Roadha Mihaaru
މުދާ ގެނައުމުގައި ބޮޑު ތަކުލީފެއް، އަގުތައް މައްޗަށް!

މުދާ ގެނައުމުގައި ބޮޑު ތަކުލީފެއް، އަގުތައް މައްޗަށް!

15 އޯގަސްޓް 2021

ތަރުކާރީ އާއި މޭވާގެ ވަރަށް ބޮޑު ޝޯޓޭޖެއް ބާޒާރުގައި އެބައުޅެ އެވެ. ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ފަރާތްތަކުން މިހާރު ލަފާކުރާ ގޮތުގައި އަންނަ ހަފުތާގައި ވެސް އޭގެ ވަރަށް ނޭދެވޭ އަސަރުތައް ކުރުން ވަރަށް ގާތެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތަރުކާރީ އާއި މޭވާގެ ވަރަށް ބޮޑު ޝޯޓޭޖެއް ބާޒާރުގައި އެބައުޅެ އެވެ. ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ފަރާތްތަކުން މިހާރު ލަފާކުރާ ގޮތުގައި އަންނަ ހަފުތާގައި ވެސް އޭގެ ވަރަށް ނޭދެވޭ އަސަރުތައް ކުރުން ވަރަށް ގާތެވެ.

ބާޒާރުގައި މިހާރު އޮތް ޝޯޓޭޖް ނުފިލައިފި ނަމަ އާންމުކޮށް ތިން ރުފިޔާ އަށް ލިބެން ހުންނަ އޮރެންޖް 6ރ. އަދި 5ރ. އަށް ލިބޭ އާފަލު 8ރ. ރުފިޔާ އަށް އަގު އުފުލޭނެ އެވެ. ބާޒާރުން ލޮނުމެދު، ކެރެޓް އަދި އިނގުރު މިހާރު ވެސް ހުރީ ގާތްގަނޑަކަށް ހުސްވެފަ އެވެ.

ބާޒާރުން ކުރިން ވަރަށް ފަސޭހައިން ލިބެން ހުންނަ ބައެއް ބާވަތްތައް ކަމަށްވާ ކެރެޓާއި ލޮނުމެދުގެ އަގު ވަނީ މީގެ ކުރިން ނާރާހާ މައްޗަށް ގޮސްފަ އެވެ. ކުރިން 25ރ. އަށް ކިލޯ ވިއްކަމުންދިޔަ އެ ދެ ބާވަތުގެ ކިލޯއެއްގެ އަގު އުޅެނީ 150ރ. އަށް ވުރެ މަތީގަ އެވެ. ބާޒާރުން އެ ތަކެތި އެހެން ކުދި ފިހާރަތަކުން އެ ބާވަތްތަކުގެ އަގުތައް ހުރީ އަތްނުފޯރާ ފަށުގަ އެވެ.

މި ވަގުތު ރާއްޖެ އަށް މޭވާ އާއި ތަރުކާރީ އެންމެ ފުޅާ ދާއިރާގައި އެތެރެކުރަމުން އަންނަ އެއް ކުންފުންޏަކީ ފްރޮންޓިއާ މާކެޓް އެންޓަޕްރައިޒަސް އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަފީގު ވިދާޅުވީ، ކާބޯތަކެތި ހޯދުމުގައި އެހާ ބޮޑަށް ލަސްވެގެން އުޅެނީ ލަންކާގެ ބަނދަރުން ތެކެތި ރާއްޖެ އަށް މުދާ ގެނައުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ.

"މިދިޔަ މަހުގެ ޖުލައި 25 އިން ފެށިގެން ޝިޕްމެންޓެއް އަދި ނާދޭ. އަޅުގަނޑުމެން މި ގެންނަނީ ޕެރިޝަބަލް ސާމާނު. ލަންކާކޮޅުން ތަކެތި ގެންނަން ބޮޑެތި ޑިލޭތައް އެބަހުރި. އަނެއްކޮޅުން ޗައިނާ ބަންދުކޮށްފައި އޮތުމުމުން އެ ގައުމުން ކުރިން އަގު ހެޔޮކޮށް ގެންނަ ސާމާނު ގެންނަން ޖެހެނީ އެހެން ގައުމުތަކުން،" އޭނާ ވިދާޅުވި އެވެ.

ބާޒާރުމަތީގައި ބަޔަކު ސައިކަލުގައި މުދާ އުފުލަނީ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އާ ޝިޕްމެންޓެއް ނުލިބިއްޖެ ނަމަ އިތުރު ތަކެތީގެ އަގު އުފުލޭނެ.-- ފައިލް ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ބާޒާރުމަތީގައި ބަޔަކު ސައިކަލުގައި މުދާ އުފުލަނީ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އާ ޝިޕްމެންޓެއް ނުލިބިއްޖެ ނަމަ އިތުރު ތަކެތީގެ އަގު އުފުލޭނެ.-- ފައިލް ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ރަފީގު ވިދާޅުވީ، ޗައިނާ އިން ކުރިން ގެންނަ ކެރެޓާއި ލޮނުމެދު ފަދަ ތަކެތި މި ވަގުތު ގެންނަނީ ލަންކާ އާއި އިންޑިއާ އާއި ތުރުކީންނެވެ. އަދި މިހާރު ތަކެތި ގެންނަ ގައުމުތަކުން ތަކެތި ލިބުމުގައި ވަރަށް ބޮޑަށް ތާށިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮވިޑްގެ ތެރޭގައި ވެސް ލަންކާއިން މުދާތައް ގެނައުމަށް ނަގަނީ 30 ވަރަކަށް ދުވަސް ނަމަވެސް މިހާރު ދެ މަހުން ވެސް ޝިޕްމެންޓެއް ގެނައުމަކީ ދަތި ކަމެކެވެ. މިކަމުގެ ސަބަބުން ވެސް ބޮޑެތި ހަރަދުތަކެއް އިމްޕޯޓަރުން ކުރަން ޖެހެ އެވެ. ބާޒާރުން ސްޓޮކް ހުސްނުވެ، އާންމުންނަށް ލިބޭ ގޮތް ހެދުމަށް ބައެއް މޭވާ އާއި ތަރުކާރީ އެއާފްރައިޓްކޮށް ގެނެ އެވެ. އެކަމަކު މިއީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެކެވެ.

"އާންމުންނަށް ހީވަނީ މުދާ ހުސްވުމުން ހަމަ ތިބެފައި ތަކެތި އަގުބޮޑުކުރަނީއޭ. އެކަމަކު އެހެންނެއް ނޫން ވަނީ. އަޅުގަނޑުމެން ޖެހެނީ އެއާޕްރައިޓްކޮށް ތަކެތި ގެންނަން. އެގޮތަށް ތަކެތި ގެނައުމުން އަގު އެބަ ދެގުނަ ތިން ގުނަ އުފުލޭ،" އޭނާ ވިދާޅުވި އެވެ.

އިމްޕޯޓަރުން ތަކެއްޗަށް އޯޑަރު ދެނީ އެންމެ ފަހު ވަގުތު

ކޮވިޑްގެ ހާލަތަށް ފަހު ޕޯޓުތައް ހުޅުވާލުމާ އެކު ދުނިޔޭގެ އެންމެ ބޮޑެތި ޕޯޓުތައް އޮތީ އެކި ކަންކޮޅުތަކުގެ ކޮންޓެއިނާ ބޯޓުތަކުން ފުރާލައިފަ އެވެ. ކޮވިޑްގެ ހާއްސަ އުސޫލުތަކުގެ ތެރެއިން ކޮންޓެއިނާތައް ކްލިއާ ކުރުމަށް އެތައް ދުވަހެއް ނަގަ އެވެ. ގިނަ ދުވަހު މަޑުކުރަން ޖެހޭތީ ބައެއް ބޯޓުތައް ޕޯޓުތަކަށް މުދާތައް ނުބާލާ ފުރަނީ އެވެ. މިހެންވެ ބައެއް މުދާތައް ގައުމުތަކަށް ލިބުމުގައި ދަތިވެ، ކޮންޓެއިނަރުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ކުރިން ޗައިނާ އާއި އެމެރިކާއާ ދެމެދުގައި ކޮންޓެއިނާގެ އަގު 2،000 ޑޮލަރުގައި އުޅުނު ނަމަވެސް މިހާރު ވަނީ ކޮންޓެއިނާގެ އަގު 10،000 ޑޮލަރަށް އަރައިފަ އެވެ. އެހެން ެވީ ބަނދަރުތަކުގައި ކޮންޓެއިނާތައް ތާށިވެ، އިތުރަށް މުދާ އުފުލާނެ ކޮންޓެއިނާ ނެތުމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ ޕޯޓު، ޗައިނާގެ ޝަންހާއީ ޕޯޓުގައި ނިންބޯ ޕޯޓު ވެސް މި ވަގުތު އޮތީ ބޯޓުތަކުން ފުރިފަ އެވެ. ޗައިނާގެ ދެކުނުގެ ސަރަހައްދުގައި އަނެއްކާ ވެސް ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެ ދެ ޕޯޓުގައި ވެސް ބޯޓުތައް މިހާރު 14 ދުވަހާއި 28 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހެ އެވެ.

މާލޭ ކޮމާޝަލް ހާބަރު ސަރަހައްދު: ކޮންޓެއިނާ ބޯޓުތަކުން ތަކެތި ގެނައުމުގައި ބޮޑެތި ޑިލޭތައް މުޅި ދުނިޔެއަށް އޮތީ ކުރިމަތިވެފައި-- ފޮޓޯ: ކަސްޓަމްސް

މާލޭ ކޮމާޝަލް ހާބަރު ސަރަހައްދު: ކޮންޓެއިނާ ބޯޓުތަކުން ތަކެތި ގެނައުމުގައި ބޮޑެތި ޑިލޭތައް މުޅި ދުނިޔެއަށް އޮތީ ކުރިމަތިވެފައި-- ފޮޓޯ: ކަސްޓަމްސް

ސެންޗޫރިއަންގެ ޗެއާމަން އަހުމަދު މައުމޫން (ކެޕްޓަން މާނު) ވިދާޅުވީ، ކޮންޓެއިނާގެ އަގުތައް ދުނިޔޭގައި އެހާ ބޮޑަށް އުފުލިފައިވާ އިރު ވެސް ރާއްޖޭގެ އިމްޕޯޓަރުން ތަކެތި ގެންނަން އުޅެނީ މާ ލަހުން ކަމަށެވެ. މިހާރު މީ ކޮވިޑްގެ ހާލަތުކަން ދަނެ މުދާ ގެންނަން އަވަހަށް އުޅެން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ކޮވިޑްގެ ކުރިން 2،000 ޑޮލަރަށް ލިބުނު ކޮންޓެއިނާތަކުގެ އަގު މިވަނީ 3،500 ޑޮލަރާއި 4،000 ޑޮލަރާ ދެމެދުގެ އަގުތަކަކަށް އުފުލިފައި. އަނެއްކޮޅުން ބޯޓުތަކުން ޖާގަ ހޯދަން އިމްޕޯޓަރުން އުޅެނީ މާލަހުން،" އޭނާ ވިދާޅުވި އެވެ.

މާނު ވިދާޅުވީ، ލަންކާއިން ތަކެތި ގެނައުމުގައި މާ ބޮޑު ޑިލޭތަކެއް ދިމާ ނުވި ނަމަވެސް، ލަންކާއާ ހަމައަށް ތަކެތި ފޯރަން ވަރަށް ދުވަސް މިހާރު ނަގާ ކަމަށެވެ. މިއީ ކޮވިޑާ ގުޅިގެން ޕޯޓުގެ މަސައްކަތްތައް ލަސްވުމުން ދިމާވެގެން އުޅޭ ޑިލޭތަކެކެވެ.

ގައުމީ ޝިޕިން ކުންފުނީގެ ބޯޓުގެ ޖާގަކުޑަކޮށްފި

ސަރުކާރު ހިއްސާވާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގެނެސްގެން އުޅުނު، އެއް ފަހަރާ އުފުލަމުން އައި 700 ކޮންޓެއިނަރު ބޯޓުގެ މުއްދަތު ހަމަވުމުން މިހާރު ގެންގުޅެނީ އެހެން އެއަށްވުރެ ޖާގަ ކުޑަ ބޯޓެކެވެ.

ލިލީ ޝިޕިންގެ ވެރިޔާ މައްލާ އަހުމަދު ނާސިރު ވިދާޅުވީ، އެމްއެސްއެސް އިން ތަކެތި ގެނައުމުގައި އުޅޭ ތާށިތަކާ ހެދި ވެސް ރާއްޖެ އަށް މުދާ ގެނައުމުގައި ދަތިތައް އެބައުޅޭ ކަމަށެވެ. އެމްއެސްއެސް މެދުވެރިކޮށް ތަކެތި ގެނައުމުގައި ތާށިވާން ދިމާވީ އެ ކުންފުނިން ގެންގުޅުނު ބޯޓުގެ ކުލީ މުއްދަތު ހަމަވެ، އެހެން ބޯޓެއް ހަމަޖައްސަން ނެގި ދުވަސްތަކުގެ ސަބަބުންނެވެ.

އެއާޕޯޓުން އެއާޕްރައިޓްކޮށް ގެނެސްފައި ހުރި ބައެއް ތަކެތި: އެއާޕްރައިޓްކޮށް ތަކެތި ގެނައުމަށް އަގު އެތައް ގުއަކަށް އުފުލޭ--

އެއާޕޯޓުން އެއާޕްރައިޓްކޮށް ގެނެސްފައި ހުރި ބައެއް ތަކެތި: އެއާޕްރައިޓްކޮށް ތަކެތި ގެނައުމަށް އަގު އެތައް ގުއަކަށް އުފުލޭ--

ފްރޮންޓިއާ މާކެޓްގެ ވެރިޔާ ރަފީގު ވިދާޅުވީ، އެމްއެސްއެސް އިން ތަކެތި ގެނައުމުގައި ބޮޑެތި ޑިލޭތަކެއް އުޅޭ ކަމަށެވެ. އަދި ޑިލޭގެ ސަބަބުން މުދާ ގެނައުމުގައި އުނދަގޫތައް ދިމާވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެސްއެސް އަކީ މިދިޔަ ދުވަސްތަކުގައި އެންމެ ފަސޭހައިން މުދާ އެތެރެ ކުރަމުން އަންނަ ބޯޓު ނަމަވެސް، އެ ބޯޓުގެ މުއްދަތު ހަމަވެ، އާ ބޯޓެއް އައުމަށް ދުވަސްކޮޅެއް ނެގި ކަމަށެވެ.

އެހެން ނަމަވެސް އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ސައީދު ވިދާޅުވީ އެ ކުންފުނިން މުދާ ގެނައުމުގައި މާބޮޑު ޑިލޭތަކެއް ނޫޅޭ ކަމަށެވެ.

"އެބަ އުތަޅޭ ތިން ހަތަރު ދުވަހުގެ ޑިލޭތައް. އެކަމަކު އެއީ އާންމުކޮށް ވެސް އެހެން އުޅޭ ޑިލޭތައް،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ކުރިން ގެންގުޅުނު ބޯޓުގެ ދޫކޮށްލުމަށް ފަހު މިހާރު ގެންގުޅެނީ "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެއީ 400 ޓަނުގެ ކޮންޓެއިނާ އުފުލޭ ބޯޓެކެވެ. އޭނާ ވިދާޅުވީ، މިހާރު ގެންގުޅޭ ބޯޓުން ކޮންޓެއިނާ އުފުލޭ ވަރު މަދުވި ނަމަވެސް، މިހާތަނަށް އެއްވެސް ޝިޕްމެންޓެއްގައި 400 އަށް ވުރެ ގިނަ ކޮންޓެއިނާ އުުފުލަން ނުޖެހޭ ކަމަށެވެ.

"ބޯޓު ފުލްކޮށް ނުގެންނަން. އެވަރަށް އޯޑަރުތައް ނުލިބޭ. އެހެންވީމަ ބޯޓު ބަދަލުކުރުމުން ވިޔަފާރިވެރިންނަށް އުނދަގުލެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް މުދާ އައުމުގައި ބޮޑެތި ލަސްތައް ކުރިމަތިވެ، ބައެއް މުދާތައް ބާޒާރުން ހުސްވަމުންދިޔަ ނަމަވެސް މިކަމަށް ހައްލުތަކެއް ލިބެން ވަރަށް ދުވަސް ނަގާނެ ކަމަށް މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެ އެވެ. ސަބަބަކީ ދުނިޔޭގެ އެންމެ ބޮޑެތި ޕޯޓުތަކުގެ އޮޕަރޭޝަންތައް ބޯޓުތައް ޕޯޓުތަކުގައި ތޮއްޖެހުމެވެ. މިކަން ހަމަޔަކަށް އެޅެން އަހަރެއް ވަރު ނަގާނެ އެވެ. އެހެން ކަމުން އިމްޕޯޓަރުން މި ޑިލޭތަކަށް ވިސްނައިގެން ކުރިއާލާ، ތަކެތި ގެންނަން މަސައްކަތް ކުރަން ވަރަށް މުހިއްމެވެ.