Roadha Mihaaru
އައިޓީބީއާ ގުޅިގެން ފޮރިންގެ އިސް ނެގުމަށް ތައުރީފު

"27 އަހަރު ތެރޭ ނުވާ ކަމެއް،" ފޮރިން މިނިސްޓްރީގެ އިސް ނެގުމަށް ފިރާގުގެ ތައުރީފު

07 ފެބުރުއަރީ 2024

ޖަރުމަނުގައި ކޮންމެ އަހަރަކު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް ފެއާ ކަމަށްވާ އައިޓީބީގައި ބައިވެރިވުމަށް ވިސާގެ އިންތިޒާމު ހަމަޖައްސައިދިނުމުގައި އެހީތެރިވުމަށް ފޮރިން މިނިސްޓްރީން އިސްވެ ގުޅުމުން އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެކަން ފާހަގަކުރައްވައިފި އެވެ.

ޖަރުމަނުގައި ކޮންމެ އަހަރަކު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް ފެއާ ކަމަށްވާ އައިޓީބީގައި ބައިވެރިވުމަށް ވިސާގެ އިންތިޒާމު ހަމަޖައްސައިދިނުމުގައި އެހީތެރިވުމަށް ފޮރިން މިނިސްޓްރީން އިސްވެ ގުޅުމުން އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެކަން ފާހަގަކުރައްވައިފި އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޓްރެވެލް އޮޕަރޭޓަރު ފިރާގު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިޓީބީ ފެއާގައި އޭނާ ބައިވެރިވަޑައިގަންނަވާތާ 27 އަހަރު ވެފައިވާ ކަމަށާއި ވިސާގެ އިންތިޒާމާ ގުޅޭގޮތުން މިއީ ފޮރިން މިނިސްޓްރީން އިސްވެ ގުޅި ފުރަތަމަ ފަހަރު ކަމަށެވެ.

"އަޅުގަނޑުގެ އަތުގައި ވެލިޑް ވިސާއެއް އޮތް ނަމަވެސް އެ މިންވަރަށް ކަންކަން ބަލައި ދިން ސަޕޯޓު ބަލައިގަންނަން،" އަންނަ މަހުގެ 5-7 އަށް ޖަރުމަނުގައި ބާއްވާ ފެއާއާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އައިޓީބީ ފެއާގައި މި ފަހަރު ބައިވެރިވާ މީހުންނަށް ވިސާ ނެގުމުގައި އެމްއެމްޕީއާރުސީ އަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ހިއްސާކުރި ޕާޓިސިޕަންޓްސް ލިސްޓުގައި ހިމެނޭ މީހުންނަށް މިނިސްޓްރީން ސީދާ ގުޅައި ވިސާގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. "ވިސާ ނެތް ބޭފުޅެއް ނަމަ އަޅުގަނޑުމެން މިދަނީ ވިސާ ޕްރޮސެސް އޮންނަ ގޮތް އޮޅުން ފިލުވައިދިނުމުގެ އިތުރުން ވިސާ ހޯދުމުގެ މަރުހަލާ އަވަސް ކުރުމަށްޓަކައި މި ވީއެފްއެސް އޮފީހާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ފިރާގު "މިހާރު" އަށް މިރޭ ވިދާޅުވީ، އައިޓީބީ ފެއާގައި އޭނާ ބައިވެރިވެވަޑައިގަންނަވާތާ 27 އަހަރު ވެފައިވާއިރު، ވިސާގެ ކަންކަން ފަހިކޮށްދޭން ސަރުކާރުން ދުވަހަކު ވެސް އޭނާ އަށް ގުޅާފައި ނެތް ކަމަށެވެ.

"އެހެންވެ، ވަރަށް އެޕްރިޝިއޭޓް ކުރަން އެ ކަންތައް. ފެއާތަކަށް ދާން ވަރަށް ހާލުން ގިނަ ވިޔަފާރިވެރިން ވިސާ ހޯދުމުގެ ކަންތައްތަކުގައި އުޅެނީ. ގިނަ ފަހަރު ލިބޭނީ ހައެއްކަ ދުވަހަށް. ނުލިބިގެން ވެސް އަންނަން ޖެހިފައި އެބަހުރި،" ފިރާގު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވައުދުވެވަޑައިގެންފައިވާ ގޮތަށް، ދިވެހި ވިޔަފާރިތަކަށާއި ބޭރުގެ އިންވެސްޓުމަންޓުތަކާއި ރާއްޖެ އިޝްތިހާރު ކުރުމަށް މަގުފަހި ކޮށްދިނުމަށް ފޮރިން މިނިސްޓްރީން މިހާރު އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.