Roadha Mihaaru
ގާޑިއޯލާގެ އެދުމަކީ މެސީ ބާސެލޯނާގައި މަޑުކުރުން

ގާޑިއޯލާގެ އެދުމަކީ މެސީ ބާސެލޯނާގައި މަޑުކުރުން

26 ނޮވެމްބަރ 2016

މެންޗެސްޓާ (ނޮވެމްބަރު 26) – ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ގަތުމުގެ ވިސްނުމެއް ނެތް ކަމަށް، އޭނާ އަށް ބޮޑު އޮފާއެއްކުރަން ތައްޔާރުވެފައިވާ ކަމަށް ބެލެވިފައިވާ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (ނޮވެމްބަރު 26) – ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ގަތުމުގެ ވިސްނުމެއް ނެތް ކަމަށް، އޭނާ އަށް ބޮޑު އޮފާއެއްކުރަން ތައްޔާރުވެފައިވާ ކަމަށް ބެލެވިފައިވާ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ އެންމެ ބޮޑަށް ވިދާލީ އަދި އެންމެ ގިނަ ކުރިއެރުން ހޯދީ ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ބާސެލޯނާ އަށް ކުޅުނު ދުވަސްވަރެވެ. އެހެންވެ މެސީ ކްލަބް ބަދަލުކުރާނަމަ ގުޅޭނީ ގާޑިއޯލާ ކޯޗުކޮށްދޭ ޓީމަކާ ކަމަށް އޮތީ ބެލެވިފަ އެވެ. މެސީ އަށް ސިޓީން ރެކޯޑް އަގެއް ހުށައަޅަން ތައްޔާރުވަމުން އަންނައިރު، ޓެކްސް މައްސަލައިގައި ކުރިމަތިވި ޖަލު ހުކުމާ ގުޅިގެން މެސީ ވެސް އެހެން ލީގަކަށް ބަދަލުވާން ބޭނުންވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު ގާޑިއޯލާ ވަނީ މި ހުރިހާ ވާހަކަތަކަކަށް ހިހޫ ފެން އަޅައިފަ އެވެ. ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބާންލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ އޭނާގެ އެދުމަކީ މެސީ ބާސެލޯނާގައި މަޑުކުރުން ކަމަށެވެ.

"އެއް ފަހަރަށް ވުރެ ގިނައިން ބުނެވިއްޖެ. މެސީ ބާސެލޯނާގައި މަޑުކުރާނެ. އޭނާ ބާސެލޯނާގައި ކެރިއަރު ނިންމާލާނީ. އެއީ އަހަރެން ބޭނުންވާ ގޮތަކީ،" ގާޑިއޯލާ ބުންޏެވެ.

މެސީ ބާސެލޯނާ ދޫކޮށްލަފާނެ ކަމަށް އެންމެ ބޮޑަށް އަޑުއަރައިގެން ދިޔައީ ކްލަބުގެ އާ ކޮންޓްރެކްޓަށް އޭނާ ދެކޮޅު ހެދުމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި މެސީ ބޭނުންވަނީ ފަސް އަހަރަށް އެއްބަސްވުން އާ ކުރާއިރު، އެ އެއްބަސްވުމުގެ ފުރަތަމަ ތިން އަހަރު ނިމުމުން ފަހު ދެން އޮތް ދެ އަހަރު ތެރޭ ޔޫރަޕުން ބޭރު ކްލަބަކަށް އޭނާ ބަދަލުވާން ބޭނުންވެއްޖެނަމަ އެ ފުރުސަތު އޭނާ އަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމެނުމަށެވެ. މެސީ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން އޭނާގެ ކުރީގެ ކްލަބް ނެވެލް އޯލްޑް ބޯއީސް އަށް ކުޅެން ބޭނުން ކަމަށް ބުނެފަ އެވެ.