Roadha Mihaaru
ޝާހިދަށް ދޭން އުޅުނު ފިލްމު އަކްޝޭ އަށް

ޝާހިދަށް ދޭން އުޅުނު ފިލްމު އަކްޝޭ އަށް

04 އޯގަސްޓް 2021

މިދިޔަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ސޫރަރައި ޕޮއްޓްރޫ" ގެ ހިންދީ ރިމޭކް ހަދަން ނިންމައި އެ ފިލްމުގެ ބަތަލުގެ ރޯލު ޝާހިދު ކަޕޫރަށް ދިނުމުގެ ވާހަކަތައް ދެކެވިފައި ވަނިކޮށް އަކްޝޭ ކުމާރަށް ފިލްމު ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ސޫރަރައި ޕޮއްޓްރޫ" ގެ ހިންދީ ރިމޭކް ހަދަން ނިންމައި އެ ފިލްމުގެ ބަތަލުގެ ރޯލު ޝާހިދު ކަޕޫރަށް ދިނުމުގެ ވާހަކަތައް ދެކެވިފައި ވަނިކޮށް އަކްޝޭ ކުމާރަށް ފިލްމު ހުށަހަޅައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އޮރިޖިނަލް ފިލްމުގެ ބަތަލު އަދި ސޫރިޔާގެ އިތުރުން ޕްރޮޑިއުސަރު ގުނީތު މޮންގާ، އަކްޝޭ އަށް ފިލްމު ހުށަހެޅުމުން އޭގެ ޕްލޮޓް ކަމުގޮސްފައިވާތީ ފިލްމު ކުޅޭނެކަން އަނގަބަހުން އެއްބަސްވެފައިވެ އެވެ. އެކަމަކު އަކްޝޭގެ އަތުގައި މިހާރު ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހުރުމުން އޭނާގެ ޝެޑިއުލް ވަރަށް ތާށިކޮށް އުޅޭތީ، ފިލްމަށް ވަގުތު ހުސްކުރެވޭނެ އިރަކާ ގުޅޭ ގޮތުން މިހާރު އަންނަނީ ވާހަކަ ދެކެވެމުންނެވެ.

އަބުންދަންތިއާ އެންޓަޓައިންމަންޓުން އުފައްދަން ހަމަޖެހިފައިވާ ސޫރަރައި ޕޮއްޓްރޫ" ގެ ރިމޭކަށް ކުރިން ޝާހިދު ގެންނަން ވާހަކަ ދެކެވިފައި ވަނިކޮށް އަކްޝޭ އަށް ހުށަހެޅީ އޭނާއާ އެކު ފިލްމު ހަދައިފި ނަމަ ލިބޭނެ ކާމިޔާބު މާ ބޮޑުވާނެތީ ކަމަށް މީޑިއާތަކުން ބުންޏެވެ. އަނެއްކޮޅުން، ޝާހިދު ފިލްމު ކުޅެދޭން އެއްބަސްވީ 30 ކްރޯޑް ރުޕީސް އަށް ކަމަށް ވެފައި، ފިލްމު ދައްކައިގެން ލިބޭ ފައިދާ އިން ވެސް ބައިއަޅަން އޭނާ ޑިމާންޑްކޮށްފައިވާތީ އެކަމާ އެއްބަސްވުމަކަށް ނާދެވުނީ އެވެ.

އަކްޝޭ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި އެކްޓަރުންގެ ތެރެއިން ފިލްމުތަކުން އެންމެ ބޮޑު ފީއެއް ނަގާ އެއް އެކްޓަރެވެ. އޭނާ އަކީ ކުޅޭ ފިލްމެއް ހިޓަކަށް ހަދައިދޭނެކަމުގެ ގެރެންޓީ އޮންނަ އެކްޓަރެކެވެ.

ޝާހިދަށް "ސޫރަރައި ޕޮއްޓްރޫ" ހުށަހެޅި އިރު އޭނާގެ އެންމެ ފަހުގެ ފިލްމުތަކަކީ ވެސް އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ރިމޭކްތަކެވެ. އެއީ 2019 ގައި ރިލީޒްކުރި "ކަބީރު ސިންގް" އާއި މި އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅަށް ތާވަލުކޮށްފައި އޮތް "ޖާޒީ" އެވެ. "ކަބީރް ސިންގް" އަކީ 2018 ގެ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެވެ. "ޖާޒީ" އަކީ ހަމަ އެ ނަމުގައި 2019 ގައި ގެނެސްދިން ތެލެގޫ ފިލްމުގެ ރިމޭކެވެ.

ސުދާ ކޮންގާރާ ޑައިރެކްޓްކުރި "ސޫރަރައި ޕޮއްޓްރޫ" އަކީ އަމިއްލަ އެއާލައިނެއް އުފެއްދި އިންޑިއާގެ ކުރީގެ ވައިގެ އަސްކަރީ ކެޕްޓަނެއް ކަމަށްވާ ނެދުމާރަން ރާޖަންގަމް (މާރާ) ގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް ޑްރާމާއެކެވެ.

ފިލްމު ހަދާފައި ވަނީ ލިޔުންތެރިޔާ ޖީއާރް ގޯޕީނާތުގެ ވާހަކަ "ސިމްޕްލީ ފްލައި: އަ ޑެކަން އޮޑިސީ" އަށެވެ. "ސޫރަރައި ޕޮއްޓްރޫ" ގެ ކާސްޓްގައި ޕަރޭޝް ރާވަލް އާއި އަޕަރްނާ ބާލަމުރާލީ ވެސް ހިމެނެ އެވެ. އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ކާމިޔާބު ފިލްމެކެވެ.