Roadha Mihaaru
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ 211 މިލިއަން

އެސްޓީއޯ އަށް މިދިޔަ އަހަރު 211 މިލިއަން ރުފިޔާގެ ފައިދާއެއް

30 އެޕްރީލް 2018

އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި 211 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި 211 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގައި ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ބޭހުގެ ވިޔަފާރި ކުރާ އެންމެ ބޮޑު ކުންފުނިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުނީގެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ އަކީ 7.5 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި މިއީ 18 ޕަސެންޓްގެ ކުރިއެރުމެކެވެ.

މާލީ ހިސާބުތައް އާއްމުކުރުމަށް ފަހު، އެސްޓީއޯ އިން ބުނީ އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 37 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށެވެ. މިއީ 3.8 ޕަސެންޓުގެ ދަށްވުމެކެވެ. ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 76 މިލިއަން ރުފިޔާ ދަށްވެފައިވީ ނަމަވެސް، ތެޔޮ ނޫން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯ އަށް ލިބުނު ޖުމްލަ ފައިދާ ވަނީ 39 މިލިއަން ރުފިޔާ އިތުރުވެފަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނިގޮތުގައި، ޓެކްސް އަށް ކެނޑުމަށް ފަހު މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 211 މިލިއަން ރުފިޔާ ލިބުނުއިރު އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 26 ޕަސެންޓްގެ ދަށްވުމެކެވެ. އެސްޓީއޯ އަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 55ރ. ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ.

އެސްޓީއޯ އިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއި އެ ކުންފުނިން ވިއްކި ތެލުގެ އަގަށް ބަދަލު ގެނައުމާއި ތެޔޮ ވިއްކި އަދަދު އިތުރުވެ އަދި އެހެނިިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް އިތުރުވުމުން ކަމަށެވެ.