Roadha Mihaaru
އިނގިރޭސިން ދިޔަ ފަހުން އައްޑޫ ދިޔައީ ފަހަތަށް:ރައީސް

ތެދުނިޔަތަކާ އެކު އައްޑޫ ބިނާކުރި ނަމަ މިއަދު މަސައްކަތް ކުރާކަށް ނުޖެހޭނެ: ރައީސް

04 ޖޫން 2023

އައްޑޫން އިނގިރޭސިން ފައިބައިގެން ދިޔައިރު، ގާއިމްކޮށްފައިވާ ސްޓްރަކްޗާގެ މައްޗަށް ތެދު ނިޔަތަކާ އެކު އައްޑޫ ބިނާކުރި ނަމަ މިއަދު އެ މަސައްކަތްތައް ކުރަން ނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ސ. ގަމުން ފާތިމަތު އަޖްފާން

އައްޑޫން އިނގިރޭސިން ފައިބައިގެން ދިޔައިރު، ގާއިމްކޮށްފައިވާ ސްޓްރަކްޗާގެ މައްޗަށް ތެދު ނިޔަތަކާ އެކު އައްޑޫ ބިނާކުރި ނަމަ މިއަދު އެ މަސައްކަތްތައް ކުރަން ނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މީގެ 66 އަހަރު ކުރިން އިނގިރޭސިން ހެދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސް ވިދާޅުވީ، ގަމުން އިނގިރޭސިން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން، "އައްޑޫ ދިޔައީ ފަހަތަށް" ކަމަށެވެ.

"މި ތަނުގައި ހުރި، އޭރުގެ އެންމެ ޒަމާންވީ އާލާތާއި ވަސީލަތްތައް އައްޑޫ އިން ބޭލި. ދަގަނޑު ތާނގީތައް ގޭސްކަޓަރުބް ކަފައި ކުދިކުދި ކުރި. ހައި ވޯލްޓޭޖް ކޭބަލްތައް ނަގައި ބުރިކޮށް ބޮނޑި ބަނދެ، ކޮނޑު ޖަހައިގެން ބޭރުކުރި،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ތެދުފުޅެއް، އޭރު އޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާ އެކު، އައްޑޫ ބިނާކުރި ނަމަ މިއަދު މި ކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ. އެހެން ނަމަވެސް ފެންނަން އޮތް ހަގީގަތް ކިތަންމެހާ ވެސް ހިތި. އައްޑޫ، ހުވަދޫ އަދި ފުވައްމުލަކަކީ ރާއްޖޭގެ ދެކުނު ކޮޅު. އިހުލާސްތެރިކަމާ އެކު ތެދުވެރި މަސައްކަތެއް ކުރެވުނު ނަމަ 66 އަހަރު ފަހުން މި ރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަފުޅުގައި ގަމުގެ ތާރީހާއި އިނގިރޭސިންނާ އޮތް ގުޅުމަށް ވެސް ބައްލަަވައި ލެއްވި އެވެ. ވިދާޅުވީ، އިނގިރޭސިން ގަން ހިޔާރުކުރި އެންމެ ބޮޑު އެއް ސަބަބަކީ އެއީ އިންޑިއާ ކަނޑުގެ ދެކުނުން އިސްތިރާޖީ ގޮތުން ބަލާއިރު ބަޔަކަށް ފެންނާނެ އެންމެ މުހިންމު އެއް ޕޮއިންޓަށް ވުމުން ކަމަށެވެ.

"އޭރު އައްޑޫގައި އޮތް މަދަނިއްޔަތުގެ ފައިދާ އެންމެ އުތުރުން ތުރާކުނުގެ ބޮލިހުރާ ކޮޅާ ހަމައަށް ފޯރި،" ރައީސް ވިދާޅުވި އެވެ.

ގަން އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގަން އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މިއަދު ވިދާޅުވީ މިހާރު ޕްލޭން ކޮށްފައިވާ ފެންވަރަށް ގަން އެއާޕޯޓް ނިންމަވާނެ ކަމަށެވެ.

"ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ އައްޑޫގެ ފަހުރަކަށް ވުމަށް އައްޑޫ ސިޓީގެ ރައްޔިތުން އެދިވަޑައިގަންނަވާ ވަރަށް އަޅުގަނޑު ވެސް އެދެން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ނިމޭއިރު ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް އެއާޕޯޓްގައި 18 ކައުންޓަރު ގާއިމުކުރާނެ ކަމަށާއި އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ގަން އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ރެނާޓާސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއަށް އެގްޒިމް ބޭންކުން ދޫކުރަނީ 800 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެ މަޝްރޫއުގެ ދަށުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް ވެސް ގާއިމުކުރާނެ އެވެ. އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ޒަމާނީ ކާގޯ ވަސީލަތްތަކާއި އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.