Roadha Mihaaru
އިންޓަ ފަހަތަށް ޖެހިއްޖެ، މެސީ ސިޓީ އަށް؟

އިންޓަ މިލާން ފަހަތަށް ޖެހިއްޖެ، މެސީ ސިޓީ އަށް؟

02 ސެޕްޓެމްބަރ 2020

ބާސެލޯނާ (ސެޕްޓެމްބަރު 2) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ގެންނަން އިންޓަ މިލާނުން ކުރަމުން އައި މަސައްކަތް ހުއްޓާލުމާ އެކު މެންޗެސްޓާ ސިޓީން މެސީގެ ސޮއި ހޯދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާ (ސެޕްޓެމްބަރު 2) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ގެންނަން އިންޓަ މިލާނުން ކުރަމުން އައި މަސައްކަތް ހުއްޓާލުމާ އެކު މެންޗެސްޓާ ސިޓީން މެސީގެ ސޮއި ހޯދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކޮވިޑް-19އާ ހެދި ދުނިޔޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ފުޓްބޯޅަ ކްލަބްތަކަށް ވެސް ދިމާވެފައިވާ މާލީ ދަތިތަކާ ހެދި ގިނަ ކްލަބްތަކުން މެސީ ގެންދަން ބޭނުންވި ނަމަވެސް އެވަރުގެ ހޭދައެއް މި ވަގުތު ކުރެވެން ނެތެވެ. މި ވަގުތަށް ބަލާއިރު މެސީ ގެނެވޭނެ ކްލަބްތަކުގެ ތެރޭގައި އޮތީ އިންޓަ އާއި ސިޓީ އެވެ. އޭގެ ތެރެއިން އިންޓަ މި ވަނީ ވަކިވެފަ އެވެ. އެކަން ކަށަވަރުވީ އިންޓަގެ ސްޕޯޓިން ޑިރެކްޓަރު ޕީއޭރީ އޮސިލިއޯ ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއު އިންނެވެ.

އޮސިލިއޯ ބުނީ މި ވަގުތަށް ބަލާއިރު އިންޓަ އަށް މެސީ ގަންނަން ކުރަން ޖެހޭ ވަރުގެ ހަރަދެއް ކުރެވޭނެ ޖާގައެއް ނެތް ކަމަށާއި އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ކުޅުންތެރިންތަކެއް ވިއްކައިގެން ކަމަށާއި އަދި މިހާރު ދިމާވެފައި އޮތް މާލީ ދަތިތަކުން އަރައިގަނެވޭނެ ކަމުގެ ސާފު މަންޒަރެއް ފެނުމުން ނޫނީ އެ ޓީމަށް ބޮޑު ހަރަދުތަކެއް ކުރެވެން ނެތް ކަމަށެވެ.

މެސީ ހޯދަން ސިޓީން ކުރަމުން އަންނަ މަސައްކަތުގައި މިހާރު އެ ޓީމުން ވަނީ އޭނާ އަށް ދޭނެ ކޮންޓްރެކްޓަކާ މެދު ވެސް ކްލަބްގެ ބޯޑުގައި އެއްބަސްވުމަކަށް އައިސްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީ ފުޓްބޯލް ގްރޫޕުން ނިންމާފައިވަނީ 750 މިލިއަން ޔޫރޯގެ ފަސް އަހަރުގެ ކޮންޓްރެކްޓެއް މެސީ އަށް ދޭށެވެ. އެ ގޮތުން އެ ކޮންޓްރެކްޓްގެ ފުރަތަމަ ތިން އަހަރު މެސީ ހޭދަކުރާނީ މެންޗެސްޓާ ސިޓީގަ އެވެ. އަނެއް ދެ އަހަރު އޭނާ ބޭނުންނަމަ ސިޓީ ފުޓްބޯލް ގްރޫޕުން އެމެރިކާގައި ހިންގާ ނިއުޔޯކް ސިޓީ އަށް ކުޅެވޭނެ އެވެ. ސިޓީ އަށް ކުޅޭ ކޮންމެ އަހަރަކު އޭނާ އަށް މުސާރައިގެ ގޮތުގައި 100 މިލިއަން ޔޫރޯ ހަމަޖައްސާފައިވާއިރު، ނިއު ޔޯކް ސިޓީ އަށް ކުޅޭ ދެ އަހަރުގައި ވެސް އެ އަދަދަށް މުސާރަ ދޭން ހިމަނާފައިވެ އެވެ. ބާކީ 250 މިލިއަން ޔޫރޯ އަކީ މުޅި ކޮންޓްރެކްޓް ތެރޭގައި ހިމެނޭ ބޯނަސް ޕޭމަންޓްތަކެވެ.

މެސީ، ހިލޭ ޓްރާންސްފާއެއްގައި އެހެން ޓީމަކަށް ބަދަލުވާން ހުށަހަޅާފައިވަނީ އޭނާ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައިވާ ވަކި މާއްދާ އަކަށް ރިއާޔަތްކޮށެވެ. ބާސެލޯނާއާ އެކު މެސީގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، އެ ކޮންޓްރެކްޓްގައިވާ ގޮތުން ކޮންމެ ސީޒަނެއް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި މެސީ ބޭނުންނަމަ ހިލޭ ޓްރާންސްފާއެއްގައި އޭނާ އިހުތިޔާރު ކުރާ ޓީމަކަށް ބަދަލުވެވޭނެ އެވެ. ބާސެލޯނާ އިން ބުނީ އެ މުއްދަތު ޖޫން 10 އަށް ހަމަވެފައިވާ ކަމަށެވެ. މި ފަހަރުގެ ސީޒަން ދިގުލައިދިޔައީ ހާއްސަ ހާލަތެއްގެ ދަށުން ކޮވިޑް-19އާ ހެދި ސީޒަން މެދުކަނޑާލަން ޖެހުމުން ކަމަށްވާއިރު، އޭނާ އޮގަސްޓް މަހު ތެރޭގައި ކްލަބް ދޫކޮށްލަން ހުށަހެޅިޔަސް ސީޒަން ނިމުމާ ދޭތެރޭ ކޮންޓްރެކްޓްގައި ބުނެފައިވާ މުއްދަތުގައި ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން ހުށަހެޅޭނެ ކަމަށް މެސީ ދެކެ އެވެ.

އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން މީގެ ދެ ދުވަސްކުރިން ބާސެލޯނާ އިން ޕްރީ ސީޒަން ޕްރެކްޓިސް ފަށާފައިވާއިރު މެސީ ހުރީ ޓީމާ ދުރުގަ އެވެ. އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ މިހާރު އެ ކްލަބް ދޫކޮށްލާނެކަން އެ ޓީމުގެ ބައެއް ކުޅުންތެރިންގެ ގާތުގައި ވަނީ ބުނެފަ އެވެ. އެ ވާހަކަތަކާ ގުޅޭގޮތުން ބާސެލޯނާގެ ނެދަލެންޑްސް ޑިފެންޑަރު ފްރެންކީ ޑި ޔޯން ބުނީ މެސީ އަދިވެސް ޓީމުގެ ވަޓްސަޕް ގްރޫޕުގައި އެބައުޅޭ ކަމަށެވެ.

އަންނަ އަހަރު މާޗް މަހު ބާއްވާ ބާސެލޯނާގެ އިންތިހާބުގައި ވާދަކުރާ ގިނަ ކެންޑިޑޭޓުން ވަނީ މެސީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފަ އެވެ. އަދި އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މެސީ ކްލަބް ދޫކޮށްލުމުގެ ޒިންމާ ނަގަން ޖެހޭނީ މިހާރު އޮތް އެ ކްލަބްގެ ލީޑާޝިޕާއި ހާއްސަކޮށް އެ ޓީމުގެ ރައީސް ޖޯސެފް ބާޓޮމެއު އެވެ.

މެސީ އަށް ބާސެލޯނާ ދޫކޮށްލެވޭނީ 700 މިލިއަން ޔޫރޯ އަށް ކަމަށް ސްޕެނިޝް ލީގުން ވެސް ވަނީ ބުނެފަ އެވެ. ހިލޭ ޓްރާންސްފާއެއްގައި މެސީ އެހެން ޓީމަކާ ގުޅުމުގެ ފުރުސަތު ހޯދައިދޭން މެސީގެ ގާނޫނީ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަދުގެ ވަގުތެއްގައި މެސީގެ އޭޖެންޓް ކަމަށްވާ އޭނާގެ ބައްޕަ ޖޯޖް މެސީ ބާސެލޯނާގެ ބޯޑް މެމްބަރުންނާ ބައްދަލުވުންތަކެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މެސީގެ ބައްޕަ ޖޯޖް ވަނީ ސިޓީގެ އޮފިޝަލުންނާ އެކު މިދިޔަ ހަފްތާގައި ބައްދަލުކޮށްފަ އެވެ.