Roadha Mihaaru
ސިއްހީ ހާލަތު ބަލަން އެޗްއާރުސީއެމްގެ މައްޗަށް އަމުރެއް

ބަންދުުގައި ތިބި ބަޔަކާ ގުޅިގެން އެޗްއާރުސީއެމްގެ މައްޗަށް އަމުރެއް، ހައި ކޯޓުން މައްސަލަ ބަލައެއްނުގަތް

13 ޖުލައި 2021

ބަންދުގައި ތިބި ދެ މީހެއްގެ ސިއްހީ ހާލަތު ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މައްޗަށް ކޯޓަކުން ނެރުނު އަމުރެއްގެ އިސްތިއުނާފްގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބަންދުގައި ތިބި ދެ މީހެއްގެ ސިއްހީ ހާލަތު ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މައްޗަށް ކޯޓަކުން ނެރުނު އަމުރެއްގެ އިސްތިއުނާފްގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެޗްއާރުސީއެމްގެ މައްޗަށް އަމުރުކުރީ އެ ކޯޓުގައި ހިނގަމުންދާ ދެ މައްސަލައެއްގައި ދައުވާލިބޭ ދެ މީހެއްގެ ސިއްހީ ހާލަތު ބެލުމަށެވެ. އޭގެ ތެރެއިން އެކަކުގެ ސިއްހީ ހާލަތު ބަލަން އަމުރުކުރީ ޑޮކްޓަރުގެ ލަފައާ އެއްގޮތަށް ޖަލުގައި ފަރުވާގެ ކަންކަން ކުރިއަށް ދޭތޯ ބެލުމަށެވެ. ދެވަނަ މީހާގެ ސިއްހީ ހާލަތު ބަލަން އަމުރުކުރީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އޭނާ ކޯޓަށް ހާޒިރު ނުކުރެވުމާއި އަދި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަަތް ނުކުރެވޭތީ އެކަން އެގޮތަށް ދިމާވި ސަބަބެއް ބެލުމަށެވެ.

އެޗްއާރުސީއެމްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ އެ ދެ އަމުރުގެ ސަބަބުން އެ ކޮމިޝަންގެ ބާރުތައް ހަނިވެ، އެ ކޮމިޝަންގެ ހައްގުތަކަށް އުނިކަން އައިސްފައިވާ ކަމަށް ބުނެ އެވެ.

އެކަމަކު ހައި ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވި ނިންމުމުގައި ވަނީ އެޗްއާރުސީއެމްގެ ގާނޫނު އޮންނަ ގޮތުން ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގައި ބަންދުގައި ތިބޭ މީހުންގެ އިންސާނީ ހައްގުތަކާ ގުޅޭ ކަންކަން ބަލައި، ފަނޑިޔާރުންނަށް ރިޕޯޓް ކުރަން އެޗްއާރުސީއެމްގެ މައްޗަށް އެންގިދާނެ ކަމަށެވެ. އަދި އެ ދެ އަމުރުގެ ސަބަބުން އެޗްއާރުސީއެމްގެ ހައްގުތަކަށް އުނިކަން އައި ގޮތެއް އެ ކޮމިޝަނަށް ބުނެދެވިނުވާ ކަމަށާއި އެހެންވެ، އެ މައްސަލަ ހައި ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.

ބަންދުގައި ތިބޭ މީހުންގެ ކަންކަން އެޗްއާރުސީއެމްގެ ފަރާތުން ކުރިން ބަލަމުން އައީ އެ މީހުންގެ ފަރާތުން ޝަކުވާ ހުށަހެޅުމުން ނުވަތަ އެ ކޮމިޝަންގެ އަމިއްލަ އިސް ނެގުމުގަ އެވެ. މިއީ ބަންދުގައި ހުރި މީހެއްގެ ސިއްހީ ހާލަތު ބެލުމަށް ކޯޓަކުން އެ ކޮމިޝަންގެ މައްޗަށް އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.