Roadha Mihaaru
ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރާތީ ޝަހީމްގެ ރައްދު

ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރާތީ ޝަހީމް ހިތްހަމަނުޖެހިފައި!

03 އޯގަސްޓް 2021

ގޮތް ނޭނގޭ މަރުތަކާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުމެއް ނެތް ކަމަށް ކުރިން ނިންމާފައި އޮއްވައި، މަރު ކޮމިޝަނަށް އެމަނިކުފާނު މިއަދު ހާޒިރުކުރާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގޮތް ނޭނގޭ މަރުތަކާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުމެއް ނެތް ކަމަށް ކުރިން ނިންމާފައި އޮއްވައި، މަރު ކޮމިޝަނަށް އެމަނިކުފާނު މިއަދު ހާޒިރުކުރާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަދި ޕީޕީއެމް ކޯލިޝަންގެ އެޑްވައިޒަރު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ހާޒިރުކުރަނީ ޒާތީގޮތުން ޖައްސާލައި ޖެއްސުން ކުރުމަށް ކަމަށެވެ. ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ޔާމީން ހާޒިރުކުރާނީ މިއަދު ދޭއް ޖަހާއިރު އެވެ.

ޝަހީމް ވިދާޅުވީ ޔާމީނާއި މަރުތަކާ އެއްވެސް ގުޅުމެއް ނެތްކަން ތަހުގީގަށް އެނގޭ ކަމަށް ބުނެ އެކަން މަރު ކޮމިޝަނުން ކުރިން އިއުލާން ވެސް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ޔާމީނަށް ޒާތީ ގޮތުން ދިމާކޮށް ޖެއްސުން ކުރުމަކީ ދެރަވަރު ކަމެއް ކަމަށާއި ޕްރޮފެޝަނަލްކޮށް ކުރަންޖެހޭ ކަންކަން ސިޔާސީ ވެގެންނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގަށް ޔާމީނާ ސުވާލުކުރަން ބޭނުންވާތީ ހާޒިރުވާން އެންގި ނަމަވެސް އެކަމާ ގުޅޭ ތަފްސީލު މަރު ކޮމިޝަނަކުން ނުދެ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޔާމީން ހާޒިރުކުރަނީ އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަންކަމާ ބެހޭ ގޮތުން ސުވާލު ކުރުމަށެވެ.

ކޮމިޝަނަށް ޔާމީން ހާޒިރުކުރާތީ އިދިކޮޅުގެ އިސްވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މީގެ ހަތް އަހަރު ކުރިން ރިލްވާން ގެއްލުމާ ބެހޭ ގޮތުން ބައެއް ކަންކަން ހޯދައި ކޮމިޝަނުން ވަނީ އެކަންކަން ހާމަކޮށްފަ އެވެ. އެގޮތުން އޭނާ ވަގަށް ނެގުމަށް ފަހު ބޯ ކަނޑާލައި މަރާލާފައިވާ ކަމަށާއި އެކަން ކުރީ ހަަރުކަށި ފިކުރުގެ ބައެއް ކަމަށް ތަހުގީގު ފުރިހަމަނުކޮށް ކޮމިޝަނުން ނެރުނު ރިޕޯޓުގައިވެ އެވެ.

ރިލްވާން ގެއްލިފައިވަނިކޮށް 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަކަށް ދެކުނުގެ ރަށަކަށް ވަޑައިގެން، ރިލްވާން މަރުވެފައިވާ ކަމަށް ޔާމީން ވިދާޅުވުމުން އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އަދި ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ޔާމީން ހުރަސް އެޅި ކަމަށް ވެސް ވާހަކަ ދެއްކެވުނެވެ. އެކަމަކު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ތުހުމަތުތައް ދޮގު ކުރައްވަ އެވެ.