Roadha Mihaaru
އާންމުންގެ ސުވާލު: އައްޑުއަށް ކޮވިޑް ދިޔައީ ކިހިނެއް؟

އާންމުންގެ ސުވާލު: އައްޑޫގައި ކޮވިޑް ފެތުރުނީ ކިހިނެއް؟

15 ފެބުރުއަރީ 2021

މިދިޔަ އަހަރު އެއްކޮށް ކަހަލަ ގޮތަކަށް ކޮވިޑް-19 ގެ ބޮޑު ބޮޑު ބަލިމަޑުކަމުގެ ތެރޭގައި އުޅެފައި ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ އާ އަހަރަކާ އެކު ހިންދެލިލެވޭނެ ކަމަށެވެ. އެކަމަކު މިހާރު އުޅެން ޖެހިފައި މި ވަނީ ކޮވިޑްގެ ނުރައްކާތެރި ތިން ވަނަ ރާޅުގެ ތެރޭގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު އެއްކޮށް ކަހަލަ ގޮތަކަށް ކޮވިޑް-19 ގެ ބޮޑު ބޮޑު ބަލިމަޑުކަމުގެ ތެރޭގައި އުޅެފައި ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ އާ އަހަރަކާ އެކު ހިންދެލިލެވޭނެ ކަމަށެވެ. އެކަމަކު މިހާރު އުޅެން ޖެހިފައި މި ވަނީ ކޮވިޑްގެ ނުރައްކާތެރި ތިން ވަނަ ރާޅުގެ ތެރޭގަ އެވެ.

މި ރާޅު މި ފަހަރު ރާއްޖޭން އެންމެ ބޮޑަށް ބިންދާލައިގެން އުޅޭ އެއް ތަނަކީ މިދިޔަ އަހަރު ބަލީގެ މާ ބޮޑު ބިރުވެރި ކަމެއް ނެތް އައްޑޫގަ އެވެ. މި މަހުގެ ހަތް ވަނަ ދުވަހާ ހިސާބުން ފެށިގެން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، އަދަދު ދަނީ އުފެލެމުންނެވެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު 60 އަށް އަރައިފި އެވެ.

ބަލީގެ ބޮޑު ދެ ކްލަސްޓާއެއް އައްޑޫގައި އެބައޮތެވެ. އޭގެ ތެރެއިން އެންމެ ކަންބޮޑުވާ ކްލަސްޓާ އަކީ ގިނަ ބަޔަކު އެ ކްލަސްޓާ އާ ގުޅުން އޮވެގެން އަދަދު އުފުލެމުންދާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކްލަސްޓާ އެވެ. އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 40 އާ ގާތް ކުރެ އެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އައްޑު އަށް ބަލި އައިސް ކޮމިއުނިޓީ ތެރޭގައި ބަލި އޮތުމުގެ ބިރު އުފެއްދި ބަޔަކީ އެއީ އެވެ. އޭވިއޭޝަން ކޮމާންޑްގެ ވޯކްޝޮޕެއް މި މަހުގެ ކުރީކޮޅު ގަމުގައި ބޭއްވީ މާލެއިން ދިޔަ ބަޔަކާ އެކުގަ އެވެ.

އައްޑޫގައި ބަލި ފެތުރުނު ކަމަށް ބުނެވެނީ އެތަނުގެ ދެ މުވައްޒަފެއްގެ ފަރާތުންނެވެ. މިހާރު މި ކްލަސްޓާ އިން ޕޮޒިޓީވް މީހުންނަކީ ސީދާ ވޯކްޝޮޕްގައި ބައިވެރިވި ބަޔަކާއި އެ މީހުންނާ ކޮންޓެކްޓްވެފައި ތިބި ބަޔެކެވެ. އަދި އެތައް ބަޔަކު ތިބީ މިކަމާ ހެދި ކަރަންޓީނާއި ހޯމް އައިސޮލޭޝަނުގަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވެސް ބުނެފައިވާ ގޮތުގައި އައްޑު އަށް ކޮވިޑް އެތެރެކުރީ އޭވިއޭޝަން ކޮމާންޑުންނެވެ. މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވެސް ވަނީ އެކަމާ މިހާރު އެއްވެސް ސުވާލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ އެކަން ބަލަން ޖެހޭ ފަރާތްތަކުން ބަލާނެ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލްގެ އަދި މިތަނުގެ ޓާސްކް ފޯހުގެ މެންޑޭޓްގައި އޮތް ކަމެއް ނޫން އެކަން ތަހުގީގު ކުރުމަކީ. އަޅުގަނޑު ދެކެނީ އެކަން ކުރަންޖެހޭ ފަރާތްތަކުން އެކަން ކުރަމުންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އައްޑޫގެ ވަރަށް ގިނަ ބަޔަކު ވެސް ގަބޫލުކުރަނީ އެ ސިޓީ އަށް ބަލި ގެންދިއުމުގެ ޒިންމާ ނަގަން ޖެހޭނެ ބަޔަކީ އެ އިދާރާ ކަމަށެވެ. އެހެންވެ ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލުކޮށްފައިވާތީ އެކަމުގައި ޝާމިލްވާ މީހުންގެ މައްސަލަތައް ބަލައި އެ މީހުންނަށް އަދަބު ދޭން ވެސް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ގޮވައިލަމުންނެވެ.

ނަމަވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވަނީ ތުހުމަތުތައް ދޮގުކޮށް، މީޑިއާތަކުން ވެސް ހަގީގަތާ ހިލާފަށް ޚަބަރު ފަތުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އޭގައި ބުނެފައި ވަނީ އެތަނުން ކުރިއަށް ގެންދިޔަ ޓްރޭނިން ޕްރޮގްރާމަކީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ ކަމެއް ކަމަށެވެ.

މިކަމާ ހެދި މުޅި އައްޑޫ މިހާރު ބިރުވެރިކަމެއްގެ އޮތް އިރު ގިނަ ބަޔަކު އެންމެ ބޮޑަށް ފެންމަތިކުރާ ސުވާލަކީ އައްޑޫގައިި ބަލި ފެތުރެން ދިމާވީ ކީއްވެގެން ހެއްޔެވެ؟ އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫ ކްލަސްޓާ އަކީ އެމްޓީސީސީގެ ޕްރޮޖެކްޓަށް ދިޔަ ބިދޭސީންތަކެއް ޕޮޒިޓިވް ކްލަސްޓާ އެވެ. އެ ކްލަސްޓާ އާ އައްޑޫގެ އާންމުންނަކާ ގުޅުމެއް ނެތެވެ.

އެހެންވެ އައްޑޫ މިހާރު އޮތް އުނދަގޫ އަދި ބިރުވެރި ހާލަތު ގުޅުވެނީ އޭވިއޭޝަން ކްލަސްޓާ އެވެ.

ޓެގް ޓީމުގެ ޑރ. އަލީ ލަތީފް މި މަހުގެ 13 ވަނަ ވިދާޅުވީ ގިނަ ފަހަރަށް ސީދާ އިންޑެކްސް ކޭސް (ފުރަތަމަ ކޭސް) ފެތުރު ގޮތް ނޭނގިދާނެ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އައްޑު އަށް ބަލި ފެތުރުނީ ގަމުގައި ބޭއްވި ޓްރޭނިންއާ ގުޅިގެން ކަމަށް ޔަގީންކަމާ އެކު ވިދާޅުވާން ދަތި ކަމަށެވެ.

"މިހާ ހިސާބަށް ބެލި ބެލުންތަކަށް ބަލާއިރު، ނުއެއް ދެންނެވޭނެ ފެތުރިގެން މި ދިޔައީ ސީދާ އެ ޓްރޭނިން އާއި ގުޅިގެންނޭ." އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި މުޅިން ވެސް އޮތީ ކަންބޮޑުންތަކެވެ. އައްޑޫގެ އާންމު ދިރިއުޅުން އޮތީ ހުއްޓިފަ އެވެ. މުޅި އައްޑޫ އޮތީ މޮނިޓަރިންގަ އެވެ. ރޭގަނޑު އޮންނަނީ ކާފިއު ހިންގައިފަ އެވެ. މިކަންކަމާ ހެދި އެތައް ކަމެއް ހުއްޓުމަކަށް އަތުވެއްޖެ އެވެ. އެތައް ވިޔަފާރިއަކަށް ހުރަސް އެޅިއްޖެ އެވެ. ސްކޫލްތައް ބަންދުކުރަން ޖެހި ދަރިވަރުންގެ ކިޔެވުން ހުއްޓިއްޖެ އެވެ.

"އެންމެ ކަންބޮޑުވާ އެއް ކަމަކީ އެއީ. އަހަރު ފެށިގެން އައީ ވަރަށް އުންމީދާ އެކުގައި ކަމަށް ވިޔަސް ބައެއްގެ އިހުމާލުން ބޮޑު ތަކުލީފެއްގެ ތެރޭގައި އުޅެން ޖެހިފައި މިއޮތީ. ދަރިވަރުންނަށް ސްކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް،" ބެލެނިވެރިޔަކު ބުންޏެވެ.

މިސްކިތްތަކުގައި މި ވަގުތު ޖަމާއަތުގައި ނަމާދުކުރުމެއް ނެތެވެ. އެއް އަވަށުން އަނެއް އަވަށް ދިއުމާއި އަވަށްޓެރިންގެ ގޭގެ އަށް ދިއުން ވެސް އޮތީ މަނާކޮށްފަ އެވެ. އެއީ ހައްތާ ވެސް އާންމު ދިރިއުޅުމާ ގުޅިފައި ހުރި އަސާސީ ކަންކަމެވެ.

ފޭދޫގައި ވެކްސިން ޖެހުމުގެ މަސައްކަތުގެ ތެރެއިން.

ފޭދޫގައި ވެކްސިން ޖެހުމުގެ މަސައްކަތުގެ ތެރެއިން.

މި ވަގުތު އައްޑޫ ރައްޔިތުންނަށް އޮތް ގޮތަކީ އިތުރުވަމުންދާ ކޮވިޑްގެ ނަމްބަރުތައް ގުނާލަގުނާލަ ތިބުމެވެ. ވެކްސިން ޖަހަމުން ދިޔަ ނަމަވެސް މި ދައްޗަށް ލުއެއް ލިބޭނެ އިރެއް ނޭނގެ އެވެ.

އައްޑޫން ޕޮޒޮޓިވް މީހުންގެ އަދަދު 60 އަށް އެރިއިރު ފަސް މީހަކު އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް އައްޑޫގައި މިހާރު އޮތީ ފަށައިފަ އެވެ.