Roadha Mihaaru

ލައިބްރަރީގައި ބަންދު ބޯޑު އަޅުވާލެއް މާ އަވަސް!

ބޭނުންވާ ފޮތެއް ހޯދަން އެ ފޮތް އޮތް ތަނަކަށް އަހަރެމެން ދާންޖެހުނު ދުވަސްތައް މާޒީވެއްޖެ އެވެ. މިހާރު ފޮތް އަންނަނީ ސީދާ އަހަރެމެން ކައިރިއަށެވެ. ޒަމާން އެހާވެސް ބަދަލުވެ ކުރިއަރައިފި އެވެ. ފޮތްތެރިކަމަށް މި އަންނަމުންދާ ބަދަލާއި އެކު، ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ލައިބްރަރީތަކުގެ ސްޓައިލާއި ބޭނުންތައްވެސް ތަފާތުވެއްޖެ އެވެ. ފޮތްކިއުމުގެ އިތުރަށް ލައިބްރަރީ ތަކަކީ މިއަދު އިޖުތިމާއީ ހަރަކާތްތަކުގެ ހަބެކެވެ. ބުކް ކްލަބްތަކާއި ލިޔުންތެރިންގެ ހަރަކާތްތައް ހިންގާ، ޓެކްނޮލަޖީއާ ރަށްޓެހި ތަނެކެވެ.

ލައިބްރަރީގައި ބަންދު ބޯޑު އަޅުވާލެއް މާ އަވަސް!
އައިޝަތު މިހްނާ ނާސިހް
އައިޝަތު މިހްނާ ނާސިހް

21 ފެބުރުއަރީ 2025

ބޭނުންވާ ފޮތެއް ހޯދަން އެ ފޮތް އޮތް ތަނަކަށް އަހަރެމެން ދާންޖެހުނު ދުވަސްތައް މާޒީވެއްޖެ އެވެ. މިހާރު ފޮތް އަންނަނީ ސީދާ އަހަރެމެން ކައިރިއަށެވެ. ޒަމާން އެހާވެސް ބަދަލުވެ ކުރިއަރައިފި އެވެ. ފޮތްތެރިކަމަށް މި އަންނަމުންދާ ބަދަލާއި އެކު، ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ލައިބްރަރީތަކުގެ ސްޓައިލާއި ބޭނުންތައްވެސް ތަފާތުވެއްޖެ އެވެ. ފޮތްކިއުމުގެ އިތުރަށް ލައިބްރަރީ ތަކަކީ މިއަދު އިޖުތިމާއީ ހަރަކާތްތަކުގެ ހަބެކެވެ. ބުކް ކްލަބްތަކާއި ލިޔުންތެރިންގެ ހަރަކާތްތައް ހިންގާ، ޓެކްނޮލަޖީއާ ރަށްޓެހި ތަނެކެވެ.

މާލޭގައި ހިންގާ ގައުމީ ކުތުބުހާނާ އާއި ކުޑަކުދިންގެ މަލްޓި މީޑިއާ ލައިބްރަރީންވެސް ޒަމާނީ މި ކުލަތައް ފެންނަން ފަށައިފި އެވެ. ލިޔުންތެރިންނާއި ޖަމިއްޔާތަކުގެ ހަރަކާތްތަކާއި، ފޮތްތެރިކަމާއި ގުޅުންހުރި އަދަބީ ކަންކަންވެސް ކުރިއަށް ދެ އެވެ. ސްކޫލްތަކުގެ ދަރިވަރުންގެ ހަރަކާތްތަކާއި، ޒަމާނީ ގޮތްތަކަށް ތިއޭޓާ ކާޓޫންތައްވެސް އަޅުވަ އެވެ.

އެކަމަކު ދެރައީ އޮފީސް ނިމި، ޔުނިވާސިޓީގެ ކްލާސްތައް ދެމެދު ދުވެދުވެފައި އަންނައިރު ލައިބްރަރީގައި ބަންދު ބޯޑު އަޅުވާފައި ހުންނާތީ އެވެ. އިތުރު އެހެން ކަންކަމުން ބޯ ހަމަޖައްސާލަން ލިބޭ ހުކުރު ދުވަހާއި ބަންދު ދުވަސްތަކުގައި އަހަރެމެންނެކޭ އެއްގޮތަށް ލައިބްރަރީވެސް ޗުއްޓީއަށް ދާތީ އެވެ.

ކުޑަކުދިންގެ މަލްޓި މީޑިއާ ލައިބްރަރީ -- ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ކުޑަކުދިންގެ މަލްޓި މީޑިއާ ލައިބްރަރީ -- ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ނެޝެނަލް އާޓް ގެލެރީގައި ހުންނަ ގައުމީ ކުތުުބުހާނާއަކީ ދިގު ތާރީހަކާއި ގިނަ ހަނދާންތަކެއް އެތަނަކާއި ގުޅިފައިވާ މުހިންމު ތަނެކެވެ. އާންމުންނަށް ފޮތް ގެންދެވޭހެން "ޕަބްލިކް" ލައިބްރަރީ އެއްގޮތަށް "ގައުމީ ކުތުބުހާނާގެ" ނަމުގައި ލައިބްރަރީ ހުޅުވުނީ 1982 ވަަނަ އަހަަރު އެވެ.

އޭރުއްސުރެ ދެހާހުގެ ކުރީކޮޅާއި ހަމައަށް އަައީ ލައިބްރަރީގެ ރަންޒަމާނެކެވެ. ކުދިވެރިން ގޮވައިގެން ކޮންމެ ހަފްތާއަކު އެއްފަހަރު މަދުވެގެން ލައިބްރަރީދޮށަށް ދާންޖެހެ އެވެ. ރަށްޓެހިންނާއެކު ގްރޫޕު ހަދާފަައިވެސް ދެވޭ އެއްތަނަކީ މިއެވެ. ނުވިތާކަށް މިތަނުން ފެނި ބައްދަލުވެ ގުޅުނު ކިތަންމެ ޖޯޑެއް އަދިވެސް އެބަތިއްބެވެ.

އެކަމަކު މިހާރު ލައިބްރަރީއަށް ދާން އޮތް ފޯރި ކުޑަވެއްޖެ އެވެ. ބޭނުންވާ ވާހަކަ ފޮތް މިހާރު އޯޑަރުކޮށްލުމުން ސީދާ ގެއަށް ގެނެސްދެ އެވެ. ނޫނީ ފޮތެއްގައި އަތްލާން ނުޖެހި، މާ ކުޑައަގެއްގައި ޑިޖިޓަލްކޮށްވެސް ބޭނުން ކޮންމެ ފޮތެއްހެން ކިޔާލެވެ އެވެ.

އެކަމަކު އަދިވެސް ލައިބްރަރީގެ ވަކިވަކި ހިދުމަތްތައް ބޭނުންވާ ބަޔަކު އެބަތިއްބެވެ. ތޮއްޖެހި ފުރިބާރުވެފައި މިއޮތް މާލޭގެ ކުދި ކޮޓަރިތަކުގައި ފިތިބާރުވެ ތިބި އެތަށް ޒުވާނުންނެއް ހިންދެމިލާ ހަމަހިމޭންކަމުގައި ފޮތްކިޔައި، ދިރާސާކޮށް ކިިޔަވަން ފަހި މާހައުލެއް ބޭނުންވެ އެވެ. މިކަމަށް ފަހިވާނެހެން ލައިބްރަަރީގައި ކިޔަވާ، ގްރޫޕް ސްޓަޑީ ހަދާނެ ހާއްސަ "ސްޓަޑީ އޭރިއާ" ތައްވެސް އެބަހުއްޓެވެ.

ކުޑަކުދިންނަށް ހާއްސަކޮށް ވަކި ގޮތްޕެއްގެ ގޮތުގައި މާފަންނުކޮޅުގައި ހުޅުވާފައި ހުރި ކުޑަކުދިންގެ މަލްޓިމީޑީއާ ލައިބްރަރީއަކީވެސް ޒަމާނީ ގޮތްތަކަށް ފަރުމާކުރެވުނު ތަނެކެވެ. އެކަމަކު އޮފީސް މަސައްކަތް ނިމުމަށްފަހު ދަރިފުޅު ގޮވައިގެން ފޮތް ކިޔަން ދާންވާއިރަށް ލައިބްރަރީ ހުންނަނީ ބަންދުކޮށްފަ އެވެ.

"ކުރީގެ ބައެއް ލިޔުންތައް ހޯދާ ދިރާސާކުރަން އަދިވެސް ދާން މިޖެހެނީ ލައިބްރަރީއަށް. އެކަަމަކު ފަސޭހައިން ދެވޭ ގަޑިއެއްގައި ވިއްޔާ މި ހުންނަނީ ބަންދުކޮށްފަ. ވަރަށް އުނދަގޫވޭ އެހެންވެ،" މިހާރާއި ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

ކުޑަކުދިންގެ މަލްޓިމީޑިއާ ބޭރުގައި ހުރި ނޯޓިސް.

ކުޑަކުދިންގެ މަލްޓިމީޑިއާ ބޭރުގައި ހުރި ނޯޓިސް.

"ވަރަށް މަސައްކަތް ކުރެވިއްޖެ ދަރިފުޅު ގޮވައިގެން ލައިބްރަރީއަށް ދާން. ފަސް އަހަރުވިއިރު އަދި އެންމެ ފަހަރަކު ދެވުނީ. އޮފީސް ނިންމާފައި އަންނައިރު މި ހުންނަނީ ބަންދުކޮށްފައި. ހޮނިހިރު ދުވަސް އެކަނި ލިބެނީ އެދުވަހު ގިނަފަހަރު އޮންނަނީ ނުދެވިފައި،" ދެ ކުދިންގެ މަންމައަކު ބުންޏެވެ.

ތެދެކެވެ. ގައުމީ ކުތުބުހާނާ ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން ހަވީރު 17:00 އަށެވެ. އަދި ހިދުމަތް ދެނީ ހެނދުނު 10:15 އިން ހަވީރު 16:45 ހަމައަށެވެ.

މާފަންނުގައި ހުންނަ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ހުޅުވާފައި ހުންނަނީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ހިދުމަތްދެނީ ހެނދުނު 10:15 އިން 15:45 ހަމައަށެެވެ.

ސުވާލަކީ މި ލައިބްރަރީ ބޭނުންކުރަން ބޭނުންވާ މީހުން މިތަނަށް ދާންވީ ކޮން ގަޑިއަކު ބާ ވަ އެވެ؟

އާންމުކޮށް ސަރުކާރުގެ ގިނަ އޮފީސްތައް މި ނިމެނީ ދޭއްގެ ފަހުންނެވެ. ގިނަ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ މަސައްކަތް ނިމެނީ ހަތަރެއްގެ ފަހުންނެވެ. ޔުނިވާސިޓީތަކުގެ ދަރިވަރުންގެ ކްލާސްތައް ގިނަފަހަރު މި އޮންނަނީ ހެނދުނުން ފެށިގެންނެވެ. ނޫންނަމަ ވަޒީފާތައް ނިމި ހަވީރާއި ރޭގަނޑަށް ވާގޮތަށެވެ.

ސްކޫލު އުމުރުފުރާގެ ގިނަ ކުދިން ސްކޫލާއި ޓިއުޝަންތަކުން ސަލާމަތްވެވޭއިރު އޮންނަނީ ހަވީރު ވެފަ އެވެ.

އެހެންކަމުން ހަފްތާގެ ދުވަސްތަކުގައި ރަސްމީ ވަޒީފާއަކަށް ނުކުންނަ މީހަކަށް ލައިބްރަރީއަށް ދިއުމަކިީ ވަރަށް އުނދަގޫ ކަމެކެވެ. ހަމައެކަނި ދެވެން އޮތީ ހޮނިހިރެވެ. އެދުވަހުވެސް ހަވީރު ފިންޏަށް ނުކުންނަން ބަލާނަމަ މިކަމެއް ނުވާނެ އެވެ.

ލައިބްރަރީގެ ބޭރުގައި ހުރި ނޯޓިސް އެއް ---

ލައިބްރަރީގެ ބޭރުގައި ހުރި ނޯޓިސް އެއް ---

މިއީ ކުރީއްސުރެ ކަނޑައެޅިފައި ހުރި ގަޑިތަކެއް ނޫނެވެ. މީގެކުރިން ބިއްލޫރިޖެހިގޭގައި ހެނދުނު 9 އަކުން ރޭގަނޑު 9 އަކަށްވެސް ލައިބްރަރީ ހުޅުވާފައި ހުއްޓެވެ. އަދި މިފަހުން ކޮވިޑްގެ ފުރަބަންދަށްފަހު މެންދުރު 3 ޖަހާއިރަށް ލައިބްރަރީ ބަންދުކުރި ދުވަސްތަކެއްވެސް ދިޔަ އެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ހަވީރު ހައެއް ޖެހުމާއި ހަމައަށް ހުޅުވުމަށްފަހު އަނެއްކާވެސް ގަޑި މިވަނީ ކުޑަކޮށްފަ އެވެ.

ގައުމީ ކުތުބުހާނާގެ ފަރާތުން ބުނިގޮތުގައި ލައިބްރަރީ ގިނައިރުވަންދެން ހުޅުވާފައި ބެހެއްޓުމަށް ދަތިވާ މައިގަނޑު ސަބަބަކީ އެވަރުގެ ވަސީލަތްތައް ނެތުމެވެ.

"މިއީ ވަގުތީ ބަދަލެއް. މުވައްޒަފުން އިތުރުކުރެވުނުހާ އަވަހަށް އުންމީދަކީ ކުރިން އޮތްހެން ގިނައިރު ލައިބްރަރީ ހުޅުވާފައި ބެހެއްޓުން،" ލައިބްރަރީގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިވަގުތު ވެސް ގައުމީ ކުތުބާހާނާގައި 60،0000 އަށްވުރެ ގިނަ ފޮތްތައް އެބަހުއްޓެވެ. މިފަހަކަށް އައިސް ލައިބްރަރީއަށް އެންމެ ގިނައިން އަންނަނީ ސްކޫލު ކުދިންނާއި، ކޮލެޖުތަކުގެ ދަރިވަރުން އަދި ދިރާސާ ކުރާ ފަރާތްތަކެވެ. ސްކޭންކޮށް ޑިޖިޓަލް ކޮޕީތައް އީމެއިލްގެ ޒަރިއްޔާއިން ރާއްޖެއާ ރާއްޖެއިން ބޭރުން އަންނަ އިންކުއަރީސްއަށް ވެސް ފޯރުކޮށްދޭކަމަށް ލައިބްރަރީގެ ފަރާތުން މައުލޫމާތު ދިނެވެ.

ފޮތް ގެންދިއުމަށް ތަރުހީބު ކުޑަވިނަމަވެސް، ފަހުގެ ސްޓައިލްތަކަށް ލައިބްރަރީގައި ކުރިއަށްގެންދެވޭ ހަރަކާތްތަކަށް ޒުވާން ކުދިންގެ ތަރުހީބު ބޮޑެވެ. މިފަހުން ލައިބްރަރީގައި އަމިއްލަ ޖަމިއްޔާތަކުގެ ހަރަކާތްތައް ހިލޭ ބޭއްވުމުގެ ފުރުސަތުވެސް ވަނީ ދޭން ފަށާފަ އެވެ. މި ފުރުސަތުގެ ބޭނުންވެސް ގިނަ ޖަމިއްޔާތަކުން ދަނީ ހިފަމުންނެވެ. އަދި ފޮތް އުފައްދާ ފަރާތްތަކަށްވެސް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ މަސައްކަތް ލައިބްރަރީއިން ގުޅިގެން ދަނީ ފޯރުކޮށްދެމުންނެވެ.

ގައުމީ ކުތުބުހާނާގައި ހުރި ދިވެހި މެގަޒިންތަކުގައި ހުރި ބައެއް އިލަސްޓްރޭޝަންސް --

އެންމެންގެ ވެސް އޮތީ އެއް އުންމީދެކެވެ. ފޮތް ކިޔާ ހިތްވާ މީހުން ގިނަ ކުރުމެވެ. ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމެވެ. އެކަމަކު މިކަން ލައިބްރަރީގައި ކުރާނަމަ މި ގަޑިތަކަށް ބަދަލެއް ގެންނަން ގިނަބަޔަކު ބޭނުންވެ އެވެ.

"ކުރިން ސްކޫލު ދުވަސްވަރު ވަރަށް ގިނައިން ގޮސް އުޅުނިން ލައިބްރަރީއަށް. އެކަމަކު މިހާރު އެއްވެސް ވަރަކަށް ނުދާތާ ވަރަށް ގިނަ އަހަރުވެދާނެ. ނުބެލެނީކަމަށްވެސް ވެދާނެ އެކަމަކު މާބޮޑަށް ނުވެސް އެނގޭ މިހާރު ލައިބްރަރީ އާ ބެހޭ މާ ގިނަ ކަންކަމެއް،" 24 އަަހަރުގެ ޒުވާނަކު ބުންޏެވެ.

ލައިބްރަރީއަކީ ކޮންމެ މުޖްތަމައެއްގެވެސް އެންމެ މުހިންމު އެއް ބިނާ އެވެ. އެބައެއްގެ ފޮތްތެރިކަމުގެ އެންމެ ބޮޑު ރަމްޒެވެ. ކުުޑަކުދިންނަށް އުފާވެރި، މާހައުލެކެވެ. ޒުވާނުންނަށް ފޫހިފިލުވޭނެ މަންޒިލެކެވެ. ދިރާސާކޮށް އުނގެނުމަށް ހަޒާނާ އެކެވެ. އެންމެނަށްވެސް ނިކަން ފަސޭހައިން މިތަނުގެ ބޭނުން ހިފޭނެ ގޮތްވެއްޖެނަމަ ނެތިވަމުން މިދާ ފޮތްތެރިކަމުގެ ޝައުގު އަލުން އަނބުރާ ގެނެވިދާނެ އެވެ.