މާތް ﷲ އިންސާނާ ހައްދަވައި ބިމުގެ ޚަލީފާއެއްގެ ގޮތުގައި ލެއްވި ހިނދު، ދިރިއުޅުމުގެ އެންމެހާ ކަންކަން އެންމެ ފުރިހަމަ އަދި އަދުލުވެރި ގޮތުގައި އިންތިޒާމު ކުރަން އަސާސްތަކެއް ކަނޑައަޅުއްވާފައި ވެ އެވެ. މީގެ ތެރެއިން އެއް އަސާސަކީ އަނިޔާވެރިކަން ނައްތާލައި އަދުލުވެރިކަން ގާއިމު ކުރުމެވެ. އަދުލުވެރިކަމޭ ބުނާ ބަހުގެ މާނަ އަކީ ކޮންމެ މީހަކަށް ވެސް ހައްގުވާ އެއްޗެއް ނުވަތަ ކަމެއް އުނި ނުކޮށް ނުވަތަ އިތުރު ވެސް ނުކޮށް އިންސާފުވެރި ގޮތުގައި ފޯރުކޮށްދިނުމެވެ.
19 ޖުލައި 2025
މާތް ﷲ އިންސާނާ ހައްދަވައި ބިމުގެ ޚަލީފާއެއްގެ ގޮތުގައި ލެއްވި ހިނދު، ދިރިއުޅުމުގެ އެންމެހާ ކަންކަން އެންމެ ފުރިހަމަ އަދި އަދުލުވެރި ގޮތުގައި އިންތިޒާމު ކުރަން އަސާސްތަކެއް ކަނޑައަޅުއްވާފައި ވެ އެވެ. މީގެ ތެރެއިން އެއް އަސާސަކީ އަނިޔާވެރިކަން ނައްތާލައި އަދުލުވެރިކަން ގާއިމު ކުރުމެވެ. އަދުލުވެރިކަމޭ ބުނާ ބަހުގެ މާނަ އަކީ ކޮންމެ މީހަކަށް ވެސް ހައްގުވާ އެއްޗެއް ނުވަތަ ކަމެއް އުނި ނުކޮށް ނުވަތަ އިތުރު ވެސް ނުކޮށް އިންސާފުވެރި ގޮތުގައި ފޯރުކޮށްދިނުމެވެ.
އިސްލާމީ ޝަރީއަތުގެ އެންމެ މަތީ މަގުސަދުތަކުގެ ތެރޭގައި އަދުލު އިންސާފު ގާއިމުކޮށް އަނިޔާވެރިކަން ނައްތާލުން ހިމެނެ އެވެ. އަނިޔާވެރިން ދެކެ ﷲ ލޯބިވެ ވޮޑި ނުގަންނަވާނޭ ކަމާއި (އާލް ޢިމްރާން 57) އަނިޔާވެރިންނަށް ވޭންދެނިވި އަޒާބު ތައްޔާރު ކުރެވިގެންވާ ކަމާއި (އަލްފުރްޤާން 37) އަނިޔާވެރިވީ މީހުން ރުޖޫއަވާ ހުށީ ކޮން ތަނަކަށް ކަން އެ މީހުންނަށް ނިކަން ހުރެ އެނގޭނެ ކަން (އައްޝުޢަރާއު 227) ބަޔާން ކުރައްވާފައި ވެ އެވެ.
ޤުދުސިއްޔަ ހަދީސެއްގައި ﷲ އަންގަވަނީ އަނިޔާވެރިކަން އެކަލާނގެ ޒާތުފުޅަށް ހަރާމް ކުރައްވާފައިވާ ކަމަށެވެ. އަދި އެއީ މީސްތަކުންގެ މެދުގައި ވެސް ހަރާމް ވެގެންވާ ކަމެއް ކަމަށެވެ. އެހެންވެ އެކަކު އަނެކަކަށް އަނިޔާވެރި ނުވުމަށް އެކަލާނގެ އަންގަވައެވެ (މުސްލިމް). ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ އަނިޔާވެރި ކަމަކީ ގިޔާމަތް ދުވަހުން އަނދިރިކަން ލިބިގެން ދާނެ ކަމެއް ކަމުގަ އެވެ. (ދެ ޝައިޚުންނާއި ތިރުމިޛީ).
އަނިޔާވެރިކަން ނައްތާލުމަށް ބާރު އަޅާ އާޔަތްތަކާއި ހަދީސްތައް ހުރި ފަދައިން އަދުލުވެރިކަން ގާއިމު ކުރުމަށް ވެސް އާޔަތްތަކާއި ހަދީސްތައް ވެ އެވެ. ކީރިތި ޤުރުއާނުގައި އަދުލުގެ ސީދާ ލަފުޒު ގެ އިތުރުން "ޤިސްޠު" ގެ ލަފުޒު ވެސް ބޭނުން ކުރެވިފައި ވެ އެވެ. އެ ދެ ލަފުޒު ވެސް ބޭނުން ކުރެވިފައި ވަނީ އިންސާފުވެރި ވުމާއި އަދުލުވެރި ވުމުގެ މާނައިގަ އެވެ. ﷲ ގެ އިސްމުފުޅުތަކުގެ ތެރޭގައި "އަލްޢަދްލު" އާއި "އަލްމުޤްސިޠު" ހިމެނިފައި ވުމުން ދަލީލު ކުރަނީ އެކަލާނގެ ބާވައިލެއްވި ދީން އަދުލުގެ މަތީ ގާއިމުވެފައިވާން ޖެހޭނެ ކަމެވެ.
ﷲ ގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވަނީ "އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަލިމަފުޅު ތެދުވެރިކަމާއި އަދުލުވެރި ކަމުގައި ފުރިހަމަ ވެއްޖެ އެވެ." (އަލްއަންޢާމް 115). އަދި މުހައްމަދުގެފާނު ރަސޫލުކަމައިގެން ފޮނުއްވީ ވެސް މީސްތަކުންގެ މެދުގައި އަދުލުވެރިކަން ގާއިމު ކުރުމަށެވެ. ﷲ ގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވަނީ "... އަދި އަހުރެންނަށް (ކީރިތި ރަސޫލާ އަށް) އަމުރު ކުރައްވާފައި ވަނީ ތިޔަބައިމީހުންގެ މެދުގައި އަދުލުވެރި ގޮތުގައި ކަންތައް ކުރުމަށެވެ" (އައްޝުރާ 15). އެހެން އާޔަތެއްގެ މާނައިގައި ވަނީ "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަމުރު ކުރެއްވީ އަދުލުވެރި ވުމަށެވެ." (އަލް އަޢުރާފު 29). އަދި އައްނަޙްލު ސޫރަތުގެ 90 ވަނަ އާޔަތުގައި އަންގަވަނީ ހަމަކަށަވަރުން ﷲ އަމުރު ކުރައްވަނީ އަދުލުވެރި ވުމަށާއި އިހުސާންތެރި ވުމަށް ކަމަށެވެ.
މީގެ އިތުރުން މީސްތަކުން އެބައިމީހުންގެ އެންމެހާ ކަންކަމުގައި އަދުލުވެރިކަން އަސާސެއް ކަމުގައި ބެލުމަށާއި އަބަދުވެސް ހައްގަށް ތަބާވުމަށާއި އެކަން މަނާ ކުރާނެ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށާއި ބަޔަކާ މެދު އަދާވާތްތެރިކަމެއް އޮތުމަކީ ވެސް އަދުލުން އެއްކިބާ ވެވެން އޮތް ކަމެއް ނޫންކަން ވެސް ﷲ ބަޔާން ކުރައްވަ އެވެ.
އެހެންކަމުން ހުކުމް ކުރުމުގައި މީހެއްގެ މަގާމަކަށް ނުވަތަ ފައިސާވެރި ކަމަކަށް ނުވަތަ ބާރުވެރިކަމަކަށް ބަލާކަށް ނުޖެހެ އެވެ. ގަދަރުވެރިއެކޭ ކިޔާފައި ހުކުމް ނުކޮށް ދޫކޮށްލެވިގެން ނުވާނެ އެވެ. ނުވަތަ މުއްސަންޖަކަށް ވެގެން ހުކުމް ލުއި ކުރެވިގެން ނުވާނެ އެވެ
ﷲ ގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވަނީ "ތިޔަބައި މީހުން އަދުލު އިންސާފު ގާއިމު ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައި ވާށެވެ! އަދި ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައި ވިއަސް ނުވަތަ މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައި ވިއަސް މެ އެވެ. އެމީހަކީ (އެބަހީ އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި ނުވަތަ ފަގީރަކު ކަމުގައި ވިޔަސް ފަހެ އެ ދެމީހުންނަށް މެ، ﷲ، އައުލާކަން ބޮޑެވެ. ތިޔަބައިމީހުން އަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބާ ނުވާށެވެ!" (އައްނިސާއު 135). އަދިވެސް ވެއެވެ. "ތިޔަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ހައްގުތައް ފުރިހަމައަށް ގާއިމު ކުރާ އަދި އަދުލަށް ހެކިދޭ ބަޔަކު ކަމުގައި ވާށެވެ! އަދި ބަޔަކު މީހުން ދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ ތިޔަބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނުހަދާށެވެ! ތިޔަބައިމީހުން އަދުލުވެރިވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ." (އަލްމާއިދަތު 8). އަދި އަލްއަންޢާމް ސޫރަތުގެ 152 ވަނަ އާޔަތުގައި އަންގަވަނީ ބަސްބުނާ ނަމަ ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް އަދުލަށް (އެބަހީ ތެދަށް) ބުނުމަށެވެ.
އަދުލުވެރި ވުމުގެ ތަފާތު ދާއިރާ ތަކުގެ ތެރެއިން އެންމެ މުހިންމު ދާއިރާ އަކީ ހުކުމް ކުރުމުގައި އަދުލުވެރި ވުމެވެ. މިގޮތުން މީސްތަކުންގެ މެދުގައި ހުކުމެއް ކުރާ ނަމަ އިންސާފުން އެ ހުކުމް ކުރުމަށް އަމުރު ކުރައްވައި އަދުލުވެރިން ދެކެ ﷲ ލޯބިވެ ވޮޑިގެންވާކަން ޤުރުއާނުގައި ބަޔާން ކުރައްވާފައި ވެ އެވެ. (އަލްމާއިދާ 42).
އަދި އާންމުކޮށް އެންމެހާ މީސްތަކުންނަށް ކުރައްވަވާ އަމުރެއްގެ ގޮތުގައި އަމާނާތްތައް އޭގެ އަހުލުވެރިންނަށް ރައްދު ކުރުމަށާއި މީސްތަކުންގެ މެދުގައި ހުކުމް ކުރާ ނަމަ އަދުލުވެރި ގޮތުގައި ހުކުމް ކުރުމަށް އަމުރު ކުރައްވާފައި ވެ އެވެ (އައްނިސާއު 58). ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވެ އެވެ. "ޚަލްޤު ތަކުން ކުރެ ﷲ ގެ ހަޒްރަތުގައި އެންމެ ލޯބި ލިބިގެންވަނީ އަދުލުވެރި ވެރިޔަކަށެވެ. އަދި އެންމެ ނަފުރަތު ލިބިގެންވަނީ އަނިޔާވެރި ވެރިޔަކަށެވެ." އެހެން ހަދީސެއްގައި ވަނީ އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ނުވަ ކަމަކަށް އެ ކަލޭގެފާނަށް ވަސިއްޔަތް ކުރެއްވެވި ކަމާއި އެ ވަސިއްޔަތްތައް މީސްތަކުންނަށް ވެސް އެކަލޭގެފާނު ކުރައްވާ ކަމުގަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ރުހިގެންވާ ހާލުގަޔާއި ރުޅިވެރިކަމުގެ ހާލަތުގައި ވެސް އަދުލުވެރި ވުމެވެ.
އެހެންކަމުން ހުކުމް ކުރުމުގައި މީހެއްގެ މަގާމަކަށް ނުވަތަ ފައިސާވެރި ކަމަކަށް ނުވަތަ ބާރުވެރިކަމަކަށް ބަލާކަށް ނުޖެހެ އެވެ. ގަދަރުވެރިއެކޭ ކިޔާފައި ހުކުމް ނުކޮށް ދޫކޮށްލެވިގެން ނުވާނެ އެވެ. ނުވަތަ މުއްސަންޖަކަށް ވެގެން ހުކުމް ލުއި ކުރެވިގެން ނުވާނެ އެވެ. ކުށެއް ކޮށްފި ނަމަ އެ ކުށެއް ކުރި މީހެއްގެ މައްޗަށް ގާނޫނު ހިނގަން ޖެހޭނެ އެވެ. އިހުގެ މީސްތަކުން ހަލާކުވެ ދިއުމުގެ އެއް ސަބަބު ކަމުގައި ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވަނީ އެބައިމީހުންގެ ތެރެއިން ގަދަރުވެރިޔަކު ވައްކަމެއް ކޮށްފި ނަމަ ދޫކޮށްލައި ނިކަމެއްޗަކު ވައްކަން ކޮށްފި ނަމަ ހައްދު ގާއިމު ކުރުމެވެ. އެހެންވެ އެކަލޭގެފާނު ﷲ ގަންދެއްވައި ހަދީސް ކުރެއްވީ އެކަލޭގެފާނުގެ ދަރިކަނބަލުން ފާތުމަތުގެފާނު ވައްކަން ކުރެއްވިއަސް އެކަމަނާގެ އަތްޕުޅު ވެސް ކަނޑުއްވާނެ ކަމަށެވެ.
އަދުލުވެރިވާން ޖެހޭ ދެވަނަ ޚާއްސަ ދާއިރާ އަކީ އާއިލާގެ ތެރޭގައި އަދުލުވެރި ވުމެވެ. ދަރިންގެ މެދުގައި އަދުލުވެރި ވުމަށް ކީރިތ ރަސޫލާ އަމުރު ކުރައްވާފައި ވެ އެވެ. ހުރިހާ ދަރިންނަށް ދެވެން ނެތް ހާލަތެއްގައި ވަކި ދަރިއަކަށް ހިބަކޮށް ދިނުމަކީ ހުއްދަ ވާނެ ކަމެއް ނޫންކަން ވެސް ބަޔާން ކުރައްވާފައި ވެ އެވެ. އާއިލާގައި އަދުލުވެރި ވުމުގައި އެކަކަށް ވުރެ ގިނަ އަނބިން ތިބޭ ހިނދު އަނބިންގެ މެދުގައި އަދުލުވެރިވާން ޖެހެ އެވެ. އަދުލުވެރި ނުވެވިދާނެ ކަމުގެ ބިރު ހީވާ ނަމަ ހަމައެކަނި އެކަކާ ކައިވެނި ކުރުމަށް ﷲ އަމުރު ކުރައްވާފައި ވެ އެވެ. (އައްނިސާއު 3).
އަދުލުވެރިވާން ޖެހޭ ތިންވަނަ ދާއިރާ އަކީ އާންމުކޮށް އެންމެންނާ ކުރާ މުއާމަލާތުތަކުގައި އަދުލުވެރިވުމެވެ. މިނެކިރުމުގައި ވަޒަން ހަމަ ކުރުމަށް އަންގަވާފައި ވެ އެވެ (އަލްއަންޢާމު 152). މީސްތަކުންނަށް އެ އުރެންގެ ތަކެތި އުނި ނުކުރަން އަންގަވާފައި ވެ އެވެ (އައްޝުޢަރާއު 183). އިންސާފުން ބަސްބުނަން އަންގަވާފައި ވެއެވެ (އަލްއަންޢާމު 152). ޣައިރު މުސްލިމުން ކަމުގައި ވިއަސް އަދުލުވެރިވާން ޖެހެ އެވެ (އަލްމުމްތަޙިނާ 8). އެހެންވެ ޒިންމީންނާއި މުސްތައުމިނުންނާއި މުއާހިދުންނަށް ހިމާޔަތާއި ރިއާޔަތް އިސްލާމީ މުޖުތަމައުގެ ތެރެއިން ލިބިގެން ދިޔަ އެވެ.
މި ދަރަޖަ އަށް އިސްލާމް ދީނުގައި އަދުލުވެރި ކަމަށް ވަސިއްޔަތް ކުރެވިފައިވާ އިރު މުސްލިމުންގެ މައްޗަށް ލާޒިމު ވެގެން ވަނީ މުޖުތަމައުގައި އަދުލުވެރިކަން ގާއިމުކޮށް އަނިޔާވެރިކަން ނައްތާލުމެވެ. މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރަންޖެހޭ ބަޔަކީ ފަނޑިޔާރުންނެވެ. އެ އަށް ފަހު މުޖުތަމައުގެ އެހެނިހެން ކަންކަމާ އިސްވެ ތިބޭ ވެރިންނެވެ. ހާއްސަކޮށް ގައުމުތަކުގެ ވެރިންނާއި ގާނޫނު ހަދާ ފަރާތްތަކެވެ. އަދި އެ އަށް ފަހު މުޖުތަމައުގެ ހަމަ ކޮންމެ ފަރުދަކު ވެސް އެ މީހެއްގެ ދާއިރާގައި އަދުލުވެރިވާން ޖެހޭނެ އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ވެގެން ނުވާނެ އެވެ.
ހަލާލު ސިނާއަތުގެ މާނަ އޮޅުވާލައިގެން ނުވާނެ
އުފާވެރި ދިރިއުޅުމަކަށް މަގުފަހި ކުރަންޖެހޭ ކަންކަން
ތަރުބިއްޔަތުގައި ރުޅި ކޮންޓްރޯލު ކުރުމާއި ދަރަޖަތައް
އިސްލާމްދީން ގެނެސްދޭ މިނިވަންކަން
މުހައްރަމް މަހުގެ މާތްކަން ހޯދައި ރޯދަހިފުން ގިނަކުރުން
ނަބަވީ ހިޖުރައިން ދަސްވާ ގިޔަމުތައް
ދަރިންނަށް ދެވޭނެ އެންމެ ހެޔޮކަންބޮޑު ހަދިޔާއަކީ ކޮބާ؟
ކުޑައިރު ނަމާދު ކުރުވުމާއި ތަންމަތި ވަކިކުރުން
މަސައްކަތްތައް ނިންމުމުގައި އަމަލުކުރަންވީ ކިހިނެއް؟
ފިތުނަތަކުން ޒުވާނުން ރައްކާތެރިކޮށް އީމާންކަން ގެނައުން