭޝަން ކިޔަވައިދިނުން ހިމެނެ އެވެ.

"ބިލަބޮންގްގެ ތައުލީމު ބިނާކޮށްފައި މި އޮންނަނީ ހަމައެކަނި ޓެކްސްޓް ފޮތަކަށް ނޫން. ދަރިވަރުން އަމިއްލައަށް މަސައްކަތްކޮށްގެން، ކަންތައްތަކެއް ހޯދައިގެން ތައުލީމު އުނގެނުން. މި ސްކޫލު ތަފާތުވާ ސަބަބަކީ މިއީ،" ޒީނާ ވިދާޅުވި އެވެ.