Roadha Mihaaru
އީސަގެ ޑައިރެކްޝަނުން ފަސް ހޮވުމެއް

އީސަގެ ޑައިރެކްޝަނުން ފަސް ހޮވުމެއް

29 ޖުލައި 2021

ޑައިރެކްޓަރު އީސާ ޝަރީފްގެ ވާހަކަ ފެށޭނީ ފިލްމު "ފަތިސްހަނދުވަރު" އިންނެވެ. މީގެ 24 އަހަރު ކުރިން އޭނާ ގެނެސްދިން އެ ފިލްމަކީ ބިރުވެރި ލޯބީގެ ފިލްމުތަކަށް ދިވެހި އޯޑިއަންސް ގެންދިޔަ ފިލްމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު އީސާ ޝަރީފްގެ ވާހަކަ ފެށޭނީ ފިލްމު "ފަތިސްހަނދުވަރު" އިންނެވެ. މީގެ 24 އަހަރު ކުރިން އޭނާ ގެނެސްދިން އެ ފިލްމަކީ ބިރުވެރި ލޯބީގެ ފިލްމުތަކަށް ދިވެހި އޯޑިއަންސް ގެންދިޔަ ފިލްމެވެ.

"ފަތިސްހަނދުވަރު" ގެ ފަހުން ދިވެހި ސިނަމާގައި އެންމެ ބޮޑަށް އާންމުވި ޖޯންރާ އަކީ ބިރުވެރި ލޯބީގެ ފިލްމުތަކެވެ. އެކަމަކު ބެލުންތެރިންގެ ހިތްތަކުން "ފަތިސްހަނދުވަރު" ހޯދި ފަދަ މަގާމެއް މިހާތަނަށް އެއްވެސް ބިރުވެރި ފިލްމަކަށް ލިބިފައެއް ނުވެ އެވެ.

އީސަ މިހާރު ފިލްމީ ދާއިރާގައި ނެތަސް އޭނާ އަކީ ވަރަށް ގިނަ ފިލްމީ މަސައްކަތްތައްކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި އެކްޓްކުރުމާއި އަމިއްލަ އަށް ސްކްރީންޕްލޭ ލިޔެގެން ފިލްމު ޑައިރެކްޓްކުރުމާއި އެޑިޓްކުރުމާއި ޅެން ހެދުން ފަދަ މަސައްކަތެކެވެ. މިހާރު ވެސް ޅެން ހެދުމުގެ މަސައްކަތުގެ ތެރޭގައި އުޅޭ އީސަ މިހާތަނަށް އެތައް ލަވައެއްގެ ޅެން ހަދާފައިވެ އެވެ.

އޭނާގެ މަތިން ހަނދާން އާކޮށްލާނީ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން ފަސް ފިލްމަކާ އެކީގަ އެވެ.

1. ފަތިސް ހަނދުވަރު

ކުރީގެ ޕްރޮޑިއުސަރު އަސްލަމް ރަޝީދުގެ ސްލޭމް ސްޓޫޑިއޯ އިން ގެނެސްދިން "ފަތިސްހަނދުވަރު" އަކީ ކުރީގެ "ހަވީރު" ނޫހުގައި ބިންމާ އިބްރާހީމް ވަހީދު ހަމަ އެ ނަމުގައި ލިޔުނު ވާހަކައަކަށް ބިނާކޮށް ހެދި ފިލްމެކެވެ.

ރައްޓެހިންތަކެއް ޗުއްޓީއަކަށް ފަޅު ރަށަކަށް ގޮސްގެން އުޅެނިކޮށް އަންހެނަކާ ޖިންނިއެއް އަވަލައި ލޯބީގެ ގުޅުމެއް އުފެދި ދިމާވާ ހާދިސާތަކެއް ދައްކުވައި ދިން ފިލްމުގެ ލީޑް ރޯލު ކުޅުނީ ރީކޯ މޫސާ މަނިކާއި ނިއުމާ މުހައްމަދާއި އަލު ޝަމީލެވެ. އަދި މީގެ ރޯލުތަކެއް ކުޑަ ދެ ކުދިން ވެސް ކުޅުނެވެ.

އީސަ ޑައިރެކްޓްކުރި "ފަތިސްހަނދުވަރު" އަކީ ކުރީގެ ދިވެހި ފިލްމަކުން އެންމެ ގިނައިން ސްޕެޝަލް އިފެކްޓްސް ވެސް ފެނިގެން ދިޔަ ފިލްމެވެ. މި ފިލްމު ކަމުދިޔަ ސަބަބުތަކުގެ ތެރޭގައި އޭގެ ވާހަކަ ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައި އޮތުމާއި ފިލްމުގެ ޑައިރެކްޝަނާއި ޖުމްލަކޮށް އޭގެ ހުރިހާ މަސައްކަތެއް ވެސް އެ ޒަމާނަށް ބަލާފައި އެތައް ގުނަ ކުރީގައި އޮތުން ހިމެނެ އެވެ. ހަމަމިއާ އެކު މޫސަ ކުޅުނު ޖިންނި ޖިނާގެ ކެރެކްޓާ އާއި ނިއުމާ ކުޅުނު ޒޫނާގެ ކެރެކްޓާ އަށް އެ މީހުން އިންސާފުކޮށް ދީފައިއޮތްލެއް މޮޅުވުމަކީ ވެސް "ފަތިސްހަނދުވަރު" ކާމިޔާބުވުމުގެ ސިއްރެކެވެ.

މި ފިލްމު މިހާރު ބަލައިލަން ބޭނުން ނަމަ ބައިސްކޯފުން އެކަން ވެދާނެ އެވެ.

2. ލަވް 90

މި ފިލްމަކީ ބޮލީވުޑްގެ ރަހަގަނޑު ވަރަށް ގަދަ ފިލްމެކެވެ. ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު ގެނެސްދިން "ލަވް 90" އަކީ އައްޑޫގައި ވެސް ގިނަ މަންޒަރުތަކެއް ނެގި ފިލްމެކެވެ. މީގެ ލީޑް ބަތަލާ އަކީ ވެސް އައްޑޫ މީހެކެވެ. އެއީ ފޭދޫ މަރިޔަމް ރަޝީދާ އެވެ. "ލަވް 90" އަކީ އޭނާ ކުޅުނު ހަމައެކަނި ފިލްމު ވެސް މެ އެވެ.

މި ފިލްމުގެ ބަތަލަކީ އައްސަދު ޝަރީފެވެ. "ލަވް 90" ގެ އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ރަޝީދު (ދޮންއަންނާރޭ) ހިމެނެ އެވެ.

3. ކަރުނައިގެ އަގު

"ކަރުނައިގެ އަގު" އަކީ 1990 ގައި ގެނެސްދިން އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. އާންމުންގެ ތެރޭގައި ތެރޭގައި ވަރަށް މަޝްހޫރުވި ލަވައެއް ކަމަށްވާ "މި ފަރާތް ބަލާބަލާށޭ" ހިމެނޭ މި ފިލްމުގެ ލީޑް ތަރިންނަކީ އައްސަދާއި ފާތުމަތު ނިޒާރު އަދި ފާތުމަތު ރަހުމާ އެވެ.

"ކަރުނައިގެ އަގު" ގެ އިތުރު ކާސްޓުންގެ ތެރޭގައި އީސަ، ކަނީރު އަބުދުއްރަހީމް އަދި ސިއްތިފުޅު ހިމެނެ އެވެ.

4. 2000 ވަނަ އުފަން ދުވަސް

ދެހާސް ވަނަ އަހަރު ތަފާތު ގޮތަކަށް ގެނެސްދިން ބިރުވެރި ފިލްމު "2000 ވަނަ އުފަން ދުވަސް" އަކީ އީސަ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.

މީގެ ލީޑް ކާސްޓުންނަކީ ރީކޯ، ޖަމްޝީދާ އަހުމަދު، އަލީ ސީޒަން އަދި މަރިޔަމް ޝަކީލާ އެވެ. "ދެހާސް ވަނަ އުފަން ދުވަސް" އަކީ ވަރަށް ރީތި އަމިއްލަ ރާގުގެ ލަވަތަކެއް ހިމެނުނު ފިލްމެކެވެ. ހުރިހާ ލަވަތަކެއްގެ ޅެން ވެސް ހެދީ އީސަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ލަވަ އަކީ "ދެކިލާ ހިތޭ ވަނީ" އެވެ.

5. ހިތް އެދެނީ

މިއީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު 2000 ވަނަ އަހަރުގެ ބޮލީވުޑް ފިލްމު "ދަޅުކަން" ގެ ކޮޕީއެކެވެ.

ޝިލްޕާ ޝެޓީ ކުޅުނު ރޯލު "ހިތް އެދެނީ" ގައި ކުޅުނީ ޝީލާ ނަޖީބެވެ. ސުނިލް ޝެޓީ އަކީ އައްސަދު ޝަރީފެވެ. ސީޒަނަކީ އަކްޝޭ ކުމާރެވެ. އަދި މަހީމާ ޗައުދަރީ ކުޅުނު ރޯލުން ފެނިގެން ދިޔައީ ނިއުމާ އެވެ. "ހިތް އެދެނީ" ގެނެސްދިނީ 2001 ގަ އެވެ.

އެ ދުވަސްވަރު މި ފިލްމު ވަރަށް ބޮޑަށް ވައިގައި ހިފި އެވެ. އަދި އޭގެ މައިގަނޑު ސަބަބަކަށްވީ ސުނިލްގެ ރޯލަށް އައްސަދުކޮށްފައި ހުރި މަސައްކަތެވެ. "ހިތް އެދެނީ" ގެ ފަހުން އޭނާއާ ދިމާއަށް "ދިވެހި ސުނިލް ޝެޓީ" އޭ ވެސް ކިޔައި އުޅުނެވެ.

މި ފަސް ފިލްމުގެ އިތުރުން ވެސް ގިނަ ފިލްމުތަކެއް އީސަ ޑައިރެކްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ނަސީބު (1992)، ޒަޚަމް (1994)، އެ ދުވަސް ހިނގައްޖެ (1996)، އެންމެ ފަހު ދުވަސް (1997) އަދި ގިނިހިލަ (2003) ހިމެނެ އެވެ.

އީސަ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2004 ގެ "ހަތަރުއުދަރެސް" އެވެ. މި ފިލްމު ވެސް ބައިސްކޯފުން ބަލައިލެވޭނެ އެވެ.