Roadha Mihaaru
އައްޑޫ ގޯތިތަކުގެ މައްސަލައިގައި ދެގޮތަކަށް ދެ ހުކުމެއް

އައްޑޫގެ ގޯތިތަކުގެ މައްސަލައިގައި ދެ ފަނޑިޔާރުން ނިންމެވީ ދެ ގޮތަކަށް

29 އޯގަސްޓް 2021

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ދެ ގޮތަކަށް ހުކުމް ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ދެ ގޮތަކަށް ހުކުމް ކޮށްފި އެވެ.

އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހެދި ދަރުބާރުގެ ހޮސްޕިޓަލަކަށް ބަދަލު ކޮށްފައިވާއިރު، އެ އިމާރާތުގެ ކައިރިން ކުރިން ދޫކޮށްފައިވާ 40 ގޯއްޗެއް އަނބުރާ ދައުލަތަށް ނަގައި، އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމްގެ ހުޅަނގަށް އޮންނަ ބިމުން ބަދަލުގައި ގޯތި ދޭން ސިޓީ ކައުންސިލުން ނިންމީ މުޅި އެ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ އެވެ. ނަމަވެސް، އެކަމާ ދެކޮޅު ހަދައި ބައެއް ގޯތިތަކުގެ ވެރިން ވަނީ މައްސަލަ ހިތަދޫ ކޯޓަށް ހުށަހަޅައިފަ އެވެ.

ސިޓީ ކައުންސިލާ ދެކޮޅަށް 14 މީހަކު ދައުވާ ކޮށްފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ ހަތް މައްސަލަ ބެއްލެވީ ގާޒީ ރަފީއުއްދީން އަހުމަދެވެ. ބާކީ ހަތް މައްސަލަ ބެއްލެވީ ރަތަފަންދޫ މެޖިސްޓްރޭޓު ކޯޓުން އައްޑު އަށް ޒިޔާރަތް ކުރެއްވި އިސް މެޖިސްޓްރޭޓު ނިހާމު ރަޝީދެވެ.

އެ މައްސަލައިގައި މި މަހުގެ 10 ވަނަ ދުވަހު ގާޒީ ރަފީއުއްދީން ބެއްލެވި ހަތް މައްސަލައިގައި ހުކުމް ކުރެއްވީ ބަންޑާރަ ބިމަކުން ގޯތި ދޫކުރުމަށް ފަހު، ދައުލަތުން އެ ބިން އަނބުރާ ބޭނުން ވެއްޖެ ހާލަތެއްގައި، ގޯތީގެ ވެރިފަރާތާ މަޝްވަރާ ކުރުމަށް ފަހު، "އަދުލުވެރި އިންސާފުވެރި" ބަދަލެއް ދިނުމަށް އެއްބަސްވެ، ބިން ނެގުމުގެ ބާރު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދީފައި ވާތީ، އައްޑޫ ކައުންސިލުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

ނަމަވެސް، ބާކީ ހަތް މައްސަލައިގައި ފަނޑިޔާރު ނިހާމު މިއަދު ހުކުމް ކުރެއްވީ ގޯތިތައް ނަގަން ކައުންސިލުން އިއުލާނު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ، ކައުންސިލުގެ ނިންމުން ބާތިލު ކަމަށް އެ ގާޒީ ކަނޑައެޅުއްވި އެވެ.

ހިތަދޫ މެޖިސްޓްރޭޓު ކޯޓު: ގޯތިތަކުގެ މައްސަލައިގައި އެ ކޯޓުން ނިންމީ ދެ ގޮތަކަށް --

ހިތަދޫ މެޖިސްޓްރޭޓު ކޯޓު: ގޯތިތަކުގެ މައްސަލައިގައި އެ ކޯޓުން ނިންމީ ދެ ގޮތަކަށް --

ގޯތިތަކުގެ ވެރިފަރާތްތައް ތަމްސީލު ކުރައްވާ ވަކީލު "މިހާރު" އަށް ވިދާޅުވީ، ކޯޓުން ދެ ގޮތަކަށް ކަނޑައެޅުމުން މައްސަލައިގައި ނިމުނު ގޮތެއް ސާފު ނުވާ ކަމަށެވެ. އެހެންކަމުން، ކުރީގައި ނިންމި ހަތް މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލާ ދެކޮޅަށް ފަނޑިޔާރު ނިހާމު މިއަދު ކުރެއްވި ހުކުމް އިސްތިއުނާފު ކުރަން އެ ކައުންސިލުން ނިންމި ކަމެއް އަދިއެއް ނޭނގެ އެވެ.

އެއް ބާވަތެއްގެ މައްސަލަތަކުގައި ދެ ގޮތަކަށް ހުކުމް ކުރުމަކީ މީގެ ކުރިން ވެސް ދިމާވެފައިވާ ކަމެކެވެ. އެގޮތުން ހައި ކޯޓުގައި ވެސް އެއް ބާވަތެއްގެ މައްސަލަތައް ދެ ބެންޗަކުން ދެ ގޮތަކަށް ނިންމުމުން އަމަލު ކުރަންވީ ނިންމުމެއް ނޭނގި ބޮޑެތި އޮޅުންބޮޅުން ކުރިމަތިވެފައިވެ އެވެ. އެ މައްސަލަ ހައްލު ކުރަން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެފަދަ މައްސަލަތައް ބަލަން ޖެހޭނީ އެއް ބެންޗަކުން ކަމަށެވެ.