Roadha Mihaaru
ވިލާ ހައި ސްކޫލުން އޭލެވެލް އަށް ފުރުސަތު ހުޅުވާލައިފި

ވިލާ ހައި ސްކޫލްގައި އޭލެވެލް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

10 އޯގަސްޓް 2021

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ ސްކޫލުގައި ބޭއްވި މީޑިއާ ބްރީފިންގައި ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ ވިލާ ސްކޫލުގައި 11 އަދި 12 ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް އަދި ފޯމު ހުށަހަޅައިގެން ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

އޯލެވެލްގެ ފަސް މާއްދާއިން ފާސްވެއްޖެ ނަމަ އެ ދަރިވަރެއްގެ އަތުން ފީ ނުނަގައި ކިޔެވޭނެ އެވެ. އެކަމަކު ފަސް މާއްދާއަށް ވުރެ މަދުން ފާސްވެފައިވާ ނަމަ ފީގެ ގޮތުގައި ކޮންމެ މަހަކު 2،400ރ. ދައްކަން ޖެހޭނެ އެވެ.

ސައީދު ވިދާޅުވީ އެ ސްކޫލަށް އަލަށް ވަންނަ ދަރިވަރުންނާއި މިހާރު އެ ތަނުގައި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ތިން ވައްތަރެއްގެ ސްކޮލަޝިޕަކަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެއީ އޯ ލެވެލް އިން ގައުމީ ގަދަ 10ގެ އެއްވަނަ ލިބޭ ދަރިވަރުންނަށް ބްރިލިއަންޓް ސްކޮލަޝިޕް، ވަކިވަކި މާއްދާތަކުން އެއްވަނަ ލިބުނު ދަރިވަރުންނަށް ސަބްޖެކްޓް އެކްސްޕާޓް ސްކޮލަޝިޕް އަދި އެޑިއުކޭޝަންގެ ކަލަންޑަރުގައި ހިމެނިފައިވާ ކުޅިވަރު މުބާރާތަކުން އެއްވަނަ ލިބޭ ދަރިވަރުންނަށް ސްޕޯޓްސް ސްކޮލަޝިޕެވެ.

"މަތީ ސާނަވީ ތައުލީމުގެ ރަނގަޅު ތަޖުރިބާއެއް އެންމެ ފުރިހަމައަށް ދެވެން އޮތް ސްކޫލަކީ ވިލާ ސްކޫލު. ސްކޫލުގައި ވަސީލަތްތައް ފުރިހަމަވުމުގެ އިތުރުން އެންމެ ގާބިލް ޓީޗަރުން ތިބީ ވެސް މި ސްކޫލުގައި،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައިންސް އަދި ބިޒްނަސް ސްޓްރީމް ކިޔަވައިދޭ ވިލާ ހައި ސްކޫލުން މަސައްކަތް ކުރާނީ ދަރިވަރުންގެ ހުނަރު ތަރައްގީކޮށް އިސްލާމީ ރިވެތި އަހުލާގާއި ގައުމީ ލޯބި އުފައްދައި މުސްތަގުބަލުގައި ގައުމަށް ހިދުމަތްކޮށްދޭނެ ދަރިވަރުން އުފެއްދުމަށެވެ.

މީގެ 11 އަހަރުކުރިން އުފެއްދި ވިލާ ހައި ސްކޫލުގައި މިހާރު ވެސް 500 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.