Roadha Mihaaru
ފްރާންސާއި ޖާމަނީ މޮޅުވިއިރު ކްރޮއޭޝިއާ އަށް ރެކޯޑެއް

ފްރާންސާއި ޖާމަނީ މޮޅުވިއިރު ކްރޮއޭޝިއާ އަށް ރެކޯޑެއް

05 ޖޫން 2016

ޕެރިސް (ޖޫން 5) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ރޭ ކުޅުނު މެޗުތަކުން ޖަރުމަނާއި ފްރާންސް މޮޅުވިއިރު، ކޮރެއޭޝިއާ އިން އެ ޓީމުގެ ތާރީހުގައި ހޯދި އެންމެ ބޮޑު މޮޅު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ޖޫން 5) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ރޭ ކުޅުނު މެޗުތަކުން ޖަރުމަނާއި ފްރާންސް މޮޅުވިއިރު، ކޮރެއޭޝިއާ އިން އެ ޓީމުގެ ތާރީހުގައި ހޯދި އެންމެ ބޮޑު މޮޅު ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ފްރާންސް ވަނީ 3-0 އިން ސްކޮޓްލޭންޑް ބަލިކޮށްފަ އެވެ. ހަންގޭރީގެ މައްޗަށް ޖަރުމަނުން ކުރިހޯދީ 2-0 އިންނެވެ. ކްރޮއޭޝިއާ ވަނީ ސެން މެރީނޯ ކޮޅަށް 10 ލަނޑު ޖަހައިފަ އެވެ.

ރޭގެ މެޗުގައި ފްރާންސް އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ އާސެނަލްގެ ފޯވާޑް އޮލިވިއޭ ޖިރޯ އެވެ. ކަރިމް ބެންޒެމާ އަށް ފްރާންސް ޓީމުން މި ފަހަރު ޖާގަ ނުދިންއިރު، އެ ޓީމުގެ އެއް ނަންބަރު ފޯވާޑެއްގެ ގޮތުގައި ގިނަ މެޗުތަކެއްގައި ކުޅެމުން އަންނަނީ ޖިރޯ އެވެ. ރޭގެ މެޗުގައި ޖިރޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ހަންގޭރީގެ ޒޯލްޓަން ގީރާ ކައިރިން ބޯޅަ ހިފައިގެންދާން ޖަރުމަނުގެ ސާނޭ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހަންގޭރީގެ ޒޯލްޓަން ގީރާ ކައިރިން ބޯޅަ ހިފައިގެންދާން ޖަރުމަނުގެ ސާނޭ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ ލޯރެންޓް ކޮޝިއެލްނީ އެވެ. ލަނޑު އިތުރު ކުރުމަށް ފްރާންސް އިން ވަނީ ގިނަ ހަމަލާތަކެއް ސްކޮޓްލޭންޑް ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. ޕޯލް ޕޮގްބާ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ދަނޑީގައި ޖެހުނުއިރު، ޔޯހަން ކަބާޔޭ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.

ހަންގޭރީއާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗުގެ ފުރަތަމަ ލަނޑަކީ ހަންގޭރީގެ އެޑަމް ލޭން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ހާފްގައި ޖަރުމަނުގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ ތޯމަސް މުލާ އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ކްރޮއޭޝިއާ އިން ވަނީ ސެން މެރީނޯ ކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި މެޗުގައި ކްރޮއޭޝިއާގެ މާރިއޯ މަންޒުކިޗް ހެޓްރިކެއް ހެދިއިރު، ނިކޮލަ ކަލިނިޗް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑުތައް ކާމިޔާބުކުރީ މާކޯ، ޑަރިޔޯ ސާނާ، އިވާން ޕެރިސިޗް، އިވާން ރަކިޓިޗް އަދި ލޮވްރޭ ކަލިނިޗެވެ.