Roadha Mihaaru
އައްޑޫގެ ގޯތިތައް ނެގޭނީ ކޯޓު މެދުވެރިކޮށް: ހުކުމް

އައްޑޫގެ ގޯތިތައް ނެގޭނީ ކޯޓު މެދުވެރިކޮށް: ހުކުމް

11 އޯގަސްޓް 2021

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ކައިރިން ދޫކޮށްފައިވާ ގޯތިތައް ސ. ހިތަދޫގެ އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކުރީ ގާނޫނާ ހިލާފަށް ނޫން ކަމުގައި ވިޔަސް، އެ ގޯތިތައް ނެގޭނީ ކޯޓު މެދުވެރިކޮށް ކަމަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ކައިރިން ދޫކޮށްފައިވާ ގޯތިތައް ސ. ހިތަދޫގެ އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކުރީ ގާނޫނާ ހިލާފަށް ނޫން ކަމުގައި ވިޔަސް، އެ ގޯތިތައް ނެގޭނީ ކޯޓު މެދުވެރިކޮށް ކަމަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

އެ ކޯޓުން މި ގޮތަށް ހުކުމް ކުރީ އެ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތަކުގެ ވެރިން، ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދުމާ ގުޅިގެން ބޭއްވި މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތުގަ އެވެ.

އެ އަޑުއެހުމަށް ފަހު ކޯޓުން ނިންމި ނިންމުމުގައި ބުނީ، ބަންޑާރަ ބިމަކީ ދައުލަތުގެ މިލްކިއްޔާތަކަށް ވިޔަސް، އެ ބިމުން ގޯތި ދޫކުރުމަށް ފަހު، ދައުލަތުން އެ ބިން އަނބުރާ ބޭނުން ވެއްޖެ ހާލަތެއްގައި، ގޯތީގެ ވެރިފަރާތާ މަޝްވަރާ ކުރުމަށް ފަހު، "އަދުލުވެރި އިންސާފުވެރި" ބަދަލެއް ދިނުމަށް އެއްބަސްވެ، ބިން ނެގުމުގެ ބާރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދީފައި ވާތީ، އެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

އެކަމަކު ގޯތީގެ ވެރިފަރާތަށް "އަދުލުވެރި އިންސާފުވެރި" ބަދަލެއް ދޭން ޖެހޭނީ ކޯޓަށް މައްސަލަ ހުށަހަޅައިގެން، ކޯޓުން ނިންމާ ގޮތެއްގެ މަތިން ކަމަށް ހިތަދޫ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ކުރެއްވި އެ ހުކުމުގައި ވެ އެވެ.

މިދިޔަ ހަފުތާގައި ކޯޓުން ވަނީ މި މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން، ގޯތި ނެގުމާ ގުޅޭ ހުރިހާ މުއާމަލާތުތަކެއް މަޑުޖައްސައިލަން ކައުންސިލްގެ މައްޗަށް އަމުރު ކޮށްފަ އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ކައުންސިލުން ވަނީ އެ ގޯތިތަކުގެ ވެރިން، މި މަހުގެ 10 ގެ ކުރިން ބަދަލުކުރަން ނިންމާފައިވާ ގޯތިތަކާ ހަވާލުވާން ދިއުމަށް އަންގައިފަ އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: މި ހޮސްޕިޓަލް ކައިިރިން ދޫކޮށްފައިވާ ގޯތިތައް އަނބުރާ ނަގަން ވަނީ ނިންމައިފައި.-- ފައިލް ފޮޓޯ/ އަލީ ނިޝާން

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: މި ހޮސްޕިޓަލް ކައިިރިން ދޫކޮށްފައިވާ ގޯތިތައް އަނބުރާ ނަގަން ވަނީ ނިންމައިފައި.-- ފައިލް ފޮޓޯ/ އަލީ ނިޝާން

ހިތަދޫ ކޯޓުގެ ހުކުމުގައި ބުނީ، މީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށާއި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ، އެއްވެސް މީހެއްގެ މުދަލެއް އެ މީހުންގެ ރުހުން ނެތި ދައުލަތަށް ނަގައިގެން ނުވާނެ ކަމަށެވެ. މީހެއްގެ މުދަލެއް ދައުލަތަށް ނަގަން ވާނީ ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް ވެރިފަރާތަށް ދިނުމަށް ފަހު ކަމަށް ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ހުކުމުގައި ފާހަގަކުރި އެވެ.

"މީހެއްގެ މުދަލެއް ދައުލަތަށް ނެގުމުގައި މުދަލުގެ ވެރިފަރާތުގެ ރުހުން ނެތް ނަމަ، މި އަސާސްގެ ދަށުން އެކަން ކުރެވޭނެ ގޮތަކީ ކޯޓަކަށް ހުށަހަޅައިގެން ކޯޓުގެ ހުކުމަކުން އެކަން ކުރުމެވެ. މިއާ ހިލާފަށް އެކަމެއް ކުރާ ނަމަ އެއީ ބުނެވިދިޔަ ދުސްތޫރީ އުސޫލާ އެއް ގޮތަށް ކުރެވޭ ކަމެއް ކަމުގައި ނުބެލެވޭނެ ކަމެވެ،" އެ ހުކުމުގައި ވެ އެވެ.

ސިޓީ ކައުންސިލުން ވެސް މި މައްސަލައިގައި ބުނެފައި ވަނީ ގޯތިތައް އަނބުރާ ނަގާނީ "އަދުލުވެރި ބަދަލެއް" ދިނުމަށް ފަހުގައި ކަމަށެވެ. އަދި އެ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގޯތި ބަދަލުކުރަން ބޭނުންނުވާ މީހުންގެ ގޯތިތައް ބަދަލުކުރުމުގެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތިން ޝަރީއަތަށް ހުށަހެޅޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

ހުކުމުގައި ވެސް ބުނީ އެ ގޯތިތައް އަނބުރާ ކައުންސިލުން ނަގަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ މި ނިންމުމާ މެދު އިއުތިޒާރުވާ މީހެއް ހުރި ނަމަ އެކަން ކައުންސިލަށް އެންގުމަށާއި އެ ބިންތައް ވަކިކުރުމުގެ ކަންކަން ޝަރީއަތް މެދުވެރިކޮށް ހިންގޭނެ ކަމަށް އިއުލާނުގައި ބުނެފައި އޮތުމެވެ.

"ޕްރެސްކޮންފަރެންސް އާއި މީޑިއާ އަށް ދީފައިވާ ބަސްދީގަތުންތަކުން ދައުވާ ލިބޭ ފަރާތްތަކުގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ވާހަކަތަކެއް ދެކެވިފައިވާ ކަމަށް ދައުވާކުރާ ފަރާތްތަކުން ގަބޫލުކުރާ ނަމަ، އެއީ އަދި މައްސަލައިގެ މައުލޫއާ ގުޅޭ ކަމެއް ކަމަށް ޝަރިއާތުން ނުދެކެ އެވެ. ސަބަބަކީ އެފަދަ ވާހަކަތަކަކީ އެ ވާހަކައެއް ދެއްކި ކައުންސިލްގެ މެމްބަރެއްގެ އަމިއްލަ ރައުޔު ނުވަތަ ދެކޭ ގޮތް ކަމަށާއި އެއީ ކައުންސިލްގެ ސީދާ ނިންމުންތަކެއް ނޫން ކަމަށް ދައުވާ ލިބޭ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައި ވާތީ އެވެ،" ހުކުމުގައި ވެ އެވެ.

އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ 40 ގޯތި އަނބުރާ ދައުލަތަށް ނަގައި، އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމްގެ ހުޅަނގަށް އޮންނަ ބިމުން ބަދަލުގައި ގޯތި ދޭން ސިޓީ ކައުންސިލުން ނިންމީ މުޅި އައްޑޫގެ މަސްލަހަތަށް ކަމަށް ބުނެ އެވެ. ކައުންސިލުން އެ ގޯތިތައް ނަގަން ނިންމި އިރު، ބައެއް ތަންތަނުގައި ވަނީ އިމާރާތް ކުރަން ވެސް ފަށައިފަ އެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ ހޮސްޕިޓަލް ހުރީ އައްޑޫގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދެއްގައި ކަމަށް ވާތީ، މުޅި އައްޑޫގެ މުސްތަގުބަލަށްޓަކައި އެ ބިން ނެގުން މުހިންމު ކަމަށެވެ.