Roadha Mihaaru
އައްޑޫ ގޯތިތަކުގެ ހަތް މައްސަލަ ހައި ކޯޓަށް

އައްޑޫ ގޯތިތައް ނަގަން ނިންމީ ރަނގަޅަށް ކަމަށް ހުކުމް ކުރި ހަތް މައްސަލަ ހައި ކޯޓަށް

06 ސެޕްޓެމްބަރ 2021

އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތަކެއް އެ ސިޓީ ކައުންސިލުން ނަގަން ނިންމީ ރަނގަޅަށް ކަމަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތަކެއް އެ ސިޓީ ކައުންސިލުން ނަގަން ނިންމީ ރަނގަޅަށް ކަމަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހެދި ދަރުބާރުގެ ހޮސްޕިޓަލަކަށް ބަދަލު ކޮށްފައިވާއިރު، އެ އިމާރާތުގެ ކައިރިން ކުރިން ދޫކޮށްފައިވާ 35 ގޯއްޗެއް އަނބުރާ ދައުލަތަށް ނަގައި، އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމްގެ ހުޅަނގަށް އޮންނަ ބިމުން ބަދަލުގައި ގޯތި ދޭން ސިޓީ ކައުންސިލުން ނިންމީ މުޅި އެ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ އެވެ.

ނަމަވެސް އެކަމާ ދެކޮޅު ހަދައި ބައެއް ގޯތިތަކުގެ ވެރިން ވަނީ މައްސަލަ ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅައިފަ އެވެ. ސިޓީ ކައުންސިލާ ދެކޮޅަށް 14 މީހަކު ދައުވާ ކުރި އެވެ. އޭގެ ތެރެއިން ހަތް މީހުންގެ މައްސަލަ މެޖިސްޓްރޭޓު ރަފީއުއްދީން އަހުމަދު ބެއްލެވި އިރު ބާކީ ހަތް މައްސަލަ ބެއްލެވީ ހިތަދޫ ކޯޓަށް ޒިޔާރަތްކުރެއްވި ރަތަފަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު ނިހާމް ރަޝީދެވެ.

އޮގަސްޓު 10 ވަނަ ދުވަހު މެޖިސްޓްރޭޓު ރަފީއުއްދީން ކުރެއްވި ހުކުމުގައި ވަނީ އައްޑޫ ކައުންސިލުގެ އިއުލާނު ނުވަތަ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

ދައުވާކުރާ މީހުން ތަމްސީލު ކުރައްވާ ވަކީލު "މިހާރު" އަށް ވިދާޅުވީ، އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން އެ ކޯޓުގެ ދެކުނު ގޮތްޕަށް ހުށަހަޅާފައިވާ ކަމަށެވެ.

ބަންޑާރަ ބިމަކުން ގޯތި ދޫކުރުމަށް ފަހު، އެ ގޯތައް ނަގަން ބޭނުން ނަމަ ގޯތީގެ ވެރިފަރާތާ މަޝްވަރާ ކުރުމަށް ފަހު، އަދުލުވެރި ބަދަލެއް ދިނުމަށް އެއްބަސްވެ، ބިން ނެގުމުގެ ބާރު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް އޮންނަ ކަމަށާއި އެކަންކުރަން ޖެހޭނީ ކޯޓު މެދުވެރިކޮށް ކަމަށް ރަފީއުއްދީންގެ ހުކުމުގައިވެ އެވެ.

އިސް މެޖިސްޓްރޭޓް ނިހާމް ބެއްލެވި ހަތް މައްސަލައިގައި ވެސް ނިންމެވީ އަދުލުވެރި ބަދަލެއް ދީފައި ބިންތައް ނެގުމުގެ ބާރު ކައުންސިލަށް އޮންނާނެ ކަމަށާއި ބިންތައް ނެގޭނީ ކޯޓު މެދުވެރިކޮށް ކަމަށެވެ.

އެކަމަކު، މެޖިސްޓްރޭޓު ރަފީއުއްދީނާ ހިލާފަށް އޭނާގެ ހުކުމުގައި ވަނީ ސިޓީ ކައުންސިލުން ބިންތައް ނަގަން ކުރި އިއުލާނު ބާތިލުކުރަން ނިންމައިފަ އެވެ. އެއީ އަދުލުވެރި ބަދަލެއް ދީފައި ބިންތައް ނަގަން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ބިމެއް ނަގަން އަންގާ އެންގުމެއްގައި، އެ ބިމެއް ނެގުން އާންމު މަންފާއާ ގުޅިފައިވާ ސަބަބު ބިން ނެގޭ ބޭނުން ވެސް ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށް ބުނެ އެވެ. ސިޓީ ކައުންސިލުގެ އިއުލާނުގައި އެ ކަންކަމެއް ނެތެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިސް ފަރާތްތަކާ ގުޅޭ ގޮތެއް ނުވުމުން މި ހުކުމާ ގުޅިގެން ސިޓީ ކައުންސިލުން އަމަލު ކުރަން ނިންމާފައިވާ ގޮތެއް ސާފުވާ ގޮތެއް ނުވި އެވެ. އިސްތިއުނާފު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެނގިފައި ނުވެ އެވެ.

އެ ބިންތައް ނަގަން ބޭނުންވަނީ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ބޭނުމަށް އެތާ ކައިރިން ބިން ބޭނުންވާ ކަމަށް އެ ހޮސްޕިޓަލުން އަންގާފައިވާތީ ކަމަށް ކައުންސިލުން ބުންޏެވެ.