Roadha Mihaaru
އަހަރެމެންނަށް މި ގޮތް! ސަރުކާރުތަކުގެ ލަދު ކޮބާ؟

އަހަރެމެންނަށް މި ގޮތް! ސަރުކާރުތަކުގެ ލަދު ކޮބާ؟

04 އެޕްރީލް 2021

ލޯންޗެއްގައި ގަޑިއެއްހާ އިރު ދުއްވާފައި އެ ފިނޮޅަށް ދެވުނު އިރު ހެނދުނުގެ ހިތްގައިމު ވަގުތު ފެށިގެން އަދި މާ ގިނަ އިރެއްނުވެ އެވެ. އެކަމަކު އޭރު ވެސް މޫދުގަ އާއި ދޮންވެލިގަނޑުގައި ކުޑަކުދިންނާއި ޒުވާނުންނާއި މެދު އުމުރުގެ އެތައް ބަޔަކު ތިބީ އުފާކުރުމުގަ އެވެ. ދޮންވަމުން އަންނަ އިރުން ހަށިގަނޑަށް ފޯރުކޮށްދޭނެ ގަދަ ހޫނުން ސަލާމަތްވާނެ ގުދުރަތީ ހިޔާ ލިބޭ ފަދަ ބޮޑު ގަހެއް ނެތެވެ. ކޮޓަރިއެއް، ފާހާނާއެއް ނެތެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ލޯންޗެއްގައި ގަޑިއެއްހާ އިރު ދުއްވާފައި އެ ފިނޮޅަށް ދެވުނު އިރު ހެނދުނުގެ ހިތްގައިމު ވަގުތު ފެށިގެން އަދި މާ ގިނަ އިރެއްނުވެ އެވެ. އެކަމަކު އޭރު ވެސް މޫދުގަ އާއި ދޮންވެލިގަނޑުގައި ކުޑަކުދިންނާއި ޒުވާނުންނާއި މެދު އުމުރުގެ އެތައް ބަޔަކު ތިބީ އުފާކުރުމުގަ އެވެ. ދޮންވަމުން އަންނަ އިރުން ހަށިގަނޑަށް ފޯރުކޮށްދޭނެ ގަދަ ހޫނުން ސަލާމަތްވާނެ ގުދުރަތީ ހިޔާ ލިބޭ ފަދަ ބޮޑު ގަހެއް ނެތެވެ. ކޮޓަރިއެއް، ފާހާނާއެއް ނެތެވެ.

ކުޑަކުޑަ ފެހިކަމަކާ އެކު އޮތް ހުދު ފަސްގަނޑެކެވެ. ވަށައިގެން ރާއްޖޭގެ ރީތިކަމުގެ އެއް ސިފަ ކަމަށްވާ ނޫ މޫދެވެ.

ކޮވިޑްގެ ހިތްދަތި، އުނދަގޫ، އަދި މާލީ ގޮތުން ވެއްޓުނު ފުން ވަޅުގަނޑުގެ ހިތި ތަޖުރިބާ ލިބުނު ފުރަ ބަންދަށް ފަހު މާލޭގެ އެތައް ހާސް ބަޔަކު ބޭނުންވީ މި ބޮޑު ތޮއްޖެހުމުން ދުރުވެލާނެ ވަގުތުކޮޅެކެވެ. ދެވެން އޮތީ މާލޭ ކައިރިން ފަޅުރަށަކަށެވެ. ފިނޮޅަކަށް ވިޔަސް، މޫދުން ކިރިޔާ ހިކިލާފައި އޮތް ވެލިކޮޅަކަށް ވިޔަސް މެ އެވެ.

ކުރިން ނަމަ ކުޑަ ބަނޑޮސް އޮތީހެވެ. ފުލުހުންގެ ރައްޓެއްސަކާ ގުޅާލައިގެން ނަމަވެސް ފޭދޫފިނޮޅު ވެސް ލިބުނީހެވެ. ނަމަވެސް މާލޭގެ ރައްޔިތުން 1980ގެ އަހަރުތަކުން ފެށިގެން ދަތުރު ގޮސް އުޅުނު އެ ދެ ރަށް އެ ވަނީ ކެޕިޓަލިޒަމްގެ އެދުން ރައްޔިތުންގެ އުފަލަށް ވުރެ ބޮޑުވުމުގެ މިސާލަކަށް ވެފަ އެވެ: އެއީ މިހާރު ދެ ރިސޯޓެވެ.

މާލޭގައި ދިރިއުޅޭ އެތައް ލައްކަ ދިވެހި ރައްޔިތުންނަށް ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟ އާއިލާ ގޮވައިގެން ރިސޯޓަކަށް ނުވަތަ ގެސްޓް ހައުސްއަކަށް ދެވޭނެ މާލީ ތަނަވަސްކަން ނެތް ދިވެހިން، ދަތުރު ދިއުމުގެ އިހުސާސެއް ނުކުރެވޭ ގޮތަށް ވިލިމާލެ އާއި ހުޅުމާލޭގައި "ތެޅެންވީ" ހެއްޔެވެ؟

އަހަރެމެންނަށް ރަނގަޅު ގޮތްތައް ހޯދައިދޭނެކަމުގެ ވައުދުތަކާ އެކު އަންނަ ސަރުކާރުތަކުގެ ލަދު ކޮބައިހޭ ސުވާލުކޮށްލެވޭނީ އެ ހުރިހާ ކަމަކާ މެދު ވިސްނާލީމަ އެވެ. އެ ފިނޮޅުން ފެނުނު މަންޒަރުތައް ހިތަށްއެރީމަ އެވެ

ކައްކާނެ އުނދުނެއް، ފެން ހޯދާނެ ގޮތެއް، ފެންވަރާލާނެ ވަސީލަތެއް، ހިޔާވެލާނެ ތަންކޮޅެއް ވެސް ނެތީ އެވެ. މެންދުރުގެ ގަދަ އަވީގައި ވެސް ތެޅިބޭލުމެވެ. ދަތުރުދިއުމުގެ އުފާވެރިކަން ހޯދަން ބޭނުން ކުޑަކުދިންނާއި ޒުވާނުންނާއި މައިންބަފައިންނަށް އެވަގުތު ޝަކުވާކޮށްގެން ލިބޭނެ ހަމަޖެހުމެއް ނޯންނާނެ އެވެ. ދޮންވެލިގަނޑު އެ އޮތީ އެވެ. މޫދު އެ އޮތީ އެވެ. އެހެންކަމުން މުޅި ދުވަސް އެ ހޫނު ހާމަކަމުގެ ތެރޭގައި ހޭދަކޮށްލާފައި އެނބުރި މާލެ އައިސް، ވަރުބަލިކަމުގެ ނިދިގަނޑެއް އަޅާލެވުނީމާ ނިމުނީ އެވެ.

މާލޭގެ ބައެއް މީހުން ދަތުރު ގޮސް އުޅޭ ކުޑަ ފިނޮޅެއްގައި ބަޔަކު ކުޑައެއް ޖަހާފައި: މިފަދަ ތަންތަނުގައި އެއްވެސް ކަހަލަ ވަސީލަތެއް ނުހުރޭ

މާލޭގެ ބައެއް މީހުން ދަތުރު ގޮސް އުޅޭ ކުޑަ ފިނޮޅެއްގައި ބަޔަކު ކުޑައެއް ޖަހާފައި: މިފަދަ ތަންތަނުގައި އެއްވެސް ކަހަލަ ވަސީލަތެއް ނުހުރޭ

އެކަމަކު ރަައްޔިތުންނަށް ރަނގަޅު ގޮތް ހޯދައިދޭން ތިބި ސިޔާސީ ވެރިންނަށް އެހާ ފަސޭހައިން ނިދިދާނެ ހެއްޔެވެ؟ މި ބޮޑު މާލޭގައި ދިރިއުޅޭ އާންމުންގެ ހިތްހަމަޖެހުމަށް ކައިރި ސަރަހައްދަކުން ރަނގަޅު ރަށެއް ނުދީ، އަމިއްލަ ޖީބަށް ވެސް ލާރިކޮޅެއް ވަންނަ ގޮތަށް ހުރިހާ ރަށަކާއި ފަޅަކާއި ފިނޮޅުތައް ޓޫރިޒަމަށް ދޫކުރާނީ ހެއްޔެވެ؟

ކުޑަ ބަނޑޮހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ލަދުކުޑަކަން ދައްކައިދޭ މިސާލެކެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުން ފާޑުކިޔަމުން ދާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ 30 އަހަރު ނިންމާލީ އެ ރަށުގައި ރިސޯޓެއް ހަދަން ފުރުސަތު ނުދީ، މާލޭ ރައްޔިތުން ދަތުރު ދާ ރަށަކަށް ބާއްވައިގެންނެވެ. ސަރުކާރަށް ލާރިކޮޅެއް ވައްދަން ބޭނުން ނަމަ، ނުވަތަ އޭރުގެ ބޮޑުންގެ ޖީބަށް އެއްޗެއް ލާން ބޭނުންވި ނަމަ ވަރަށް ފަސޭހައިން ދޫކޮށްލެވުނީހެވެ. އެކަމަކު ސަރުކާރު ބަންދު ދުވަސްދުވަހު ކުޑަބަނޑޮހަށް ދަތުރު ދާ އެތައް ހާސް ބައެއްގެ އުފާ ގުރުބާންކުރުމުގެ ފައިދާއެއް އޭރުގެ ވެރިންނަކަށް ނުފެނުނެވެ.

އެކަމަކު ޔާމީންގެ ސަަރުކާރުން ނިންމީ އެޑްވާންސަށް ލާރިގަނޑެއް ލިބެން އޮތުމާއި އަމިއްލަ ޖީބުތަކަށް ވެސް އެއްޗެއް ވަންނާނެތީ ކުޑަ ބަނޑޮސް ވެސް ރިސޯޓަކަށް ދޫކޮށްލާށެވެ. އެ ރަށް ނެންގެވީ އެ އޮތް ހުރިހާ ދުވަހު ކުޑަ ބަނޑޮސް ބެލެހެއްޓެވި މުހައްމަދު ވަހީދުއްދީނެވެ. ބޮޑު ބަނޑޮހަކީ އޭނާގެ ރިސޯޓެވެ. ދިވެހިން ކުޑަ ބަނޑޮހަށް ނުދާ ދުވަސްދުވަހު ބޮޑު ބަނޑޮހުގެ ޓޫރިސްޓުން އެ ރަށަށް ގެންގޮސްގެން އިތުރު އާމްދަނީ ހޯދެ އެވެ.

ވަހީދުއްދީންގެ ނުފޫޒު ބޭނުންކުރައްވައިގެން ކުޑަ ބަނޑޮސް ވެސް ދަމައިގެންނެވީ ކަމަށް ސީދާ ބުނެވޭކަށް ނެތެވެ. އެނގިފައިވާ ގޮތުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ވަޑައިގެންނެވި އަހުމަދު އަދީބު ކުޑަ ބަނޑޮސް "ނީލަމަށް" ލެއްވެވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. އެޑްވާންސަށް ވަކި ވަރެއް ދައްކާފައި އެ ރަށް ނެންގެވިދާނެ ފުރުސަތު އޮތް ވާހަކަ ވަހީދުއްދީނަށް ވަހީދުގެ ސަރުކާރުގައި ވެސް އޭނާ ދެންނެވި ކަމަށްވެ އެވެ. އޭރު ވަހީދުއްދީނަކީ ނައިބު ރައީސެވެ. ވަހީދުއްދީން އެ ފުރުސަތު ބޭނުންނުކުރައްވައިފި ނަމަ އެހެން ބަޔަކަށް ވިއްކާލާނެ ކަމަށް ވެސް، އަދީބު ވިދާޅުވި ކަމަށް، މައުލޫމާތު ހުރި މީހަކު، ނަން ނުޖަހާ ގޮތަށް، ކިޔައިދިނެވެ.

އެންމެ ފަހުން ވަހީދުއްދީން ކުޑަ ބަނޑޮސް ނެންގެވީ، ބޮޑު ބަނޑޮހާ ޖެހިގެން އޮތް އަދި އެހާ ގިނަ ދުވަހު ބެލެހެއްޓެވި ރަށެއް އެހެން ބައެއްގެ އަތްދަށަށް ދިޔަނުދޭން ކަމަށްވެ އެވެ. އަޑީގައި ހުރި ސިއްރުތައް އާންމުންނަކަށް ނޭނގެ އެވެ. ފެންނަން އޮތީ ވަހީދުއްދީން ކުޑަ ބަނޑޮސް ނަންގަވައި، ރިސޯޓަކަށް ހެއްދެވި ތަނެވެ. އެހެންކަމުން ވަރަށް ގިނަ ބަޔަކު އޭރު ވެސް އޭނާއަށް ފާޑުކިއުން އަމާޒުކުރި އެވެ.

ފޭދޫފިނޮޅަކީ ފުލުހުންގެ ދަށުގައި އޮތް އަދި ފުލުހުންނަށް އާމްދަނީއެއް ލިބޭ ގޮތަށް ދޫކޮށްލި ރަށެކެވެ. ސުވާލަކީ ސަރުކާރުން ބޮޑު ބަޖެޓެއް ދޭ މުއައްސަސާއަކަށް ވަކިން މާލީ މަންފާއެއް ލިބޭ ގޮތަށް ޓޫރިޒަމަށް ރަށްރަށް ދޫކުރުމުގެ ފުރުސަތު އޮންނަން ޖެހޭ ހެއްޔެވެ؟ ފުލުހުންނަށް ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދޭން ޖެހޭނީ ސަރުކާރުންނެވެ. އޭގެ ބޭރުން ރަށްރަށާއި ބިންތައް ވިޔަފާރިތަކަށް ދީގެން އާމްދަނީ ހޯދުމުގެ ބާރު ފުލުހުންނަށް ވެސް އަދި ސިފައިންނަށް ވެސް އޮވެގެންނުވާނެ އެވެ.

ކުޑަ ބަނޑޮސް ރިސޯޓަކަށް ހަދާފައި: އެއީ ކުރިން މާލޭ ރައްޔިތުން ދަތުރު ދާން ބޭނުންކުރި ރަށެއް

ކުޑަ ބަނޑޮސް ރިސޯޓަކަށް ހަދާފައި: އެއީ ކުރިން މާލޭ ރައްޔިތުން ދަތުރު ދާން ބޭނުންކުރި ރަށެއް

މާލެ ކައިރީގައި އޮތް ގިނަ ފަޅުތަކެއް ޓޫރިޒަމަށް ދޫކޮށްފި އެވެ. މި ކޮލަމް ފެށިއިރު ބުނި ފިނޮޅާއި އެ ބޮޑު ފަޅު ވެސް، ބޮޑު އަގެއްގައި ޓޫރިޒަމްގެ ވިޔަފާރިއަށް ދޭނީ ކޮން ދުވަހަކުން ކަމެއް ނޭނގެ އެވެ. އެ ރީތި ތުނޑިމަތީގައި ހުރެ، ވަށައިގެން ބަލަމުން ދިޔައިރު ހިތަށްއެރީ މި ސަރުކާރުގެ އިސް މީހުންނަށް "މިތަން އަދި ނުފެންނަނީ ބާވައޭ" އެވެ.

ހަމައެކަނި މާލީ ތަނަވަސްކަމަށް ވިސްނައިގެން ކަންކަން ކުރަަން ވެއްޖެ ނަމަ އާންމު ރައްޔިތުންގެ ވަރަށް ގިނަ އުފާތަކެއް ގުރުބާންވާނެ އެވެ. ގައުމުގެ ވަރަށް އަގުހުރި ވަސީލަތްތަކެއް މަދު ބައެއްގެ ކޮންޓްރޯލްގެ ދަށަށް ދާނެ އެވެ. އެހެންކަމުން ހުރިހާ ކަމެއް މިނަން ޖެހޭނީ އޭގެ މާލީ މަންފާއަކުން ނޫނެވެ. އޭގައި ހުރި އާންމުންގެ ހިތްހަމަޖެހުމާއި ތިމާވެށީގެ ހިމާޔަތާއި ގުދުރަތީ ރީތިކަމުގެ ބައެއް، އޭގެ ގޮތުގައި ބޭއްވުމުގައި ވެސް، ނުފެންނަ އަގެއް އޮންނާނެ އެވެ. އެ ނުފެންނަ އަގަކީ ކެޕިޓަލިޒަމްގެ މިންގަނޑުން ކިރޭނެ އެއްޗެއް ނޫނެވެ. އެ ކިރޭނެ ގޮތެއް ވެސް ނުހޯދޭނެ އެވެ.

މި ސަރުކާރަށް މިހާރު ކުރެވޭނެ އެއް ކަމަކީ އާ ގާނޫނުއަސާސީއަށް ފަހު އުފެދުނު ސަރުކާރުތަކުން ކުރި ބައެއް "ކުށްތަކަށް" ތައުބާވުމެވެ. ރަައްޔިތުންގެ އުފާ ގުރުބާންކޮށް، ރާއްޖޭގެ ގުދުރަތީ ހުރިހާ ރީތިކަމެއް ޓޫރިޒަމަށް ދޫކޮށްލުމަކީ، އެފަދަ "ކުށެކެ"ވެ. މާލޭ ރައްޔިތުން ދަތުރު ދާނެ ވަކި ރަށެއް ހޯދައިދޭން މި ސަރުކާރުގެ ކުރީކޮޅު ވަރަށް ގިނަ ވާހަކަތައް ދައްކައި، "ފޮނިކެނޑި" އެވެ. އެއީ ސަރުކާރުގެ 100 ދުވަހުގެ އަމާޒަކަށް ވެސް ހެދި އެވެ.

އެކަމަކު އަދި މިހާތަނަށް އެ އަމާޒަކަށް ނުދެވެ އެވެ. އަދި އެ ވާހަކަ ސަރުކާރު ތެރޭގައި މިހާރު ދައްކަނީ ކިހާ ވަރަކަށް ކަމެއް ވެސް ނޭނގެ އެވެ. ސަތޭކަ ދުވަހުން ކުރެވޭ ވަރަށް ވުރެ ބޮޑު ކަމަކަށް ވުމުން ދޫކޮށްލީ ކަމަށް ވެދާނެ އެވެ.

އާންމުންނާ ގުޅޭ މިފަދަ ކަންކަމާ ބެހޭ ގޮތުން ބައެއް ދުވަސްވަރު ވަރަށް ބޮޑަށް ބަހުސް ހިނގަ އެވެ. އެކަމަކު އެ ބަހުސްގެ ހޫނުކަން ކެނޑި ދެން ހަނދާން ނެތެ އެވެ. އެހެން ވަނީ ރައްޔިތުންގެ ފަރާތުން އެ މައްސަލަތަކުގައި ނުކުމެ އުޅޭނެ ބަޔަކު ނުވާތީ އެވެ. އަޑުއުފުލާނެ ބަޔަކު ވެސް ނެތީމަ އެވެ.

މުޅި ދުވަހުގެ ގަދަ އަވީގައި ކުދިވެރިންނާއި ޒުވާނުން އެ ފިނޮޅުގައި ހޭލަމޭލަވަމުން ދިޔަ އެވެ. ފެންވަރާލާނެ އަދި ފާހާނާކޮށްލާނެ ގޮތެއް ނެތަސް މެ އެވެ. ހިޔާވެލާނެ ތަނެއް ނެތަސް މެ އެވެ.

މިއީ އާންމު ރައްޔިތުންނަށް ލިބެންވާ މިންވަރުތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލާފައި، ވިސްނާލާށެވެ.!