10 އޯގަސްޓް 2021
މޫސުމީ ބަދަލުތަކާ ބެހޭ އދ.ގެ އިދާރާ، އިންޓަގަވަރްމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން އިއްޔެ ނެރުނު ރިޕޯޓުގައި ހުރި ވާހަކަތަކަކީ، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަންތައްތަކެއް ކަމަށް، ދުނިޔޭގެ ލީޑަރުން ވިދާޅުވާން ފައްޓަވައިފި އެވެ.
މޫސުމީ ބަދަލުތަކާ ބެހޭ އދ.ގެ އިދާރާ، އިންޓަގަވަރްމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން އިއްޔެ ނެރުނު ރިޕޯޓުގައި ހުރި ވާހަކަތަކަކީ، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަންތައްތަކެއް ކަމަށް، ދުނިޔޭގެ ލީޑަރުން ވިދާޅުވާން ފައްޓަވައިފި އެވެ.
އައިޕީސީސީން ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ ހޫނުމިން ވަރަށް ހަލުވިމިނެއްގައި މައްޗަށް އެބަދެ އެވެ. އޭގެ ސަބަބުން، ދުނިޔޭގެ މޫސުމަށް ނުރައްކާތެރި ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް އިންޒާރުކޮށް، މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލާފައިވެ އެވެ.
މިދިޔަ އަހަރުތަކުގައި ދުނިޔޭގެ ހޫނުމިނަށް އައި އަދި މިހާރު ވެސް އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކޮށް، މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ، ކުރިމަގުގައި ކުރިމަތިވެދާނެ ނުރައްކާތެރި ކަންތައްތަކެއް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން މޫސުމަށް އާދަޔާ ޚިލާފު ބަދަލުތަކެއް އައުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ހަނަފަސްކަން މެދުވެރިވުމާއި ފެންބޮޑުވުމުގެ އިތުރުން، ބައެއް ސަރަހައްދުތައް ކާބޯތަކެއްޗަށް ޖެހިދާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ.
އެމެރިކާގެ ކެލިފޯނިއާ އަށް ކުރިމަތިވި ހޫނުގެ ސަބަބުން ގަސްތަކެއްގައި ރޯވެ އަނދާފައި.
މީގެ އިތުރުން، މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން، އިންސާނުންގެ ސިއްހަތަށާއި ދުނިޔޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް އައިޕީސީސީގެ ރިޕޯޓްގައި އިންޒާރުކޮށްފައިވެ އެވެ. މިކަމުގައި ފަގީރު ގައުމުތަކާއި މުއްސަނދި ގައުމުތަކެއް ތަފާތެއް ނެތް ކަމަށާއި، ނަމަވެސް ލިބޭ ގެއްލުންތަކުގެ އަސަރު ބޮޑަށް ކުރާނީ، ފަގީރު ގައުމުތަކަށް ކަމަށް ބުނެފައިވެ އެވެ.
އައިޕީސީސީގެ ރިޕޯޓަކީ، އިންސާނުންނަށް ތަހައްމަލު ނުކުރެވޭ ވަރުގެ ހޫނުމިނާއި އެކަށީގެން ނުވާ ވަރުގެ މޫސުމެއް ހިމެނޭ ޕްލެނެޓެއްގައި ކަންތައް ހުންނާނެ ގޮތް ތަސައްވުރު ކޮށްދޭ ސައެންޓިފިކް ދިރާސާއެކެވެ.
އެހެން ނަމަވެސް ބައެއް ސައެންސްވެރިންނާއި ދުނިޔޭގެ ބައެއް ލީޑަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ދުނިޔެ ހޫނުވުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމުގެ ވަގުތު އަދި ފާއިތެއް ނުވެ އެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ދުނިޔޭގެ ގައުމުތަކުން އަވަހަށް ފިޔަވަޅު އަޅާ ވަރަކަށް، މިހާރުގެ ޖީލަށާއި ކުރިމަގުގެ ޖީލުތަކަށް ކުރިމަތިވާ ނުރައްކާތައް މަދުވާނެ އެވެ.
"މިރިޕޯޓުން ލިބިދޭ އެއް އިޝާރާތަކީ، މިކަމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އަދިވެސް އެބަ އޮތްކަން. އަދި އަވަސް ފިޔަވަޅުތަކެއް އަޅައިފިއްޔާ އަވަސް ގޮތެއްގައި އޭގެ ރަނގަޅު ނަތީޖާ ވެސް ފެންނާނެ،" ކެނެޑާގެ ތިމާވެއްޓާއި މޫސުމާ ބެހޭ އިދާރާގެ އިސް ސައެންސްވެރިޔާ ޑރ. ގްރެގް ފްލޭތޯ ވިދާޅުވި އެވެ.
އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ގްރީސްގެ ޖަންގައްޔެއްގައި ރޯވެ އަނދާފައި.
މިއިން އެނގެނީ، ބިމު އަޑިން ނަގާ ތެލުގެ ބާވަތްތަކުން ހަކަތަ އުފެއްދުން ހުއްޓައިލުމަށް ނުވަތަ މަދުކުރުމަށް، ހުރިހާ ގައުމުތަކުން ވެސް ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމެވެ. ކަރަންޓުން ދުއްވާ އުޅަނދުތައް އިތުރުކޮށް، ކަރަންޓު ހަރަދު ކުޑަވާ ފަދަ އިމާރާތްތައް ހެދުމާއި، ގަސްތައް ގިނަ އަދި ފިނި ސަހަރުތައް ބިނާކުރުމާއި، މާހައުލީ ނިޒާމު ސުންނާފަތި ނުވާ ފަދަ ދަނޑުވެރިކަމެއް އާލާކުރުމެވެ.
"މި ރިޕޯޓަކީ، އަހަރެމެންގެ މި ބިން ސުންނާފަތިވެގެން ނުދަނީސް، ބޯޓުދެއްޔާއި، ބިމުއަޑިން ނަގާ ތެލުގެ ބާވަތްތަކުން ހަކަތަ އުފެއްދުން ހުއްޓައިލަން ވެއްޖެ ކަމުގެ، އިންޒާރުގެ ބަރުގޮނެއް،" އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވި އެވެ.
"އޭ ފޮސިލް ފިއުލް ސިނާއަތެވެ. އަހަރެމެން ދެން ކުރިމަތިލާނީ ކޯޓުންނެވެ." ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ ގްރީންޕީސްގެ ފަރާތުން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ. އެމެރިކާގެ ރައީސްގެ ތިމާވެއްޓާ ބެހޭ ހާއްސަ މަންދޫބު ޖޯން ކެރީ ވިދާޅުވި ގޮތުގައި، މިއީ ތަރައްގީގެ މަގުގައި ދުނިޔެ މުޅިން އެހެން ރާސްތާއެއް ޚިޔާރުކުރަންވީ ވަގުތެވެ.
"އަހަރެމެންނަށާއި ކުރިމަގުގެ ޖީލަށްޓަކައި، އެހެން ރާސްތާއެއް ޚިޔާރު ނުކޮށްފި ނަމަ، އާދަޔާ ހިލާފަށް ހޫނުވުމާއި، ޖަންގަލިތަކުގައި ރޯވުމާއި، އާދަޔާ ހިލާފަށް ވާރޭ ވެހުމާއި ފެންބޮޑުވުން ފަދަ މޫސުމީ މައްސަލަތަކުގެ ނުރަނގަޅު އަސަރުތައް އަދިވެސް ދާނީ އިތުރުވަމުން،" ޖޯން ކެރީ ވިދާޅުވި އެވެ.
އަޔަލޭންޑްގެ ކުރީގެ ރައީސް ޑރ. މޭރީ ރޮބިންސަން ވިދާޅުވި ގޮތުގައި އައިޕީސީސީގެ ރިޕޯޓުން އެނގެނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދާ މިންވަރު 1.5 ޑިގްރީ ސެލްސިއެސްގައި ހިފެހެއްޓުމުގެ ފުރުސަތު ކުޑަ ކަމެވެ. ނަމަވެސް ސައެންޓިފިކް ގޮތުން ބަލާއިރު އެކަން އަދިވެސް ކުރެވިދާނެކަން މި ރިޕޯޓުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޮންކޮންގް ޝަންހާއީ ބޭންކް (އެޗްއެސްބީސީ)ގެ ތިމާވެއްޓާއި އިޖްތިމާއީ އަދި ހިންގުންތެރިކަމުގެ ދިރާސާތަކާ ބެހޭ ވެރިޔާ ވެއި-ޝިން ޗާން ވިދާޅުވި ގޮތުގައި، ތިމާވެށީގެ މައްސަލަތަކަށް ބޮޑު ބަދަލެއް ގެނެވޭނެ އެއް ބަޔަކީ އިންވެސްޓަރުންނެވެ.
"މޫސުމަށް އަންނަ ބަދަލުތަކުން ނުކުންނަ ނޭދެވޭ ނަތީޖާތައް މަދުކުރުމަށް ބޭނުންވާ މިންވަރަށް، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ދަށްކުރުމަށްޓަކައި، ގޮތް ނިންމާ ފަރާތްތަކަށް ބާރުއެޅުމަށް، އިންވެސްޓަރުންގެ ނުފޫޒު މިހާރަށް ވުރެ ބޮޑަށް ބޭނުންކުރަންވީ،" އެޗްއެސްބީސީގެ ވެއި-ޝިން ޗާން ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާ އަށް ފަހު ތުރުކީގައި ފެންބޮޑުވަނީ
ހޫނު އެންމެ ގަދަވީ މިދިޔަ 8 އަހަރު: ރިޕޯޓް
މިހާތަނަށް އެންމެ ހޫނު އަހަރު: 2023
ސައެންސްވެރިން ކުރި އިންޒާރު ތެދަކަށް ވެއްޖެ
އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް ހޫނު ދުވަހެއް
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން
ޕާކިސްތާނުގެ ފެންބޮޑުވުމުގައި އިތުރު މީހުން މަރުވަނީ
ޕާކިސްތާނަށް އެހީވުމަށް 160 މިލިއަން ޑޮލަރު ބޭނުން
ކަނޑުގެ ލޮނުގަނޑު އުފުލެނީ، ހުއްޓުވޭނެ ގޮތެއް ނެތް