Roadha Mihaaru
ދަގަނޑު ދަށްކުރުމަށް ތެލެސީމިއާ ކުދިންނަށް އާ ބޭހެއް

ދަގަނޑުގެ ބައި ދަށްކުރުމަށް ތެލެސީމިއާ ކުދިން އާ ބޭހެއް ބޭނުންކުރަން ފަށައިފި

05 އޯގަސްޓް 2021

ތެލެސީމިއާ ކުދިންގެ ދަގަނޑުގެ ބައި ދަށްކުރުމަށް ރާއްޖޭގައި އާ ބޭހެއް ބޭނުންކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތެލެސީމިއާ ކުދިންގެ ދަގަނޑުގެ ބައި ދަށްކުރުމަށް ރާއްޖޭގައި އާ ބޭހެއް ބޭނުންކުރަން ފަށައިފި އެވެ.

މޯލްޑިވްސް ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު "މިހާރު" އަށް އިއްޔެ ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ރާއްޖޭގައި ބޭނުންކުރަން ފެށީ "ޖޭޑްނޫ" ނަމަކަށް ކިޔާ ގުޅަ ބޭހެއް ކަމަށެވެ. ކޮންމެ ދުވަހަކު ކާންޖެހޭ އެ ބޭހަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ ލިބިފައިވާއިރު ބޭސް ބޭނުންކުރަން އަދި ފެށީ މަދު ބައެކެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި ވަނީ ފެނަށް ނުވަތަ ޖޫހަށް ވިރުވައިގެން ބޯ ބޭހެއް ތެލެސީމިއާގެ ކުދިންނަށް ތައާރަފުކޮށްފަ އެވެ. އެއީ ވެސް ދުވާލަކު އެއްފަހަރާ ބޭނުންކުރަންޖެހޭ ބޭހެކެވެ.

ދަގަނޑުގެ ބައި ދަށްކުރުމަށް އުފައްދާފައިވާ އެ ދެ ބޭހުން ވެސް ލިބެނީ ފައިދާއަކަށް ވާތީ އެއް ފަހަރާ އެ ދެ ބޭހެއް ބޭނުމެއް ނުކުރެވޭނެ އެވެ.

ޑރ. އުމަރު ވިދާޅުވީ "ޖޭޑްނޫ" ބޭސް ބޭނުންކުރަން ފެށި ކުދިންނަށް އެއްވެސް އަސަރެއް ކުރޭތޯ ނުވަތަ ބަދަލެއް އާދޭތޯ ބަލާނެ ކަމަށެވެ. އިތުރު ބަޔަކަށް އެ ބޭސް ދޭނީ އޭގެ ފަހުންނެވެ.

"ކުރީގައި ބޭނުންކުރާ ބޭސްތަކަށް ބަދަލެއް ނުގެންނާނެ. ބައެއް ކުދިން ހުންނާނެ ޑެސްފަރޯލް އެކަނި ބޭނުންކުރާ ކުދިން. ދެން ތިބި ކުދިން ޑެސްފަރޯލާއެކު ބޭސް ބޭނުންކުރާއިރު އަނެއް ބައި ކުދިން ހަމައެކަނި ބޭސް ކައިގެން ވެސް އުޅޭ. އެ ކުއްޖެއްގެ ހާލަތުން ތަފާތުވާނީ. އެކަމަކު މި ފަހުން ތައާރަފުކުރި ބޭހާއެކު އެއްވެސް ކުއްޖަކު ޑެސްފަރޯލް ބޭނުންކުރުން ހުއްޓައެއް ނުލާ." ޑރ. އުމަރު ވިދާޅުވި އެވެ.

ހަށިގަނޑުގައި ހުންނަ ދަގަނޑުގެ ބައި ދަށްކުރުމަށް ދުނިޔޭގައި ވެސް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ޑެސްފަރޯލެވެ. އެއީ، ދެ ހަން ދޭތެރެއަށް ކައްޓެއް ޖަހައިގެން ޕަމްޕެއް މެދުވެރިކޮށް ފޯރުކޮށްދޭންޖެހޭ އިންޖެކްޝަނެކެވެ. ނަމަވެސް، އެ ކަށި ޖަހައިގެން ކޮންމެ ދުވަހަކު ވެސް އަށެއްކަ ގަޑިއިރު ވަންދެން އިންނަން ޖެހުމަކީ ލޭއަޅާ ކުދިންނަށް ބޮޑު ގޮންޖެހުމެކެވެ.

އާއްމު އިންޖެކްޝަނަކާ ޑެސްފަރޯލްގެ ތަފާތަކީ އެއީ އެވެ. ދަގަނޑުގެ ބައި ދަށްކުރާ އިންޖެކްޝަން ބޭނުންކުރަން ޖެހެނީ މަޑުމަޑުން، ލަސްލަހުންނެވެ. ޑރ. އުމަރު ވިދާޅުވި ގޮތުގައި، ވީހާ ވެސް ގިނައިރު ވަންދެން ޑެސްފަރޯލް ގުޅައިގެން ހުންނަންޏާ އޭގެ އަސަރު ބޮޑުވާ ކަމެވެ.

ޖޭޑްނޫ ބޭނުންކުރާ ގައުމުތަކުގައި ހަދާފައިވާ ދިރާސާތަކުގެ އަލީގައި ޑރ. އުމަރު ވިދާޅުވީ އެ ބޭސް ބޭނުންކުރަން ފެށުމުން ކުދިންނަށް ހެޔޮ އަސަރު ކުރާ ކަމަށެވެ. އެގޮތަށް، ކުދިންގެ ސިއްހަތަށް އެކަށީގެންވާ ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތެލެސީމިއާ ސެންޓަރުގައި މިހާރު ވެސް 800 އެއްހާ ކުދިން ރަޖިސްޓްރީވެފައި ވެ އެވެ.