Roadha Mihaaru
ހައްޖުވެރިން އަރަފާތަށް ޖަމާވާން ފަށައިފި

ހައްޖުވެރިން އަރަފާތަށް ޖަމާވާން ފަށައިފި

19 ޖުލައި 2021

މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖުވެރިން، އަރަފާތު ބިމަށް ޖަމާވާން ފަށައިފި އެވެ.

މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖުވެރިން، އަރަފާތު ބިމަށް ޖަމާވާން ފަށައިފި އެވެ.

ތަރްވިޔާގެ ދުވަހު (ހައްޖު މަހުގެ 8) މިނާގައި ތިބުމަށް ފަހު، ބައެއް ހައްޖުވެރިން މިނާ އިން އަރަފާތަށް ދަތުރު ފެށީ މައްކާއަށް މިއަދު ފަތިސްވުމުންނެވެ. ދެން ތިބި މީހުން މިނާ އިން އަރަފާތަށް ދަތުރު ފެށީ، މިއަދު ހެނދުނު އިރު އެރުމުންނެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ނުރައްކާތެރި ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު، މިއަހަރުގެ ހައްޖުގައި ބައިވެރިކުރަނީ 60 ހާސް މީހުންނެވެ. އެ އަދަދަށް މީހުން ކަނޑައެޅުމުގެ އިތުރުން، ހައްޖުގައި ބައިވެރިކުރަނީ ސިއްހީ ގޮތުން ވަކި މިންގަނޑަކަށް ފެތޭ މީހުންނެވެ. އެއީ، އުމުރުން 18-65 އަހަރުގެ މީހުންގެ ތެރެއިން ވެސް، ފުއްޕާމޭގެ ބަލިތައް ނުހުންނަ މީހުންނާއި، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ނުވަތަ، ކޮވިޑް ޖެހި މުޅިން ރަނގަޅުވެފައިވާ މީހުންނެވެ.

ނަމަވެސް މި އަހަރުގެ ހައްޖުގައި ބައިވެރިކުރާނީ ހަމައެކަނި ސައޫދީ މީހުންނާއި ސައޫދީގައި މިހާރު ދިރިއުޅެމުންދާ، އެކި ގައުމުތަކުގެ މީހުންނެވެ. ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސައޫދީ އަންނަން އެއްވެސް ގައުމެއްގެ ބަޔަކަށް ހުއްދައެއް ނުދެ އެވެ.

ސައޫދީ ސަރުކާރުން މިއަހަރު ހަމަޖައްސާފައިވާ ގޮތުން، ހައްޖުގެ ދުވަސްވަރު މައްކާ އަށް ވަދެވޭނީ، ސައޫދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ މީހުންނަށް އެކަންޏެވެ. އަދި ހައްޖުގައި ބައިވެރިވާ ސައޫދީގެ ރައްޔިތަކަށް ވިޔަސް، ހައްޖު މޫސުމުގައި އަމިއްލަ އުޅަނދުފަހަރުގައި މައްކާގެ ތެރޭގައި ނޫޅެވޭނެ ގޮތަށް ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެމީހުން ވެސް ހައްޖުގެ އަޅުކަމުގައި ހިމެނޭ ސަރަހައްދުތަކަށް ދަތުރުކުރަން ޖެހޭނީ، ސައޫދީ ސަރުކާރުން އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ބަސްތަކުގަ އެވެ.

މިނާ އިން އަރަފާތަށް ދަތުރުކުރާ އެންމެ ފަހު ބަސްތައް މިނާ އިން ފުރީ، މައްކާ ގަޑިން މިއަދު ހެނދުނު 7 ޖެހި ފަހުންނެވެ. މިއީ ހޫނު މޫސުމުގެ ދުވަސްތައް ކަމަށް ވިޔަސް، ރޭ ކޮންމެވެސް ވަރަކަށް މިނާ އަށް ވާރޭ ވެހުނެވެ. އަދި މިއަދުގެ ހޫނުމިން ވެސް އާދަޔާ ހިލާފަށް މަތި ނޫން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަރަފާތު ދުވަހުގައި ހުރިހާ ހައްޖުވެރިން ވެސް ތިބޭނީ އަރަފާތު ބިމުގަ އެވެ. މިއަދުގެ މެންދުރު ނަމާދު ވަގުތުގައި ހައްޖުގެ ޚުތުބާ އިއްވުމަށް ފަހު، މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް އަދި ގަސްރުކޮށް ކުރާނެ އެވެ.

އެއަށް ފަހު މިއަދުގެ އިރު އޮއްސެންދެން ހައްޖުވެރިން އަރަފާތު ބިމުގައި ތިބޭނީ، މާތް ﷲ އަށް ދުއާކޮށް އަސްތަޣްފާރު ކުރުމުގަ އެވެ. މިއަދުގެ އިރު އޮއްސުމާ އެކު، ހުރިހާ ހައްޖުވެރިން ވެސް މުޒްދަލިފާ އަށް ދަތުރުކުރާނެ އެވެ. މުޒްދަލިފާ އަކީ އަރަފާތު ބިމާއި މިނާއާ ދެމެދު އޮންނަ ވާދީ އެކެވެ.

މުޒްދަލިފާގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު، ނުވަތަ މިރޭގެ ފަތިސް ނަމާދު މުޒްދަލިފާގައި ކުރުމަށް ފަހު، ހުރިހާ ހައްޖުވެރިން ދަތުރުކުރާނީ މިނާ އަށެވެ. އީދު ދުވަހާއި އައްޔާމުއް ތަޝްރީގުގެ ތިން ދުވަހު (ހައްޖު މަހުގެ 11، 12،13) މިނާގައި ތިބޭ ތިބުމުގައި، ތިން ޖަމްރާ އަށް ހިލަ އުކުމާއި، ހަދްޔު (ގެރި ބަކަރި ފަދަ ....) ކަތިލުން އޮންނާނެ އެވެ.

ހައްޖުގެ ދަތުރު އަވަހަށް ނިންމައިލާ ހައްޖުވެރިން، ހައްޖު މަހުގެ 12 ވަނަ ދުވަހު، މިނާ އިން އެނބުރި މައްކާ އަށް ގޮސް، ވަދާއުގެ ތަވާފް ކުރުމަށް ފަހު، މައްކާ އިން ނުކުންނާނެ އެވެ. އެ ނޫން ހައްޖުވެރިން މިނާ އިން އެނބުރި މައްކާ އަށް ދާނީ، 13 ވަނަ ދުވަހު ތިން ޖަމްރާ އަށް ހިލަ އުކުމަށް ފަހު އެވެ.