Roadha Mihaaru
ޕިކްނިކް ރަށެއްގެ ގޮތުގައި ފޭދޫފިނޮޅު ބާއްވަން އެދެފި

ޕިކްނިކް ރަށެއް ގޮތުގައި ފޭދޫފިނޮޅު ބާއްވަން މައުމޫން ފެކްޝަނުން އެދެފި

26 ނޮވެމްބަރ 2016

ރިސޯޓް ހެދުމަށް ވިއްކާލަން ނިންމާފައިވާ ކ. ފޭދޫފިނޮޅު ޕިކްނިކް ރަށެއްގެ ގޮތުގައި ބާއްވައިދޭން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކިބައިން ރައީސް މައުމޫންގެ ފެކްޝަނުން އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިސޯޓް ހެދުމަށް ވިއްކާލަން ނިންމާފައިވާ ކ. ފޭދޫފިނޮޅު ޕިކްނިކް ރަށެއްގެ ގޮތުގައި ބާއްވައިދޭން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކިބައިން ރައީސް މައުމޫންގެ ފެކްޝަނުން އެދިއްޖެ އެވެ.

ކުރިން ފުލުހުންގެ ބޭނުންތަކަށް ބޭނުންކުރި ފޭދޫފިނޮޅު ތިން މިލިއަން ޑޮލަރަށް ވިއްކާލަން ނިންމާފައި ވަނިކޮށް މައުމޫންގެ ފެކްޝަނުން މިދިޔަ ބުދަ ދުވަހު ޓޫރިޒަމް މިނިސްޓަރަށް ފޮނުވި ސިޓީއެއްގައިވަނީ ދަތުރު ދިއުމާއި މުނިފޫހިފިލުވަން މާލެ ކައިރިން ރަށްތައް ކަނޑައެޅިފައި ވަނީ މާލޭގެ އާބާދީ ބޮޑުވުމުގެ ސަބަބުން ދިމާވާ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ކަމަށެވެ،

ކުރިން ދަތުރު ދިއުން ފަދަ ބޭނުންތަކަށް ބޭނުންކުރި ކުޑަބަނޑޮސް ރިސޯޓަކަށް ބަދަލުވުމުން ދެން އޮތް ހަމައެކަނި ތަނަކީ ފޭދޫފިނޮޅު ކަމަށްވާއިރު އެތަން ރިސޯޓަކަށް ބަދަލުވުމުން ހެޔޮ އަގުގައި ދަތުރު ދިއުމާއި މުނިފޫހިފިލުވުމުގެ ފުރުސަތު ޒުވާނުންނަށް ގެއްލިގެންދާނެ ކަމަށް ސިޓީގައިވެ އެވެ. އެހެންވެ އެތަން ޕިކްނިކް ރަށެއްގެ ގޮތުގައި ބާއްވައިދޭން އެ ސިޓީގައި އެދިފައިވެ އެވެ.

"މާލޭ ސަރަހައްދުގައި މިހާރު އޮތް ހަމައެކަނި މިކަހަލަ ކަންތައްތަކަށް ބޭނުންކުރެވޭ ރަަށް ކަމަށްވާ ފޭދޫ ފިނޮޅު މިކަމަށް ކަނޑައަޅުއްވާ ދެއްވުމަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ޒުވާނުންނާއި ސްކޫލް ކުދިންނާއި އަދި އާއިލާތަކަށް ލިބިދެވޭނެ ވަރަށް ބޮޑު އުފަލެއް.." ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ލެޓާ ހެޑްގައި ޒަމީރަށް ފޮނުވި އެ ސިޓީގައިވެ އެވެ.

އެތަން ޕިކްނިކް ރަށެއްގެ ގޮތުގައި ނުބޭއްވޭ ނަމަ މާލެ ސަރަހައްދުން އެފަދަ އެހެން ތަނެއްގައި ކަނޑައެޅުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. މައުމޫން ވަނީ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައި، ސަރުކާރުގެ ބައެއް ކަންކަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.