Roadha Mihaaru
ތެލުން ލިބުނު އާމްދަނީ ދަށްވެ، ފައިދާ ދަށަށް

ފައިދާ ދަށްވީ ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ދަށްވުމުން: އެސްޓީއޯ

04 ޖޫން 2016

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި ފައިދާ 2014 ވަނަ އަހަރާ އަޅާބަލާއިރު ދަށަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެން ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ދަށްވެގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި ފައިދާ 2014 ވަނަ އަހަރާ އަޅާބަލާއިރު ދަށަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެން ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ދަށްވެގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ 2014 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ލިބުނު އާމްދަނީ 20 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 7.3 ބިލިއަން ރުފިޔާ އެވެ. ދެހާސް ސާދަ ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯއިން މިދިޔަ އަހަރު ވިއްކި ތެލުގެ ބާވަތްތަކުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 4.8 ބިލިއަން ރުފިޔާ އެވެ. މިއީ ޖުމްލަ އާމްދަނީގެ 66.4 ޕަސެންޓެވެ.

އެ ކުންފުނިން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ މިދިޔަ އަހަރު ލިބުނު ސާފު ފައިދާ 435 މިލިއަން ރުފިޔާ ނުވަތަ 2014 ވަނަ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ. އެސްޓީއޯއަށް 2014 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 478.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ސަރުކާރުގެ 81 ޕަސެންޓް ހިއްސާވާ ކުންފުނިން ޓެކްސްގެ ގޮތުގައި 84.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ.