Roadha Mihaaru
ޝެންގެން ވިސާ އަށް އެޕޮއިންޓްމެންޓް ހަދަން ހުޅުވައިފި

ޝެންގެން ވިސާ އަށް އެޕޮއިންޓްމެންޓް ހަދަން ހުޅުވައިފި

12 ޖެނުއަރީ 2020

އަންނަ މާޗު މަހު ޖަރުމަނުގައި ބާއްވާ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާ (އައިޓީބީ) އަށް ދަތުރުކުރަން ބޭނުންވާ ދިވެހިން ޖަރުމަން-ޝެންގަން ވިސާ އަށް އެޕޮއިންޓްމެންޓް ހަދަން ފޮރިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އަންނަ މާޗު މަހު ޖަރުމަނުގައި ބާއްވާ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާ (އައިޓީބީ) އަށް ދަތުރުކުރަން ބޭނުންވާ ދިވެހިން ޖަރުމަން-ޝެންގަން ވިސާ އަށް އެޕޮއިންޓްމެންޓް ހަދަން ފޮރިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އައިޓީބީ ފެއާ އަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ފަސޭހައިން ވިސާގެ ހިދުމަތް ފޯރުކޮށްދޭން އަންނަ މަހުގެ 3-5 އަށް ފޮރިން މިނިސްޓްރީގައި މޯބައިލް ބައޯމެޓްރިކް ކްލިނިކެއް، ރާއްޖެއަށް ކަނޑައަޅާފައިވާ ޖަރުމަން އެމްބެސީން ހިންގާނެ އެވެ. މި ކްލިނިކުގެ ހިދުމަތް ލިބޭނީ އެ ކްލިނިކުން ހިދުމަތް ހޯދަން މި މަހުގެ 25 ގެ ކުރިން އެޕޮއިންޓްމެންޓް ހެދުމުންނެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

މޯބައިލް ކްލިނިކުގެ ހިދުމަތަށް އެޕޮއިންޓްމެންޓް ހަދަން ބޭނުންވާ ލިންކު ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އާއްމުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެސް އައިޓީބީގެ ފެއާއާ ދިމާކޮށް ފޮރިން މިނިސްޓްރީން ވަނީ ޝެންގެން ވިސާ ފޯރުކޮށްދޭނެ ވަގުތީ ކްލިނިކެއް ހުޅުވައިފަ އެވެ. އެ ކްލިނިކުން 130 އަށް ވުރެ ގިނަ ދިވެހިން ހިދުމަތް ހޯދި އެވެ.

ރާއްޖޭގައި ތިބެގެން ޖަރުމަން-ޝެންގެން ވިސާ ލިބޭނެ ގޮތް ހަމަޖައްސަން ވިސާ ދޫކުރާ ސެންޓަރެއް އަންނަ މާޗު މަހު ހުޅުވާނެ ކަމަށް ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައިވާ ޖަރުމަނު ސަފީރު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ މަހު ވިދާޅުވެފައިވެ އެވެ. ޖަރުމަނަށް ދަތުރުކުރާ ދިވެހިން މިހާރު ވިސާ ހޯދަނީ، ލަންކާގައި ހުންނަ ޖަރުމަން އެމްބަސީ އަށް ދަތުރުކޮށްގެނެވެ.