Roadha Mihaaru
ގަން އެއާޕޯޓް ވާނީ ރީޖަނަލް ހަބަކަށް: އިންޑިއާ

ގަން އެއާޕޯޓް ވާނީ ރީޖަނަލް ހަބަކަށް: އިންޑިއާ

12 ޖުލައި 2021

އިންޑިއާގެ އެހީގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ސަބަބުން އެތަން ވާނީ މި ސަރަހައްދުގެ ފާހަގަކޮށްލެވޭ ހަބަކަށް ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެހީގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ސަބަބުން އެތަން ވާނީ މި ސަރަހައްދުގެ ފާހަގަކޮށްލެވޭ ހަބަކަށް ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދިވެހި ބަހުން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާނީ ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަމަށެވެ. އެގޮތުން އެއާޕޯޓް ތަރައްގީއަށް 17 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.

"ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސަައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތައް ގުނައަކުން ރަނގަޅުވެ، މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް ވެގެން ދާނެ،" ހައި ކޮމިޝަނުން ބުންޏެވެ. "މި ޕްރޮޖެކްޓް ކުރިއަށްދާނީ ރާއްޖެ އަށް ދޫކުރެވިފައިވާ 800 މިލިއަން ޑޮލަރުގެ ލައިިން އޮފް ކްރެޑިޓްގެ ދަށުން."

ގަން އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ޓާމިނަލް އަޕްގްރޭޑްކުރުމާއި ޑޮމެސްޓިކް ޓާމިނަލެއް އެޅުމާއި އެ ތަންތަނާ ގުޅިފައިވާ މަގުތައް ހެދުމުގެ އިތުރަށް ސަޕޯޓް އިންފްރާސްޓްރަކްޗާ ހެދުން ހިމެނެ އެވެ.

އިންޑިއާ އިން ބުނި ގޮތުގައި ގަން އެއާޕޯޓް މި ސަރަހައްދުގެ ދަތުރުފަތުރުގެ ހަބަކަށްވުމުން ދެކުނުގެ ޓޫރިޒަމް ކުރިއަރައި، ޓޫރިސްޓުންގެ މަގުބޫލުކަން ބޮޑުވެ، ސީ ޕްލޭން އޮޕަރޭޝަން ވެސް ފުޅާވެގެން ދާނެ އެވެ.

ގަން އެއާޕޯޓަކީ އިންޓަނޭޝަނަލް ނަން ބޯޑު އަޅުވާފައި އޮތަސް މިހާރު އިންޓަނޭޝަނަލް ޝެޑިއުލް ދަތުރުތަކެއް ބާއްވާ އެއާޕޯޓެއް ނޫނެވެ. އެކަމަކު މި އެއާޕޯޓަކީ އަބަދު ވެސް ޕްރައިވެޓް ޖެޓްތައް ގިނަ އަދަދަކަށް ޖައްސާ ތަނެކެވެ.