Roadha Mihaaru

ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ގާއިމްކުރާނަން: ރައީސް

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ގާއިމުކުރައްވާނެ ކަމަށް ރައީސް، ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ހަދަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

05 ފެބުރުއަރީ 2024

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ގާއިމުކުރައްވާނެ ކަމަށް ރައީސް، ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، އިލްމާއި ފޮތްކިޔުމަށް އޮތް ލޯބި އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ދައުރުގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އީޖާބީ ބޮޑު ބަދަލެއް ގެންނަވާނެ ކަމަށާއި އެކަމުގެ ސަބަބުން ދިވެހިވަންތަކަމަށް ލޯބިކުރާ، އުޅުންހުރި، ހުލްގު ރަނގަޅު ޖީލުތައް ތަރުބިއްޔަތު ވެގެން ނުކުންނާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

"އިލްމާއި ފޮތްކިޔުމަށް އަޅުގަނޑުމެންގެ ތެރޭގައި އޮތް ލޯބި އިތުރުކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކުރާނަން،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މަޖިލިސް

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މަޖިލިސް

ރާއްޖޭގެ ގައުމީ ކުތުބުހާނާގެ ބިންގާ އެޅީ ޖުލައި 12، 1945 ގަ އެވެ. އޭރުގެ އެޑިއުކޭޝަން ޑިޕާޓްމަންޓުގެ އިސްވެރިޔަކަށް ހުންނެވި މުހައްމަދު އަމީން ދީދީ ބިންގާ އަޅުއްވައިދެއްވި އެ އިމާރާތަށް އޭރު ދީފައިވަނީ ސްޓޭޓް ލައިބްރަރީގެ ނަމެވެ.

މިހާރު ބޭނުންކުރަމުން އަންނަ "ގައުމީ ކުތުބުހާނާ"ގެ ނަމަށް ރަސްމީކޮށް ބަދަލުކުރީ 1982ގަ އެވެ.

ދެހާސް އަށްވަނަ އަހަރު އައްޑޫ، މަރަދޫގެ ބޮނޑަގޭގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ހުޅުވަން ވެސް މަސައްކަތްކުރި އެވެ.