Roadha Mihaaru
ކިޔުންތެރިކަން ޕްރޮމޯޓްކުރަން ރަޝްފޯޑްގެ ބުކް ކްލަބެއް

ކުޑަކުދިންގެ މެދުގައި ކިޔުންތެރިކަން ޕްރޮމޯޓްކުރަން ރަޝްފޯޑްގެ ބުކް ކްލަބެއް

19 ނޮވެމްބަރ 2020

ކުޑަކުދިންގެ މެދުގައި ކިޔުންތެރިކަން އާލާކޮށް، އެކަން ކުރިއަރުވަން އިނގިރޭސިވިލާތުގެ ފުޓްބޯޅަ ތަރި މާކަޝް ރަޝްފޯޑް، ބުކް ކްލަބެއް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޑަކުދިންގެ މެދުގައި ކިޔުންތެރިކަން އާލާކޮށް، އެކަން ކުރިއަރުވަން އިނގިރޭސިވިލާތުގެ ފުޓްބޯޅަ ތަރި މާކަޝް ރަޝްފޯޑް، ބުކް ކްލަބެއް ފަށައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ 23 އަހަރުގެ ރަޝްފޯޑްގެ ބުކް ކުލަބް ކުރިއަށް ގެންދަން ނިންމާފައި ވަނީ މެކްމިލަން ޗިލްޑްރެންސް ބުކް (އެމްސީބީ) އާ ގުޅިގެންނެވެ. ރަޝްފޯޑް ބުނި ގޮތުގައި އަމާޒަކީ ހުރިހާ ފަންތިއެއްގެ ކުދިންގެ މެދުގައި ކިޔުންތެރިކަމުގެ ޝައުގުވެރިކަން އުފައްދައި، ކުދިންނަކީ މައުލޫމާތު މުއްސަނދި ދުނިޔެ އަށް ލޯ ހުޅުވުފައިވާ ބަޔަކަށް ހެދުމެވެ. އަދި ކިޔުންތެރިކަމަށް ކުދިންގެ މެދުގައި ލޯބި ޖެހުނު ވަރަކަށް ކިޔެވުމަށް ޝައުގުވެރިކަން އުފެދޭނެ ކަމަށް ވެސް އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ބުންޏެވެ.

އަމިއްލަ ތަޖުރިބާއާ ބެހޭ ގޮތުން މާކަސް ބުނީ އޭނާ އަކީ ވެސް ކުޑައިރު ފޮތްކިޔަން ވަރަށް ލޯބިކުރި މީހެއް ކަމަށާއި މައިންބަފައިން ވެސް އެކަމަށް ވަރަށް ބާރު އެޅި ކަމަށެވެ.

"މިހާރު ވެސް ހިތަށް އަރާ އޭރު އެކަން ކުރެވުނީ އެންމެ އެކަށީގެންވާ ވަރަކަށް ނޫނޭ. އަބަދު ވެސް ފޮތްތަކުގެ ތެރޭގައި އުޅެވުނު ނަމައޭ." މާކަސް އިން ބުންޏެވެ. "އަސްލު މީހާގެ މެންޓަލިޓީ ތަރައްގީކޮށްދޭ ކަމެއް ކިޔުންތެރި ކަމަކީ. އަހަރެންގެ ތަޖުރިބާއަކީ އެއީ."

އޭނާ ބުނީ ކުދިންގެ މެދުގައި ކިޔުންތެރިކަމުގެ ފޯރި އާއި ޖޯޝް އުފެދޭނީ އާއިލާތަކުން ވެސް ހިތްވަރުދިން ވަރަކުން ކަމަށެވެ. އެހެންވެ ތަރުބިއްޔަތުކުރަން ފޮތަކީ ކާނާ އަށް ވުރެ މުހިއްމު އެއްޗެއް ކަމަށް ބުންޏެވެ.

"ކުދިންނަށް ގިނަ ފޮތްތައް ހޯދައިދީ ފޮތްތަކާ އެކު ވަގުތު ހޭދަކުރެވޭނެ ފުރުސަތު އެބަޖެހޭ ބެލެނިވެރިން ވަރަށް ބޮޑަށް ހޯދައިދޭން،" މާކަސް ބުންޏެވެ. "މީހާ ކަންކަމަށް ލޯ ހުޅުވި، މައުލޫމާތުގެ ހަޒާނާ މުއްސަނދި ވަނީ ކިޔުންތެރިކަން އަށަގަތް މިންވަރަކުން."

ރަޝްފޯޑާ ގުޅިގެން ކުރިއަށް ގެންދާ ކިޔުންތެރިކަމުގެ ކެމްޕޭނާ ބެހޭ ގޮތުން އެމްސީބީން ބުނީ އަމާޒަކީ ވީހާ ވެސް ގިނަ ކުދިންނަށް ކިޔާލަން ފޮތްތައް ފޯރުކޮށް ދިނުން ކަމަށެވެ. އެގޮތުން ވަކިން ހާއްސަކޮށް ފުރުސަތުތައް ލިބުން ދަތި އަދި މާލީ ގޮތުން ވެސް ދަތި އާއިލާތަކުގެ ކުދިންނަށް ވަކިން ބޮޑަށް އިސްކަންދޭނެ ކަމަށް ބުންޏެވެ.

އެމްސީބީ ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން މާކަސްގެ ބައިވެރިވުމާ އެކު އާ ފޮތްތަކެއް ވެސް ނެރޭނެ އެވެ. އެގޮތުން ކުދިންގެ ޝައުގުވެރި ގޮތަށް އިލަސްޓްރޭޝަނާ އެކު އިބުރަތްތެރި މެސެޖްތައް ލިބޭ ޒާތުގެ ފޮތްތައް ނެރޭނެ އެވެ.

އެގޮތުން ނެރޭނެ ފުރަތަމަ ފޮތަކީ "ޔޫ އާ އަ ޗެމްޕިއަން: އަންލޮކް ޔޯ ޕޮޓެންޝަލް، ފައިންޑް ޔޯ ވޮއިސް އެންޑް ބީ ދަ ބެސްޓް ޔޫ ކޭން ބީ" އެވެ. މި ފޮތް ނެރެން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހުގެ އެވެ. އުމުރުން 11-16 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ނެރޭ މި ފޮތުގެ ކޮންމެ ބާބެއްގައި މާކަސްގެ ދިރިއުޅުމުގެ ތަޖުރިބާތަކާ އެކު، ތައުލީމާއި ނަފުސާނީ ދުޅަހެޔޮކަމާއި ސަގާފަތާއި އަންހެން ރޯލް މޮޑެލުންގެ ވާހަކަތައް ގެނެސް ދީފައި ހުންނާނެ އެވެ.

"ޔޫ އާ އަ ޗެމްޕިއަން" އަކީ ކުޅިވަރު މީޑިއާ ގްރޫޕް ދި އެތުލެޓިކްގެ ނޫސްވެރިޔާ ކާލް އަންކާ އާއި ޕަފޯމަންސް ސައިކޮލޮޖިސްޓް ކޭޓީ ވެރިނާގެ ހިއްސާއާ އެކު ނެރޭ ފޮތެވެ. އެ ފޮތުގެ އިތުރުން މާކަސް އަންނަ އަހަރާއި 2022 ގައި އިތުރު ފޮތްތަކެއް ނެރޭނެ އެވެ. އެ ފޮތްތައް ހާއްސަ ކުރާނީ 7 އަހަރުން މަތީގެ ކުދިންނަށެވެ.