Roadha Mihaaru
ނަފްސާނީ ބޭނުންތައް ނުފުދުމުގެ ނުތަނަވަސްކަމުގެ ހައްލު

ނަފްސާނީ ބޭނުންތައް ނުފުދުމުން ކުރިމަތިވާ ނުތަނަވަސްކަމުގެ ހައްލު

23 ޖުލައި 2021

ދިރިއުޅުމުގެ ހަޔާތުގައި އިންސާނާ ނަފްސާނީ ގޮތުން ފުއްދަން ޖެހޭ ބޭނުންތަކެއް ނުވަތަ އެދުންތަކެއް ހުރެ އެވެ. މި ކަންކަން ފުދިގެންދިއުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭނެ ވަރަށް މުހިންމު ފަރުވާ އެކެވެ. ނަމަވެސް އިސްލާމީ ނަޒަރުން ބަލާއިރު، ޖިސްމާނީ ބޭނުންތައް ނުވަތަ އެދުންތައް ވެސް ފުއްދަން ޖެހެނީ ހުއްދަ ގޮތުގައި ކަމަށްވާ ފަދައިން މި ނަފްސާނީ ބޭނުންތައް ވެސް ފުއްދަން ޖެހެނީ އިސްލާމް ދީން ހުއްދަ ކުރާ ގޮތުގަ އެވެ. ވީމާ ހަވާ ނަފްސު އެދޭހާ ގޮތަކަށް މިކަންކަން ފުއްދަން ފުރުސަތެއް ނޯވެ އެވެ. އެކަމަކު މިއީ ބައެއް މީހުންނަށް ނުތަނަވަސްކަން މެދުވެރިވާ ކަމެކެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ނަފްސާނީ "ހުސްކަމެއް" އެމީހުންނާ ކުރިމަތިވާ ކަމެކެވެ. މި މައްސަލަ އަކީ ފިޠުރީ ގޮތުން އިންސާނާއާ އެކުގައި އުފަންވެގެން އަންނަ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް މި މައްސަލަ މެދުވެރިވަނީ ދިރިއުޅުމުގައި އިންސާނާގެ ގަބޫލު ކުރުންތަކާއި ސުލޫކު ބައްޓަން ކުރެވޭ ގޮތަކުންނެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ދިރިއުޅުމުގެ ހަޔާތުގައި އިންސާނާ ނަފްސާނީ ގޮތުން ފުއްދަން ޖެހޭ ބޭނުންތަކެއް ނުވަތަ އެދުންތަކެއް ހުރެ އެވެ. މި ކަންކަން ފުދިގެންދިއުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭނެ ވަރަށް މުހިންމު ފަރުވާ އެކެވެ. ނަމަވެސް އިސްލާމީ ނަޒަރުން ބަލާއިރު، ޖިސްމާނީ ބޭނުންތައް ނުވަތަ އެދުންތައް ވެސް ފުއްދަން ޖެހެނީ ހުއްދަ ގޮތުގައި ކަމަށްވާ ފަދައިން މި ނަފްސާނީ ބޭނުންތައް ވެސް ފުއްދަން ޖެހެނީ އިސްލާމް ދީން ހުއްދަ ކުރާ ގޮތުގަ އެވެ. ވީމާ ހަވާ ނަފްސު އެދޭހާ ގޮތަކަށް މިކަންކަން ފުއްދަން ފުރުސަތެއް ނޯވެ އެވެ. އެކަމަކު މިއީ ބައެއް މީހުންނަށް ނުތަނަވަސްކަން މެދުވެރިވާ ކަމެކެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ނަފްސާނީ "ހުސްކަމެއް" އެމީހުންނާ ކުރިމަތިވާ ކަމެކެވެ. މި މައްސަލަ އަކީ ފިޠުރީ ގޮތުން އިންސާނާއާ އެކުގައި އުފަންވެގެން އަންނަ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް މި މައްސަލަ މެދުވެރިވަނީ ދިރިއުޅުމުގައި އިންސާނާގެ ގަބޫލު ކުރުންތަކާއި ސުލޫކު ބައްޓަން ކުރެވޭ ގޮތަކުންނެވެ.

މި މައްސަލަ ކުރިމަތިވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ހަގީގަތުގައި ދިރިއުޅުމުގައި ގެންގުޅެން ޖެހޭ މުހިންމު އަމާޒެއް ކަނޑަނޭޅުމެވެ. އަދި މި ދިރިއުޅުމުގެ ހަޔާތާއި، މި ދުނިޔޭގައި އިންސާނާ ވުޖޫދު ވުމުގެ ބޭނުމާއި، އޭނާގެ ދައުރާއި އޭނާގެ ޠަބީޢަތާއި އޭނާގެ ނިމުން ހުރިގޮތާއި މިކަންކަމުގައި އެކުލެވޭ ހަގީގަތްތަކާ މެދު ނުބައި ތަސައްވުރެއް ލިބިފައި ވުމެވެ. އިންސާނާގެ ހަގީގަތާއި އޭނާ ވުޖޫދުވުމުގެ ބޭނުމާއި އޭނާގެ ނިމުމާ މެދު އިސްލާމް ދީން ދެކޭ ވަކި ގޮތްތަކެއްވެ އެވެ. އެ ގޮތްތައް އިންސާނާ ގަބޫލު ކޮށް ދިރިއުޅުމުގެ އަމާޒު އެގޮތަށް މިސްރާބު ކުރުވައިފި ނަމަ ނަފްސާނީ ނުތަނަވަސްކަމެއް އަންނަން ފުރުސަތެއް ނޯންނާނެ އެވެ. އާދެ، ނަފްސާނީ ބޭނުންތަކެއް ނުފުދިގެން އުޅޭ ކަމުގެ އިހުސާސްކުރާކަށް ނުޖެހޭނެ އެވެ.

އެހެން ނަމަވެސް ބައެއް މީހުން މިދެންނެވި ނަފްސާނީ ނުތަނަވަސްކަން ހައްލުކުރަން އިޚްތިޔާރު ކުރާ ކަންކަމަކީ އިސްލާމީ ނަޒަރުން ބަލާއިރު އެންމެ ރަނގަޅު ކަންކަމެއް ނޫނެވެ. އަދިކިއެއްތަ، ބައެއް ފަހަރު އިޚްތިޔާރު ކުރަނީ ވަރަށް މަސްނޫޢީ ހައްލުތަކެވެ. މިގޮތުން ދީން ހުއްދަ ނުކުރާ ބައެއްކަންކަން އޭގެ ތެރެއަށް ވަދެފައިވާ ތަފާތު ކުޅިވަރުތަކާއި ފިލްމު ތަކާއި ވާހަކަތަކާއި ގޭމުތައް އީޖާދު ކޮށް އޭގެ ބޭނުން ކުރަމުން ގެންދެ އެވެ. މިހެން ހެދުމުން މައްސަލައިގެ އަސްލު ސަބަބާ ދިމާއަކަށް ނުދެވެ އެވެ. ނަތީޖާއެއްގެ ގޮތުން ޑުރަގެއް ފަދައިން ވަގުތީ ހައްލެއް ލިބުނަސް ދެން އޭގެ ސަބަބުން ނުކުމެގެންދާ އެހެން މައްސަލަތައް މާގިނަ އެވެ. މިގޮތުން އިންސާނާގެ ސިއްހަތަށް ނުވަތަ އެކި ހައިސިއްޔަތު ތަކުން މުޅި މުޖުތަމަޢަށް ގެއްލުން ދެނިވި ކަންކަމަށް އާދަކުރުވާ ފަދަ އެދުންތައް ހިލިދެ އެވެ. މިސާލަކަށް ތަޅާފޮޅުމާއި ތަންތަން ހަލާކު ކުރުމާއި ޖިންސީ ޖަރީމާތައް ގިނަވާން ފަށަ އެވެ. މިއީ ހަގީގަތުގައި ނަފްސާނީ ނުތަނަވަސްކަމެއް ފިލުވާލުމަށް އޭގެ ހައްލެއްގެ ގޮތުން ކުރި ކަންކަމުގެ ނަތީޖާ އެވެ. އާދެ، މައްސަލައިގެ އަސްލު ސަބަބާ ހަމައަކަށް ނުދެވެ އެވެ.

އިސްލާމް ދީނަކީ ޝާމިލު ދީނެއް ކަމުން އިންސާނާގެ ދިރިއުޅުމުގައި ދިމާވާ އެއްވެސް މައްސަލައެއް ހައްލު ކުރުމަށްޓަކައި އެހެން މައްސަލަތަކެއް ފެންމަތި ކުރުވުމެއް ނޯވެ އެވެ. އެއްކަން އަނެއް ކަމާ ގުޅި ލާމެހިފައި ވާތީ ވަގުތީ ފަރުވާ ދިނުމުގެ ބަދަލުގައި އޮންނަނީ އެފަދަ ކަންކަން މުލުން ލުހެލުމުގެ އުސޫލެކެވެ. ނަފްސާނީ ހަމަނުޖެހުމެއް ނުވަތަ ނުތަނަވަސްކަމެއް ދިމާވުމުން ވެސް އެއަށް ވަގުތީ ފަރުވާ އެއް ދިނުމަށްވުރެ އިސްލާމް ދީން ބޮޑަށް ބާރު އަޅާފައި ވަނީ އެކަން ކުރިމަތި ނުވާނެ ފަދަ ގޮތްތަކެއް ރޭވިފައި އޮތުމަށެވެ.

އިސްލާމް ދީނަކީ ޝާމިލު ދީނެއް ކަމުން އިންސާނާގެ ދިރިއުޅުމުގައި ދިމާވާ އެއްވެސް މައްސަލައެއް ހައްލު ކުރުމަށްޓަކައި އެހެން މައްސަލަތަކެއް ފެންމަތި ކުރުވުމެއް ނޯވެ އެވެ. އެއްކަން އަނެއް ކަމާ ގުޅި ލާމެހިފައި ވާތީ ވަގުތީ ފަރުވާ ދިނުމުގެ ބަދަލުގައި އޮންނަނީ އެފަދަ ކަންކަން މުލުން ލުހެލުމުގެ އުސޫލެކެވެ. ނަފްސާނީ ހަމަނުޖެހުމެއް ނުވަތަ ނުތަނަވަސްކަމެއް ދިމާވުމުން ވެސް އެއަށް ވަގުތީ ފަރުވާ އެއް ދިނުމަށްވުރެ އިސްލާމް ދީން ބޮޑަށް ބާރު އަޅާފައި ވަނީ އެކަން ކުރިމަތި ނުވާނެ ފަދަ ގޮތްތަކެއް ރޭވިފައި އޮތުމަށެވެ. މިގޮތުން ދިރިއުޅުމުގެ ހަޔާތާމެދު އިންސާނާ ބަލަން ޖެހެނީ އޭނާ އަދާކުރަން ޖެހިފައިވާ ބޮޑު މަސްއޫލިއްޔަތެއްގެ ގޮތުގަ އެވެ. އެމަސްއޫލިއްޔަތު އަދާކުރާ ގޮތެއްގެ މަތިން ﷲ ގެ ޙަޟްރަތުން އާޚިރަތުގައި ޖަޒާ ލިބޭނެ ކަމާއި ދުނިޔަވީ ހަޔާތަކީ އިމްތިހާނެއް ކަން އިސްލާމްދީނަށް ތަބާވާ މީހާ ގަބޫލު ކުރަން ޖެހެ އެވެ. އެހެންކަމުން ދިރިއުޅުމުގައި އޭނާ އެންމެ ކަންބޮޑުވާ ކަންކަމަކީ ދުނިޔަވީ އަރާމެއް ނުވަތަ ކައިވެނި ކުރާނެ މީހެއް ނުވަތަ ވެރިކަމެއް ނުވަތަ އެއްކުރާނެ މުދާތަކެއް ހޯދުމެއް ނޫނެވެ. އަދި އެ ހުރިހާ ކަމަކަށް ފަހު އޭނާ އަށް ނަފްސާނީ ގޮތުން ލިބޭ ނުތަނަވަސްކަން ފޫބައްދާލަން ހަވާނަފްސުގެ އެދުންތައް ފައިދާއެއް ނެތް ކަންކަމުގައި ފުއްދާލުމެއް ވެސް ނުމެ ނޫންމެ އެވެ.

މިއާ މުޅިން ޚިލާފަށް މުސްލިމަކު ނަމަ ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅަކާ މެދު ބަލަން ޖެހެނީ އެއީ ވަރަށް އަގުހުރި ވަގުތުކޮޅެއް ކަމުގަ އެވެ. އަދި އެވަގުތުކޮޅު ހެޔޮ ގޮތުގައި ފުއްދާލުން އެއީ އޭނާގެ މައްޗަށް އޮތް އަމާނަތެއް ކަމުގަ އެވެ. އެ ވަގުތުކޮޅުތަކުގެ ތެރޭ ހެޔޮ ކަމެއް ކޮށްފިނަމަ ނުވަތަ ނުބައި ކަމަކުން ދުރުހެލި ވެއްޖެނަމަ އެއީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކާ އުފަލަކަށް ވާން ޖެހެ އެވެ. ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށް ހޭދަކުރެވޭ ކޮންމެ ވަގުތު ކޮޅެއްގެ ސަބަބުން އިތުރު ހިތްހަމަޖެހުމާއި އުފާ ހާސިލު ކުރެވެން ޖެހެ އެވެ. އަލްމުލްކު ސޫރަތުގެ 2 ވަނަ އާޔަތުގައި ﷲ އަންގަވާފައި ވަނީ ދިރިއުޅުމާއި މަރުވުން އެކަލާނގެ ލައްވާފައި ވަނީ އިންސާނުން ކުރެ ހެޔޮ ގޮތުގައި ޢަމަލުތައް ކުރަނީ ކޮންބައެއްތޯ ބަލައި އިމްތިހާނު ކުރުމަށްޓަކައި ކަމުގަ އެވެ. އަދި ހެޔޮ ކަންކަމުގައި އެކަކު އަނެކަކަށް ވާދަ ޖެހުމަށް އަލްބަޤަރާ ސޫރަތުގެ 148 ވަނަ އާޔަތުގައި އަންގަވާފައި ވެ އެވެ. ވީމާ ދިރިއުޅުމުގެ ވަގުތުތައް އެގޮތުގައި ފުއްދާ މީހާއަށް ނަފްސާނީ ގޮތުން އަންނާނެ ނުތަނަވަސް ކަމެއް އޮންނާނެ ބާވަ އެވެ.

ޢަޤީދާ އާއި ފިކުރުތައް މިދެންނެވި ގޮތަށް ބައްޓަން ކުރުމުގެ އިތުރުން އިސްލާމްދީން ވަނީ އިންސާނާގެ ދިރިއުޅުމުގެ ވަގުތުތައް ވަކި ނިޒާމަކުން ބަހައިދީފަ އެވެ. މިގޮތުން އަރާމުކޮށް ނިދާލުމަށް ރޭގަނޑު އަދި ދިރިއުޅުމުގެ މަސައްކަތްތަކަށް ދުވާލު ކަނޑައަޅާފައި ވެ އެވެ. އަދި ދުވާލުގެ ވަގުތު ވީހާވެސް ފަތިހާ އެކު ފަށައި ޢިޝާވަގުތުން ނިންމާލަން ޖެހެ އެވެ. މި މުއްދަތުގެ ތެރޭގައި ދޭތެރެދޭތެރެއިން ﷲ އަށް ކުރާ ޚާއްޞަ އަޅުކަންތަކަށް ވަގުތު ދޭން ޖެހެ އެވެ. މިގޮތަށް މި އަޅުކަންތައް އަދާކުރުމުން ﷲ އާ މެދު އޮންނަ ގުޅުން ބަދަހިވެ އެވެ. ﷲ އަށް އިތުބާރު ބޮޑުވެ އެވެ. ދިރިއުޅުމުގެ ކޮންމެ ޝަކުވާއެއް ވެސް ހަމައެކަނި އެފަރާތުގައި ދަންނަވަން އާދަ ކުރެވެ އެވެ. މި ޚާއްޞަ އަޅުކަންތަކަށް ކަނޑައެޅިފައިވާ ވަގުތު ބޭނުން ކުރުމަށް ފަހު ހަލާލު ގޮތުގައި ރިޒުގު ހޯދުމަށް ނުވަތަ ރިޒުގު ހޯދުމަށް ތައްޔާރުވުމަށްޓަކަ އާއި ބޭނުންވާ ޢިލްމާއި ހުނަރު ހޯދުމަށް ދުވާލުގެ ވަގުތުތައް ހޭދަ ކުރަން ޖެހެ އެވެ.

އަލްމުލްކު ސޫރަތުގެ 2 ވަނަ އާޔަތުގައި ﷲ އަންގަވާފައި ވަނީ ދިރިއުޅުމާއި މަރުވުން އެކަލާނގެ ލައްވާފައި ވަނީ އިންސާނުން ކުރެ ހެޔޮ ގޮތުގައި ޢަމަލުތައް ކުރަނީ ކޮންބައެއްތޯ ބަލައި އިމްތިހާނު ކުރުމަށްޓަކައި ކަމުގަ އެވެ. އަދި ހެޔޮ ކަންކަމުގައި އެކަކު އަނެކަކަށް ވާދަ ޖެހުމަށް އަލްބަޤަރާ ސޫރަތުގެ 148 ވަނަ އާޔަތުގައި އަންގަވާފައި ވެ އެވެ.

މިއީ ވެސް ހަގީގަތުގައި ﷲ އަށް އަޅުވެތިވުމުގެ ތެރެއިން ކުރެވޭ ކަމެކެވެ. އެހެނީ އެއީ ބިމުގެ ޚަލީފާ ކަމުގެ ދައުރަށް މީހާ ތަމްރީނުވާ ތަމްރީނެއް ކަމުގައިވާތީ އެވެ. މަސައްކަތާއި ކިޔެވުމަށް ހޭދަކުރާ ވަގުތުތަކުގެ އިތުރުން ދުވާލުގެ ކޮންމެވެސް ބައެއްގައި އިންސާނާ މި ދިރިއުޅުމާއި މި ކައުނާއި ކައުނުގައިވާ އެންމެހާ އެއްޗެއްސާއި ކަންކަން ހިނގަމުންދާ ގޮތާއި ކުރިން ހިނގާފައިވާ ކަންކަން ހިނގާފައިވާ ގޮތާއި މިކަންކަމާމެދު އުފެއްދުން ތެރި ނަޒަރަކުން ވިސްނައި ފިކުރު ކުރަންވެސް ޖެހެ އެވެ. މިގޮތަށް ފިކުރު ކުރުމަކީ ވެސް އަޅުކަމެކެވެ. މުސްލިމުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

މިގޮތަށް ކަންކަން އޮންނަ އިރު ފުރިހަމަ މުސްލިމަކަށް ހުސް ވަގުތުކޮޅެއް ލިބުން ދަތިވާނެ އެވެ. އަދި އޭނާ މިކަންކަމުގައި އެ ވަގުތުތައް ހޭދަ ކުރުމުގެ ސަބަބުން ނަފްސާނީ ނުތަނަވަސް ކަމަކަށް ޖާގަލިބުން ވެސް ދަތިވާނެ އެވެ. މަސައްކަތުގެ ކާމިޔާބުގެ އުފަލާއި، ﷲ ގެ ރުހިވޮޑިގަތުން ހޯދުމުން ލިބޭ އުފަލާއި، އާޚިރަތުގައި ހެޔޮ ޖަޒާ ލިބޭނެތީ ވާ އުފަލާއި، މިހުރިހާ ކަމެއް އޮތް އިރު ނަފްސާނީ ގޮތުން ނުތަނަވަސް ވާން ނުވަތަ ނަފްސާނީ ހަމަނުޖެހުމެއް ލިބެން އޮންނަ ފުރުސަތު ވަރަށް ހަނިވާނެ އެވެ. ވީއިރު މިފަދަ މީހާއަށް އޭނާގެ ނަފްސާނީ ނުތަނަވަސްކަން ނުވަތަ ހުސްކަން ފިލުވާލުމަށް އޭނާގެ ހައިވާނީ ޣަރީޒާތައް ހުއްދަ ނޫން ބޭކާރު ގޮތްގޮތުގައި ފުއްދާލުން އެއީ ހަމަ ލާޒިމު ކަމަކަށް ވާނެހެއްޔެވެ؟ ވީމާ ނަފްސާނީ ބޭނުންތައް ނުފުދުމުން ކުރިމަތިވާ ނުތަނަވަސްކަމަށް ވަރަށް ފުރިހަމަ ހައްލެއް އިސްލާމް ދީން އެބަ ގެނެސްދެ އެވެ. މުސްލިމުންނަށް އޮތީ މި ހައްލުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.