Roadha Mihaaru
ސެޓްފިކެޓް ނެތް މީހުން ގައުމީ ފެންވަރު ބަލައިގަންނަނީ

ފަންނީ މަސައްކަތުގައި އުޅޭ ރަސްމީ ސެޓްފިކެޓެއް ނެތް މީހުން ގައުމީ ފެންވަރުގައި ބަލައިގަންނާނެ އުސޫލެއް ހަދައިިފި

14 ޖުލައި 2021

ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާއެއްގައި ދެމިތިބޭ މީހުންގެ ތެރެއިން ރަސްމީ ސެޓްފިކެޓެއް ނެތް މީހުންގެ އެސެސްމަންޓް ހަދައި ގައުމީ ފެންވަރުގައި އެ މީހުން ބަލައިގަންނަ ސެޓްފިކެޓް ދޭނެ އުސޫލެއް އިއްޔެ އާއްމުކޮށް އެ އަށް އަމަލުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާއެއްގައި ދެމިތިބޭ މީހުންގެ ތެރެއިން ރަސްމީ ސެޓްފިކެޓެއް ނެތް މީހުންގެ އެސެސްމަންޓް ހަދައި ގައުމީ ފެންވަރުގައި އެ މީހުން ބަލައިގަންނަ ސެޓްފިކެޓް ދޭނެ އުސޫލެއް އިއްޔެ އާއްމުކޮށް އެ އަށް އަމަލުކުރަން ފަށައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ގެޒެޓުކުރި "ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަން" ގަވައިދުގެ ބޭނުމަކީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓްފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ ދިވެހިންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބަލައި، މަތީ ހަރުފަތަކަށް ދިއުމުގެ ފުރުސަތު ހޯދައިދީ އެފަދަ ފަންނީ މަސައްކަތްކުރާ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމެވެ.

މަތީ ތައުލީމުގެ ގާނޫނުގެ ދަށުން މިނިސްޓްރީން އާއްމުކުރި ގަވައިދުގެ ކަންކަން ތަންފީޒު ކުރާނީ، އެ ގާނޫނުގެ ދަށުން މި ފަހުން އުފެއްދި ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީންނެވެ.

ގަވައިދުގައިވާ ގޮތުން، ޓްޜޭޑް ޓެސްޓިން ކުރިއަށް ގެންދަން ތަމްރީނުދޭ ފަރާތް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީވާން ޖެހެ އެވެ. އެ އަށް ފަހު، ޓްރޭޑް ޓެސްޓިންގައި ބައިވެރިވާ މީހުންގެ ހުނަރު "ނޭޝަނަލް ކޮމްޕީޓަންސީ ސްޓެންޑާޑް" ގައި ބަޔާންކޮށްފައިވާ ވަރަށް ހުރިތޯ ބަލައި އިތުރަށް ދަސްކުރަންޖެހޭ ހުނަރުތައް އެ މަރުކަޒަކުން ދަސްކޮށްދީ، "ޕްރީ އެސެސްމަންޓް" ކުރިއަށް ގެންދަން ޖެހޭނެ އެވެ.

ތަމްރީނު ޕްރޮގްރާމް ނިމުމުން ބައިވެރިންގެ "ޕްރީ އެސެސްމަންޓް" ހެދުމަށް ފަހު އެ ރިޕޯޓު ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަށް ހުށަހަޅަން ޖެހެ އެވެ. އެ ޓެސްޓް ފުރިހަމަކުރުމަށް ފަހު، ދޮގު މައުލޫމާތު ހުށަހެޅިކަން ސާބިތުވެއްޖެ ނަމަ އެ މީހަކު 25،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ޓްރޭޑް ޓެސްޓިންގައި ބައިވެރިވާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ރަށު ފެންވަރުގައި ބަލައިގަންނަ ވަރަށް ފަންނީ ހުނަރުވެރި މަސައްކަތެއް ކުރާތާ މަދުވެެން ފަސް އަހަރު ވުން ނުވަތަ ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާގައި މަދުވެގެން ފަސް އަހަރުވުން ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނުއްސުރެ ކޮށް އުޅޭ ދިވެހީންގެ ހާއްސަ މަސައްކަތްތައް ދިރުވައި އާލާކުރުމުގެ ރޮނގުން އެފަދަ މަސައްކަތް ގައުމީ ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ބަލައިގަންނަ ވަރަށް މަސައްކަތް ކުރާތާ ފަސް އަހަރު ވެފައި ވުން ވެސް ހިމެނެ އެވެ.

ޓްރޭޑް ޓެސްޓިން ގެންދާނެ ދާއިރާތައް ހަޔާ އެޑިއުކޭޝަނާއި ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓު އޮތޯރިޓީގެ ވެބްސައިޓުގައި އާއްމުކުރާނެ އެވެ.

އެ ޓެސްޓުން ފާސްވާ މީހުންނަށް ދޫކުރާނީ އެ މީހަކު ބައިވެރިވި ދާއިރާއެއްގެ ކޮމްޕިޓެންސީ ސްޓެންޑާޑުގައި ބަޔާންކޮށްފައިވާ ފެންވަރުގެ ގައުމީ ސެޓްފިކެޓެކެވެ.