Roadha Mihaaru
އެސްޓީއޯގެ ހިއްސާއަކަށް 51ރ. ބަހަން ފާސްކޮށްފި

އެސްޓީއޯގެ ހިއްސާއަކަށް 51ރ. ބަހަން އޭޖީއެމްގައި ފާސްކޮށްފި

30 މެއި 2017

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 51ރ. ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އިން މިރޭ ފާސްކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 51ރ. ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އިން މިރޭ ފާސްކޮށްފި އެވެ.

ދަރުބާރުގޭގައި ބޭއްވި އެސްޓީއޯގެ މިދިޔަ އަހަރުގެ އޭޖީއެމްގައި ހިއްސާއަކަށް 51ރ. ބަހަން ފާސްކުރީ ހާޒިރުވެ ތިބި 172 ހިއްސާދާރުން ތަމްސީލްކުރި ޖުމްލަ 948،0202 ހިއްސާގެ ތެރެއިން 942،020 ހިއްސާގެ ވޯޓުންނެވެ.

ޗެއާމަން ހުސެއިން ސާލިމް އަލަށް ބައިވެރިވެވަޑައިގެން ބޭއްވި ޖަލްސާގައި އެސްޓީއޯ އިން ވަނީ ހިއްސާދާރުންނަށް ހާއްސަ އޮންލައިން ޕޯޓަލްއެއް ވެސް ތައާރަފްކޮށްފަ އެވެ. އަދި އެ ކުންފުނީގެ ހިއްސާދާރުން މިރޭގެ ޖަލްސާގައި ވޯޓުލާފައި ވަނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށެވެ.

މިރޭ ވަނީ މިދިޔަ އަހަރުގެ ޖަލްސާގެ ޔައުމިއްޔާ އާއި އަހަރީ ރިޕޯޓް ވެސް ފާސްކޮށްފަ އެވެ.

އެސްޓީއޯ އިން މިރޭ ބޭއްވި އެ ކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވަނީ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

އެސްޓީއޯ އިން މިރޭ ބޭއްވި އެ ކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވަނީ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް 97.3 ޕަސެންޓް ވޯޓުން މުހައްމަދު ފަރުސަތު ހޮވައިފަ އެވެ. މިއީ އެ މަގާމަށް އޭނާ ހޮވުނު ތިންވަނަ ފަހަރެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ހޮވަނީ އެންމެ މެމްބަރެކެވެ.

އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެސްޓީއޯ އިން މިރޭ ބޭއްވި އެ ކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ޗެއާމަން ސާލިމް ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އެސްޓީއޯ އިން މިރޭ ބޭއްވި އެ ކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ޗެއާމަން ސާލިމް ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުންޏަށް މިދިޔަ އަހަރު ގްރޫޕް ފައިދާގެ ގޮތުގައި 430 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު ގްރޫޕް ފައިދާގެ ގޮތުގައި 435 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ތެލާއި ގޭހާއި ކާޑާއި ބޭހުގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރާ ކުންފުނީގެ 2015 ވަނަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހާފައި ވަނީ 57ރ. އެވެ. އަދި 2014 ވަނަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހާފައި ވަނީ 76ރ. އެވެ.

އަހަރުން އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ މިންވަރު ދަށްވި ނަމަވެސް، ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހިއްސާދާރުންނަށް މި އަހަރު ވެސް އެންމެ ބޮޑު ފައިދާއެއް ބަހަނީ އެސްޓީއޯ އިންނެވެ.