Roadha Mihaaru

ތުންތުންމަތިން އައި ފުލޯކު ވާހަކަތައް އިންޓަނެޓްގައި ހިޓްވެފައި!

ސަފަރު ކަތްދަ އާއި ފޫޅުދިގު ހަންޑި ވާހަކަ ދޫދޫމަތިން އައިސްފައި އޮންނަނީ ހިޔާލީ ވާހަކަތަކެއްގެ ގޮތުގަ އެވެ. ފޫޅުދިގު ހަންޑި އާއި ސަފަރުކަތްދަ، އާމިނާބީ އަދި ޖުހާ އަކީ އަހަރުތަކެއް ކުރިން ކުޑަކުދިންގެ މެދުގައި އެންމެ މަގުބޫލް ހިޔާލީ ކެރެކްޓާތަކެވެ.

ސްކޫލު ގައިޑް: ފުލޯކު ވާހަކަތައް އިންޓަނެޓްގައި!
ހުސެއިން ހަބީބް
ހުސެއިން ހަބީބް

07 އޯގަސްޓް 2021

ސަފަރު ކަތްދަ އާއި ފޫޅުދިގު ހަންޑި ވާހަކަ ދޫދޫމަތިން އައިސްފައި އޮންނަނީ ހިޔާލީ ވާހަކަތަކެއްގެ ގޮތުގަ އެވެ. ފޫޅުދިގު ހަންޑި އާއި ސަފަރުކަތްދަ، އާމިނާބީ އަދި ޖުހާ އަކީ އަހަރުތަކެއް ކުރިން ކުޑަކުދިންގެ މެދުގައި އެންމެ މަގުބޫލް ހިޔާލީ ކެރެކްޓާތަކެވެ.

ތުންތުންމަތިން އެ ވާހަކަތައް ވާރުތަވަމުން އައިސްފައި އޮންނަނީ އެހާމެ ކުރު ވާހަކަތަކެއްގެ ގޮތުގަ އެވެ. ފޫޅުދިގު ހަންޑި ވާހަކަ ފޮތެއްގެ ސިފައިގައި ނެރުއްވުމުގެ ހިޔާލުގައި ހަގީގީ ކުލަ ޖެއްސެވީ "ދަނގަތަ ޕަބްލިޝަސް"ގެ ވެރިޔާ އަބްދުރައްޒާގް އަލީ އެވެ. އޭނާގެ ހިޔާލަކަށް އޭނާގެ ގާތް މީހަކު ފޫޅުދިގު ހަންޑި ވާހަކައިގެ ފުރަތަމަ ބައެއް ލިޔުނެވެ.

އެ ވާހަކަ، އެ ޕަބްލިޝަސް އިން ފޮތެއްގައި ސިފައިގައި ނެރުނީ ރާއްޖޭގައި ކުޑަކުދިންނަށް ކިޔައިދޭނެ މާ ގިނަ ވާހަކަ ފޮތްތަކެއް ނެތް ދުވަސްވަރެއްގަ އެވެ.

"ފޫޅުދިގު ހަންޑި ވާހަކައިގެ ފުރަތަމަ ބައެއް އަޅުގަނޑުމެން ނެރުނީމަ ވަރަށް ގިނަ ބެލެނިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ފީޑް ބެކު ލިބުނު،" ރައްޒާގް ވިދާޅުވި އެވެ.

"ވަރަށް ގިނަ ބެލެނިވެރިން އެދުމުގެ މަތިން އޭގެ ދެ ވަނަ ބައެއް އަޅުގަނޑުމެން ނެރުނީ. އެގޮތަށް ފަސް ބަޔަކަށް ފޫޅުދިގު ހަންޑި ވާހަކަ ނެރެފައި ނިންމާލީ. މިހާރު އެ ފަސް ފޮތް އެއްކޮށްލައި އެއްފޮތަކަށް ޖަމާކޮށް ނެރެފައި ވާނީ."

ފޫޅުދިގު ހަންޑި ވާހަކަ ވެގެންދިޔައީ ދަރިވަރުންނާ ބެލެނިވެރިންގެ ގާތް ރަހުމަތްތެރިޔަކަށެވެ. ރައްޒާގް ވިދާޅުވީ، އެފޮތުގެ ސަބަބުން ވަރަށް ގިނަ ދަރިވަރުންގެ ބަހުގެ މުއްސަނދިކަން އިތުރުވެގެން ދިޔަކަން ބެލެނިވެރިން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތަށް ލިބުނު ރަނގަޅު މެސެޖުތަކުން ކުޑަކުދިންނާއި ދަރިވަރުންނަށްޓަކައި އިތުރު ވާހަކަތަކެއް ސިލްސިލާތަކަކަށް ބަހާލައިގެން ދަނގަތަ ޕަބްލިޝަސްގެ ފަރާތުން ވަނީ ނެރެފަ އެވެ. އޭގެ ތެރޭގައި ސަފަރުކަތްދަ ވާހަކަ ވެސް ހިމެނެ އެވެ. އަދި ކުޑަކުދިންގެ މެދުގައި އޭރު އެންމެ މަގުބޫލުވި ކެރެކްޓާ "ޖުހާ"ގެ ކެރެކެޓާ ހިމަނައިގެން އެކިއެކި ވާހަކަ ފޮތްތައް ނެރުއްވި އެވެ.

ދިވެހި ބަހުގެ ޕީއެޗްޑީ އަށް ކިޔަވަމުން ގެންދަވާ އަންވަރު އިބްރާހިމް އަކީ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރާ އެކެވެ. ޔުނިވަސިޓީގައި ކިޔަވައިދެއްވުމުގެ މަސައްކަތް ފެއްޓެވުމުގެ ކުރިން އަންވަރު މަސައްކަތް ކުރައްވަމުން ގެންދެވީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރަކަށެވެ. ދަރިވަރުން ފިލާވަޅަށް ޝައުގުވެރި ކުރުވަން ވެގެން އޭނާ ކިޔައިދެއްވި ވާހަކަ ވީ ދަރިވަރުންނަށް މަގުބޫލުވި ވާހަކަ އަކަށެވެ. ސުރުހީއެއް، ނަމެއް ނެތް އަދި ލިޔުއްވާފައި ވެސް ނުވާ އެ ވާހަކަ އަށް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވުމުން "އޮޅަގިރި"ގެ ނަމުގައި އެ ވާހަކަ ލިޔުއްވައި އެކި ބައިބަޔަށް އޮންލައިން ނޫސް، "ވީ ނިއުސް"ގައި ޕަބްލިޝް ކުރެއްވި އެވެ.

ކުޑަކުދިންގެ ބަސްކޮށާރު މުއްސަނދި ކުރެއްވުމަށް ދިވެހި އަދަބީ ހަޔާތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ބޭފުޅަކީ ރާއްޖޭގެ އުފެދުނު އެންމެ މޮޅު އަދީބު، އުސްތާޒުލް ޖީލް މަރުހޫމް އަލްއުސްތާޒު މުހައްމަދު ޖަމީލް ދީދީ އެވެ. ކުޑަކުދިންނަށް އަމާޒު ކުރައްވައިގެން ޖަމީލް ދީދީ ވަނީ ގިނަ އަދެއްގެ ވާހަކަ ލިޔުއްވައިފަ އެވެ. ރާއްޖޭގެ އެންމެ މަގުބޫލް އަދަބީ އަދި ތާރީހީ މަޖައްލާ "ފަތްތޫރަ"އިގައި ކުޑަކުދިންގެ ސޮފްހާއެއް ހިމެނުއްވުމަކީ ޖަމީލް ދީދީގެ އިސްނެންގެވުމެކެވެ. އަދި އެ ސޮފްހާ އަށް ބޭނުންވާ ވާހަކަ އޭރު ލިޔުއްވަނީ ސީދާ އެމަނިކުފާނު އަމިއްލަ އަށެވެ.

ފަތްތޫރައިގެ ކޮންމެ އަދަދެއްގައި ހިމެނުނު އެ ސޮފްހާގައި ޖަމީލް ދީދީ ލިޔުއްވާފައިވާ ވާހަކަތަކުން ލިބުނު ފިލާވަޅުތަކުގެ އެހީގައި، ދިވެހި ބަހަށާއި ދިވެހި ލިޔުންތެރިކަމަށް ހިދުމަތް ކުރާނެ ޖީލެއް އުފެދިގެން ދިޔަ އެވެ.

ކުރިން ތުންތުން މަތިން ކިޔައި ދެމުން އައި ވާހަކަތައް، މިހާރު ހުރީ ފޮތްތަކަށް ނުވަތަ އިންޓަނެޓަށް ޖަމާ ކުރެވިފަ އެވެ. ކުޑަކުދިންގެ ވާހަކަތަކަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރެއް ފާއިތުވެއްޖެ އެވެ. އަބްދުރައްޒާގް ވިދާޅުވި ގޮތުގައި ޒަމާނަށް އައި ބަދަލާއެކު ފޮތްތެރިކަން ކުޑަކުދިންނާއި ދަރިވަރުންގެ ކިބައިން ވަނީ ދޫވެފަ އެވެ.

ހަގީގަތް ގަބޫލު ކުރަން ކިތަންމެ އުނދަގޫ ވިޔަސް ދިވެހި ބަހާއި އަދަބިއްޔާތާ މެދު ގިނަ ދަރިވަރުންގެ ޝައުގުވެރިކަން މިހާރު ވަނީ މަޑުމަޑުން ބީވާން ފަަށައިފަ އެވެ.

ދިވެހި ދަރިވަރުންނަށްޓަކައި، ކުޑަކުދިންގެ ވާހަކަތައް އާ ދުނިޔެއަކަށް ނޭވާ ލާން، އަނެއްކާވެސް ތައްޔާރު ވަނީ އެވެ. އިންޓަނެޓްގެ ދުނިޔެއަށް ފަހު މިހާރު ދިވެހި ވާހަކަތައް ވާރުތަ ވާނީ ޑިޖިޓަލް އެނިމޭޓެޑްގެ ދުނިޔެ އަށެވެ.