Roadha Mihaaru
އިންޑިއާގައި ވަޓްސްއެޕް ޕޭ އަށް ހުއްދަ ދީފި

އިންޑިއާގައި ވަޓްސްއެޕް ޕޭ އަށް ހުއްދަ ދީފި

08 ނޮވެމްބަރ 2020

ވަޓްސްއެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް އިންޑިއާގައި ރަސްމީކޮށް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަޓްސްއެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް އިންޑިއާގައި ރަސްމީކޮށް ހަމަޖައްސައިފި އެވެ.

އިންޑިއާގެ ގިނަ ބަޔަކު ބޭނުންކުރާ ވަޓްސްއެޕުން ދޭ މި ހިދުމަތް މުޅި ގައުމަށް ލިބޭ ގޮތަށް ފުޅާކުރީ އެކަމުގެ ހުއްދަ ރަސްމީކޮށް ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިން ބުރާސްފަތި ދުވަހު ދިނުމާ އެކުގަ އެވެ. ކުރިން އައީ ބީޓާ ވާޝަނެއްގެ ގޮތުގައި ޓެސްޓްކުރަމުންނެވެ.

މިކަމަށް ވަޓްސްއެޕުން ބޭނުންކުރަނީ އިންޑިއާގެ ނެޝަނަލް ޕޭމަންޓްސް އިންސްފްރާސްޓްރަކްޗާގެ ސިސްޓަމެވެ. އެއީ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އެވެ.

ވަޓްސްއެޕްގެ ފޭމަންޓް ހިދުމަތް އިންޑިއާގައި ދޭން ފެށުމާ ގުޅިގެން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވަނީ އޭގެ ސަބަބުން ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މެދުގައި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

"މި ޒަމާނަށް ބަލާއިރު ފައިސާގެ މުއާލަމާތްތައް ހިންގަން ޑިޖިޓަލް ޕޭމަންޓަކީ ވަރަށް ވެސް ބޭނުންތެރި ހިދުމަތެއް،" ޒަކަބާގް ވިދާޅުވި އެވެ. "ކޮވިޑް ކަހަލަ ދަތި އުނދަގޫ ހާލަތެއްގެ ތެރޭގައި މިފަދަ ހިދުމަތްތަކުގެ މުހިއްމުކަން މުޅި ދުނިޔެ އަށް ވެސް ވަނީ ތަޖުރިބާކުރެވުފައި."

އިންޑިއާގައި ވަޓްސްއެޕް ޕޭ ބޭނުންކުރަން ފެށި އިރު، މި ވަގުތު ބޮޑު ފަސް ބޭންކެއް ވަނީ އެ ޕްލެޓްފޯމާ ގުޅިފަ އެވެ. އެއީ އައިސީއައިސީ ބޭންކް، އެޗްޑީއެފްސީ، އެކްޒިސް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި ޖިއޯ ޕޭމަންޓްސް ބޭންކް އެވެ. ވަޓްސްއެޕްގެ އަމާޒަކީ ޔޫޕީއައި ސަޕޯޓްކުރާ 160 ބޭންކް ހިދުމަތުގެ ތެރެއަށް ގެނައުމެވެ.

ވަޓްސްއެޕް ޕޭމަންޓްގެ ހިދުމަތަށް އިންޑިއާގެ ބޭންކް އެކައުންޓަކާއި ޑެބިޓް ކާޑެއް އޮންނަން ޖެހޭނެ އެވެ. މި ހިދުމަތުގެ ރައްކާތެރިކަމަށްޓަކައި ކޮންމެ ޓްރާންސެކްޝަނަކަށް ހާއްސަ ޔޫޕީއައި ޕިނެއް ޖަހަން ޖެހެ އެވެ. ވަޓްސްއެޕް ޕޭމަންޓް އެންޑްރޮއިޑާއި އައިއޯސްގައި ވެސް ބޭނުން ކުރެވޭނެ އެވެ.

އިންޑިއާގައި ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު 400 މިލިއަނަށް އަރަ އެވެ.