Roadha Mihaaru
ވަޓްސްއެޕުން އިންޑިއާގެ ދެ މިލިއަން އެކައުންޓް ބްލޮކް

ވަޓްސްއެޕުން އިންޑިއާގެ ދެ މިލިއަނަށް ވުރެ ގިނަ އެކައުންޓް ބްލޮކްކޮށްފި

18 ޖުލައި 2021

އުސޫލުތަކާ ހިލާފުވާތީ، ފާއިތުވި ދެ މަހުގެ ތެރޭގައި ވަޓްސްއެޕުން އިންޑިއާގެ ދެ މިލިއަނަށް ވުރެ ގިނަ އެކައުންޓް ބްލޮކްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުސޫލުތަކާ ހިލާފުވާތީ، ފާއިތުވި ދެ މަހުގެ ތެރޭގައި ވަޓްސްއެޕުން އިންޑިއާގެ ދެ މިލިއަނަށް ވުރެ ގިނަ އެކައުންޓް ބްލޮކްކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ސްޓްރީމިން ޕްލެޓްފޯމްތައް ރެގިއުލޭޓްކުރުމުގައި ދާދި ފަހުން އަމަލުކުރަން ފެށި އަދި ފާޑުކިޔުންތައް ވެސް އަމާޒުވި އައިޓީ ދާއިރާގެ އާ ގައިޑްލައިންތަކާ އެކު، ވަޓްސްއެޕުން އާންމުކުރި ރިޕޯޓެއްގަ އެވެ.

އޭގައި ބުނެފައި ވަނީ އިންޑިއާގައި ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ދެ މިލިއަނަށް ވުރެ ގިނަ އެކައުންޓް މެއި މަހާއި ޖޫން މަހުގެ ތެރޭގައި ބްލޮކްކުރަން މަޖުބޫރުވީ ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ސައްހަ ނޫން މައުލޫމާތާއި އަދި އެހެން މީހުންނަށް ފުރައްސާރަ އާއިި ގޯނާކުރެވޭ ގޮތަށް ދައުރުކުރާ މެސެޖްތަކުގެ އަދަދު އިންތިހާ އަށް ބޮޑުވެގެން ކަމަށެވެ. މި ފިޔަވަޅު އެޅި އިރު އޭގެ ތެރެއިން 95 ޕަސެންޓް މީހުންގެ އެކައުންޓް ބްލޮކްކުރީ ވެސް ސީދާ އެފަދަ މައްސަލަތަކާ ހެދި އެވެ. އަދި އެފަދަ މެސެޖްތަކާ ހެދި ބޮޑެތި ހަމަނުޖެހުންތައް ހިނގައި މީސްމީހުންގެ ފުރާނަ ވެސް އަށް ގެއްލުންވާކަން ވަޓްސްއެޕުން ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މެއި 15 އާއި ޖޫން 15 އާ ދެމެދު އެކަނި ވެސް ވަޓްސްއެޕްގައި އިންޑިއާ އިން މަތީ މިންވަރަކަށް "އެބްނޯނަމް" މެސެޖްތައް ދައުރުކޮށްފައިވެ އެވެ. އަދި އެ ޕްލެޓްފޯމް އަބަދު ވެސް އިންޑިއާގައި އެންމެ ބޮޑު އިސްކަންދޭ އެއް ކަމަކީ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުން ކަމަށް ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕުން ބުންޏެވެ.

މިފަދަ ފިޔަވަޅެއް އެޅި އިރު އިންޑިއާ އަކީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އެންމެ ބޮޑު މާކެޓެވެ. ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގައި ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު 400 މިލިއަނަށް އަރަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ބޭނުންކުރާ މީހުންގެ ތެރެއިން އުސޫލުތަކާ ހިލާފުވެގެން އެވްރެޖްކޮށް، ވަޓްސްއެޕުން މަހެއްގެ ތެރޭގައި އަށް މިލިއަނާ ގާތްކުރާ އަދަދަކަށް އެކައުންޓްތައް ބްލޮކްކުރެ އެވެ.

ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް އަރަ އެވެ.