Roadha Mihaaru
"ގަރާރު ހުށަހެޅީ ރައީސަށް ނުފޫޒު ފޯރުވާކަށް ނޫން"

ގަރާރު ހުށަހެޅީ ރައީސްގެ ބާރަކަށް ނުފޫޒު ފޯރުވާކަށް ނޫން: ނަޝީދު

26 ޖުލައި 2021

ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އަޅަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލައްވައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އަޅަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލައްވައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހަރުކަށި މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވައިލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު ރޭ ހުށަހަޅުއްވައި، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެންމެ 41 މެމްބަރުންގެ ތެރެއިން 39 ވޯޓާއެކު ވަނީ ފާސްކޮށްފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖުމުލައަކީ 148 ކަމަށް ވާއިރު، ނަޝީދުގެ މުހިންމު އެ ގަރާރު ފާސްކުރި ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބޭފުޅުން ވަޑައިނުގަންނަވަ އެވެ. އެހެންވެ، ކިރިޔާ ކޯރަމް ހަމަވާ ވަރަށް މެމްބަރުން ހަމަކޮށްގެން، އޮންލައިންކޮށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތީ 41 މެމްބަރެކެވެ. ގައުމީ މަޖިލީހުގެ ކޯރަމަކީ 37 އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސަށް ގޮވާލައި ގަރާރު ހުށަހެޅުއްވީ ރައީސަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރަކަށް ހުރަސް އެޅުމުގެ ގޮތުން ނޫން ކަމަށެވެ. އަދި އެ ގަރާރުގެ ސަބަބުން ރައީސަށް އެކަމުގައިި ގޮތް ނިންމެވުމަށް އިތުރު ޖާގައެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ގަރާރާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިސްނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ގަރާރު މި ހުށަހަޅަނީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ލިބިވަޑައިގެންފައިވާ އެއްވެސް ބާރަކަށް ޕާޓީގެ ފަރާތުން ކުޑަ ވެސް ކިލަނބެއް ގެނައުމުގެ ނިޔަތަކު ނޫން. އަޅުގަނޑަށް ޔަގީން ކަށަވަރު، ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ ޕާޓީގެ ގަރާރާ މެދު ވިސްނަވާނެ. އަދި އަޅުގަނޑު ދެކޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުމެއް ނިންމެވުމަށްޓަކައި ލިބިދޭ އިތުރު ފުރުސަތަކަށް، އިތުރު ޖާގައަކަށް [ގަރާރު ވާނެ]،" ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ގައުމީ މަޖިލީހުގެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށާއި ގާނޫނުތަކަށް ބަދަލު ގެނެސްގެން އެކަން ކުރުން ރަނގަޅު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ޓެރަރިޒަމާ ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ގާނޫނުތަކަށް މުތުލަގުކޮށް، އަނެއްކާވެސް ޖުމުލަކޮށް އެ ބާރު ދިނުމަކީ ރަނގަޅު ކަމަކަށް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުން އާންމުކުރި މައުލޫމާތުތަކާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން ވެސް އެ މަނިކުފާނު އިއްޔެ ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ މެދުގައި އޮތް ހިޔާލު ތަފާތުވުން ބޮޑުވެ، އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާތާ ދުވަސްކޮޅެއް ވެފައިވާއިރު ނަޝީދު ވަނީ ރައީސަށް ސިޔާސީ ގޮތުން އެއްބާރުލުން ދެއްވުން ވެސް ހުއްޓާލައްވައިފަ އެވެ.