Roadha Mihaaru
މެސީގެ ހެޓްރިކާ އެކު ސިޓީ ބަލިކޮށްފި

މެސީގެ ހެޓްރިކާ އެކު ބާސެލޯނާ އިން ސިޓީ ބަލިކޮށްފި

20 އޮކްޓޯބަރ 2016

ބާސެލޯނާ (އޮކްޓޯބަރު 20) - ޗެމްޕިއަންސް ލީގުގައި ރޭ ލިއޮނަލް މެސީގެ ހެޓްރިކާ އެކު 4-0 އިން ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އަތުން އޭނާގެ ކުރީގެ ޓީމު ބާސެލޯނާ މޮޅެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (އޮކްޓޯބަރު 20) - ޗެމްޕިއަންސް ލީގުގައި ރޭ ލިއޮނަލް މެސީގެ ހެޓްރިކާ އެކު 4-0 އިން ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އަތުން އޭނާގެ ކުރީގެ ޓީމު ބާސެލޯނާ މޮޅެއް ހޯދައިފި އެވެ.

ރޭގެ މެޗުން މޮޅުވެ ބާސެލޯނާ ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު އެ ޓީމަށް ދެ ވަނަ ބުރުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ދެ ވަނައިގައި ސިޓީ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ ރޭ މި ގްރޫޕްގެ އަނެއް މެޗުން ސެލްޓިކް އަތުން 2-0 އިން މޮޅުވި ބޮރޫޝިއާ މޮންޗެންގްލަޑްބެކް އެވެ. އެ ޓީމަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ސެލްޓިކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރޭގެ މެޗުގެ 17 ވަނަ މިނިޓްގައި މެސީ ބާސެލޯނާ އަށް ލީޑު ނަގައިިދިނެވެ. ސިޓީ އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 53 ވަނަ މިނިޓްގައި އެ ޓީމުގެ ކީޕަރު ކްލައުޑިއޯ ބްރާވޯ އަށް ރަތް ކާޑު ދެއްކުމުންނެވެ.

ސިޓީ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ނުވަ މިނިޓް ތެރޭގައި އިތުރު ދެ ލަނޑު ޖަހައި މެސީ ވަނީ ހެޓްރިކް ހަދައިފަ އެވެ.

ބާސެލޯނާ އިން ވެސް މެޗުގެ ފަހު 15 މިނިޓް ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 74 ވަނަ މިނިޓްގައި އެ ޓީމުގެ ޖެރެމީ މެތިއު އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ބާސެލޯނާގެ ހަތަރު ވަނަ ލަނޑު މެޗުގެ ފަހު މިނިޓްގައި ކާމިޔާބުކުރީ ނޭމާ އެވެ. އޭގެ ދެ މިނިޓް ކުރިން ނޭމާ އަތުން ވަނީ ޕެނަލްޓީ އެއް ބޭކާރުވެފަ އެވެ.

ގާޑިއޯލާ ބުނީ މެޗުގެ އެންމެ މުހިއްމު ހިސާބުގައި 10 ކުޅުންތެރިން ލައިގެން ބާސެލޯނާ ކަހަަލަ ޓީމަކާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"އަހަރެމެން 1-0 ގައި އޮތްއިރު މި މެޗު އަތުލެވޭނެ. އެކަމަކު މެޗުގެ އެންމެ މުހިއްމު ހިސާބުން މި ޖެހުނީ 10 ކުޅުންތެރިން ލައިގެން ކުޅެން. އިދިކޮޅުގައި މިތިބީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން. އެ ހިސާބުން މެޗު ގެއްލިއްޖެ، މިއީ ރަތް ކާޑުގެ ޝަކުވާއެއް ނޫން. މިއީ ހަގީގަތް،" ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.