20 ޑިސެމްބަރ 2016
ރާއްޖޭގެ ޓޫރިޒަމް އަންނަ އަހަރު އިޝްތިހާރު ކުރާނީ ހަރަދުތައް ވީހާ ވެސް ކުޑަކޮށްގެން، އެކަމަކު ބޮޑު ފައިދާއެއް ނެރެވޭނެ ގޮތަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް އަންނަ އަހަރު އިޝްތިހާރު ކުރާނީ ހަރަދުތައް ވީހާ ވެސް ކުޑަކޮށްގެން، އެކަމަކު ބޮޑު ފައިދާއެއް ނެރެވޭނެ ގޮތަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ޓޫރިޒަމް އިޝްތިހާރު ކުރަން އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށާއި މަސައްކަތް ވެސް ނުކުރާ ކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، މިނިސްޓަރު ޒަމީރު ވިދާޅުވީ، އަންނަ އަހަރު އިސްކަން ދެނީ ރާއްޖެ އިޝްތިހާރު ކުރަން ކޮންމެ ޓޫރިސްޓަކަށް ޖެހޭ މިންވަރު ކުޑަކުރަން ކަމަށެވެ. އެ ގޮތުން، ބައެއް ހަރަދުތައް ކުޑަކޮށް އަދި މިހާރަށް ވުރެ ފައިދާވާނެ ގޮތަށް ކަންކަން ކުރަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ، މި އަހަރު ސަރުކާރުގެ ބަޖެޓަކީ ވެސް އެހެން އަހަރުތަކަށް ވުރެ ތަންކޮޅެއް ތަފާތު ގޮތަކަށް ބަޖެޓް ރޭވިފައި އެ އޮތީ. އެހެންވީމަ، ބޮޑަށް ވިސްނާފައި އެ ހުރީ އަޅުގަނޑުމެންނަށް ރެވެނިއު ޖެނެރޭޓް ކުރެވޭނެ، ރެވެނިއުގެ ގޮތުގައި އާމްދަނީ ލިބިގެން ކުރެވޭނެ މަސައްކަތްތައް ވެސް އެބަހުރި ޕްރޮމޯޝަންގައި،" ރާއްޖޭގެ ޓޫރިޒަމްގެ ރަސްމީ ވެބްސައިޓް އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ރަސްމީ ވެބްސައިޓް އިފްތިތާހު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ މިސާލަކަށް އޭނާ ނެންގެވީ ކޮންމެ އަހަރަކު ނެރޭ ޑެސްޓިނޭޝަން ގައިޑެވެ. ކުރިން އަހަރަކު ފަސް ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ނެރޭ ގައިޑް އަންނަ އަހަރު ނެރޭނީ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެ އިން ހަތް ލައްކައެއްހާ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ގޮތަށެވެ.
"ކުރީގައި ވެއްޖިއްޔާ ވަރަށް ގިނަ ސާމާނު ޕްރޮމޯޝަނަލް ކަންކަމުގައި ހުންނާނެ. ހަގީގަތުގައި އަޅުގަނޑުމެން ބެލި ބެލުމުން މީ އެހާ މުހިއްމު އެއްޗެއް ނޫން. އަޅުގަނޑުމެން ލިމިޓްކޮށްފައި، ތަފާތު ގޮތަކަށް މި ގެންދަނީ،" ޑެސްޓިނޭޝަން ގައިޑަށް އިޝާރާތް ކުރައްވައި ޒަމީރު ވިދާޅުވި އެވެ.
ޓޫރިޒަމް އިޝްތިހާރު ކުރަން ޒަމާނީ ގޮތްތައް ބޭނުންކުރުމާ ގުޅޭ ގޮތުން މިިދިޔަ ސެޕްޓެމްބަރު މަހު ވަނީ ހާއްސަ ކޮންފަރެންސެއް ބާއްވައިފަ އެވެ. ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެ ކޮންފަރެންސްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާރަށް ވުރެ ބޮޑަށް ތަފާސްހިސާބާއި ޑޭޓާ އަށް ބަލައިގެން ޓޫރިޒަމް އިޝްތިހާރު ކުރަން ޖެހެ އެވެ.
އެ ކޮންފަރެންސުން ފާހަގަކުރެވުނު ކަންކަމަށް ބަލައިގެން، އަންނަ އަހަރު ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ހަތަރު މާކެޓެއް ކަނޑައަޅާފައިވާކަން މިނިސްޓަރު ޒަމީރު މިއަދު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި، މިހާރު އަޑިއަޅާލާފައިވާ ޗައިނާގެ މާކެޓާއި އެންމެ ބާރަށް ކުރިއަރަމުން އަންނަ ސައޫދީ އަރަބިއްޔާ ފަދަ މެދުއިރުމަތީގެ ގައުމުތަކުގެ އިތުރަށް، ފްރާންސް ފަދަ ޔޫރަޕްގެ ގައުމުތައް އަދި އިންޑިއާ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މާކެޓުތަކުން ކޮންސަލްޓަންޓުން ކަނޑައަޅައި އެ ފަރާތްތަކާ އެކު މިހާރު މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން، ޔޫރަޕްގެ އެކި ސަރަހައްދުތަކުގައި އަންނަ މަހު ބާއްވާ ހަތަރު ފެއާއެއް ހިމެނޭ ގޮތަށް، އަންނަ އަހަރުގެ ތެރޭގައި ޖުމްލަ 14 ފެއާއެއްގައި ބައިވެރިވާން މިހާރު ވެސް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި އަހަރު ސަރުކާރުގެ ބަޖެޓަކީ ވެސް އެހެން އަހަރުތަކަށް ވުރެ ތަންކޮޅެއް ތަފާތު ގޮތަކަށް ބަޖެޓް ރޭވިފައި އެ އޮތީ. އެހެންވީމަ، ބޮޑަށް ވިސްނާފައި އެ ހުރީ އަޅުގަނޑުމެންނަށް ރެވެނިއު ޖެނެރޭޓް ކުރެވޭނެ، ރެވެނިއުގެ ގޮތުގައި އާމްދަނީ ލިބިގެން ކުރެވޭނެ މަސައްކަތްތައް ވެސް އެބަހުރި ޕްރޮމޯޝަންގައި." -- ޒަމީރު
އެކަމަކު، މަޓާޓޯ އިން އިއްޔެ ބުނީ ކުރިއަށް އޮތް ތިން މަހު ބާއްވާ ޓޫރިޒަމް ފެއާތަކުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އަދިވެސް ހުޅުވާލާފައި ނުވާ ކަމަށެވެ. ހާއްސަކޮށް، ޔޫރަޕުގެ ގައުމުތަކުގައި ބާއްވާ ފެއާތަކުގައި ބައިވެރިވާން ފްލައިޓާއި ހޮޓާ ބުކް ކުރުން ފަދަ ގިނަ އިންތިޒާމުތަކެއް ދުރާލާ ހަމަޖައްސަން ޖެހޭ އިރު، ރާއްޖޭގެ ބްރޭންޑް އެ ފެއާތަކުން ނުފެނުން އެކަށީގެންވާ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ ގިނަ އަދަދެއް މިހާރު ވެސް ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. ޓޫރިޒަމް އިޝްތިހާރު ކުރަން ގެންގުޅޭ އުސޫލު އަންނަ އަހަރު ބަދަލުކޮށް، އާ މަސައްކަތްތަކެއް ކުރަން ފެށުމާ އެކު، ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެ، އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"ހަގީގަތުގައި ނިމިގެން ދިޔަ އަހަރާ އަދި މި އަހަރު ވެސް ޔޫރަޕްގައި ވެސް އުނދަގޫ އަހަރެއް، ހާއްސަކޮށް ބްރެކްސިޓް އަދި ޓެރަރިޒަމްގެ މައްސަލަ. މިޑްލް އީސްޓުގައި މި ހިނގާ ހަނގުރާމައިގެ އިމްޕެކްޓް ވެސް އެބަ އާދޭ. އަދި އޭގެ އިތުރުން ޓޫރިޒަމް ބޮއިކޮޓް ކުރަން ކުރެވުނު މަސައްކަތްތަކާ، މި ހުރިހާ އެއްޗަކަށް ބަލާފައި އަސްލު އުނދަގޫ އަހަރެއް،" ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް މި ދުވަސްވަރު ވަނީ ދަށަށް ގޮސްފަ އެވެ. އެ ގޮތުން، ކުރިން ގާތްގަނޑަކަށް އަހަރަކު ހަ ޕަސެންޓުގައި ކުރިއަރަމުން ދިޔަ މި ސިނާއަތް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުރިއަރާފައި ވަނީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 1.8 ޕަސެންޓުގަ އެވެ.
މީގެ އިތުރުން، މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރިޔަސް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ މާކެޓް ވަރަށް ބޮޑަށް ދަށްވުމުން މިދިޔަ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެންނަން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ.
ދަރަނީގެ ތަސައްވުރު ވަނީ ރަނގަޅުވެފައި: ޒަމީރު
ސްޓާ ވޯޒް އިން އިޝްތިހާރުކޮށް، ސްޓޫޑިއޯ އައިލެންޑެއް
ޓޫރިޒަމް އިޝްތިހާރު ކުރަން މުއްސަނދިންގެ ނެޓްވޯކެއް
ޓޫރިޒަމް އިޝްތިހާރު ކުރުން ޑޭޓާއާ ދިމާލަށް
މަޓާޓޯގެ ތައުރީފު އެމްއެމްޕީއާރުސީ އަށް
މަޓާޓޯއިން ފިލިޕީންސްގައި ރާއްޖެ އިސްތިހާރުކޮށްފި
ރާއްޖެ މާކެޓްކުރުން އަވަސްކުރަން ޖެހޭ: ރިފްއަތު
ފުވައްމުލަކުގައި 500 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅަނީ
އެއާޕޯޓަކާއި ސިޓީހޮޓަލަކާއެކު ފައިނުގައި ބޮޑު މަޝްރޫއެއް
ޗައިނާގެ ޓޫރިސްޓުން މަދުވާ މައްސަލާގައި މަޝްވަރާކޮށްފި