Roadha Mihaaru
ޓޫރިޒަމް އިޝްތިހާރު ކުރަން މުއްސަނދިންގެ ނެޓްވޯކެއް

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް މުއްސަނދިންގެ ނެޓްވޯކެއް ހަދައިފި

24 ނޮވެމްބަރ 2016

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް، މުހިއްމު މާކެޓްތަކަށް ނިސްބަތްވާ މަގުބޫލް ޝަހުސިއްޔަތުންނާއި މުއްސަނދިން ހިމެނޭ ނެޓްވޯކެއް ފުރަތަމަ ފަހަރަށް ގާއިމްކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް، މުހިއްމު މާކެޓްތަކަށް ނިސްބަތްވާ މަގުބޫލް ޝަހުސިއްޔަތުންނާއި މުއްސަނދިން ހިމެނޭ ނެޓްވޯކެއް ފުރަތަމަ ފަހަރަށް ގާއިމްކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މޯލްޑިވްސް އެމްބެސެޑަރު ޕްރޮގްރާމް ފެށުމަށް އެކަމާ ބެހޭ އެއްބަސްވުމެއްގައި ޓޫރިޒަމް މިނިސްޓްރީ އާއި ހޮން ކޮންގުގެ ކުންފުންޏެއް ކަމަށްވާ ލައިފްސްޓައިލް ކެޕިޓަލް ޕާޓްނާސް (އެލްސީޕީ)އާ އެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރާއި ލައިފްސްޓައިލް ކެޕިޓަލްގެ ވެރިޔާ ލިން ވިލަޑޮއިޑެވެ.

ރަސްމިއްޔާތަށް ފަހު، މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގައި އެލްސީޕީގެ ތަޖުރިބާގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ އެވެ. އަދި އެ ކުންފުންޏާ ގުޅިފައިވާ ފަރާތްތަކުގެ ސަބަބުން، އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނާއި އިންވެސްޓަރުންގެ މެދުގައި އެންމެ މަގުބޫލް އެއް މަންޒިލުގެ ގޮތުގައި ރާއްޖެ ދެމެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ޕްރޮގްރާމެއް އަލަށް ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" ޒަމީރު ވިދާޅުވި އެވެ.

އެލްސީޕީ ވެރިޔާ ލިން ވެސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގައި އެ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ ބޭނުން ހިފައިގެން މިހާރަށް ވުރެ ވެސް ބޮޑަށް ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރެވޭނެ ކަމަށެވެ. އެ ކުންފުންޏާއި ގުޅިފައިވާ މަންދޫބުންގެ ފުރިހަމަ އެއްބާރުލުން މި މަސައްކަތަށް ލިބޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"އެންމެ މަތީ ފެންވަރުގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ރާއްޖެ ވަރުގެ ތަނެއް ނެތް،" ލިން ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެމްބެސެޑަރު ޕްރޮގްރާމްގައި ބައިވެރިވެވޭނީ ދައުވަތު ދޭ ފަރާތްތަކަށް އެކަންޏެވެ. އޭގެ ތެރޭގައި ހިމެެނެނީ ރާއްޖެ އަށް އެންމެ މުހިއްމު މާކެޓުތަކަށް ނިސްބަތްވާ، މުއްސަނދިންނާއި މަގުބޫލް ޝަހުސިއްޔަތުންނެވެ. އެ ފަރާތްތަކުގެ ޒިންމާއަކަށް ވާނީ، އެ މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގެ ޓޫރިޒަމްގެ އިތުރަށް، އެ ސިނާއަތުގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރު ކުރުމެވެ.

އެލްސީޕީ އަކީ ރާއްޖެ ވެސް ހިމެނޭ ގޮތަށް ޓޫރިޒަމް އިޝްތިހާރު ކުރުމާއި އިންވެސްޓްމަންޓް ބޭންކިން އަދި ކޮންސަލްޓެންސީގެ ހިދުމަތް ދިނުމުގައި ވިއްސަކަށް އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ލިން 2014 ގައި އުފެއްދެވި ކުންފުންޏެކެވެ. އެ ކުންފުނިން ގެންދަނީ މުއްސަނދިންނާއި މަގުބޫލް ޝަހުސިއްޔަތުންގެ ވިޔަފާރި އާއި އެ ނޫން ވެސް ކަންކަމުގައި ހިޔާލާއި މަޝްވަރާ ދީ، އެ ކަންކަން ބަލަހައްޓައިދެމުންނެވެ.

ބޭރުގެ މަޝްހޫރު ފިލްމީ ތަރިންނާއި ކުޅިވަރު ކުޅުންތެރިންގެ އިތުރަށް، އެހެން ދާއިރާތަކުން ވެސް އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުން ޗުއްޓީ ހޭދަކުރަން ރާއްޖެ އަށް އާއްމުކޮށް އާދެ އެވެ. އެ ފަރާތްތަކުން ބޮޑެތި ހަރަދުތައް ކުރާ އިރު، ގިނަ ފަހަރަށް މުޅި ރިސޯޓު އެއްކޮށް ވެސް ހިފަ އެވެ.

ޓޫރިޒަމް އިޝްތިހާރު ކުރުމަށް މިހާރު އާއްމުކޮށް ކުރާ ކަމަކީ އެކި ގައުމުތަކުގައި ބާއްވާ ފެއާތަކުގައި ބައިވެރިވުމާއި ރޯޑްޝޯތައް ބޭއްވުމެވެ. އަދި ބައެއް ޓީވީތަކުގައި އިޝްތިހާރު ދެއްކުން ފަދަ ކަންކަން ވެސް ކުރެ އެވެ. އެކަމަކު، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެކަން ފުޅާކޮށް، ޑޭޓާ އާއި ތަފާސްހިސާބުތަކަށް ބަލައިގެން ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރުމަށެވެ.

ރާއްޖޭގެ ޓޫރިޒަމް އަޑިއަޅާލާފައި އޮތުމަށް ފަހު މިހާރު އަނެއްކާ ވެސް ވަނީ ރަނގަޅުވާން ފަށައިފަ އެވެ. އެކަމަކު، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗަައިނާ ފަދަ މުހިއްމު މާކެޓުތައް ދަށަށް ދިއުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.