Roadha Mihaaru
"ހައިޓީގެ ރައީސް އަވަހާރަކޮށްލީ ގައުމުން ބޭރު ބަޔަކު"

ހައިޓީގެ ރައީސް އަވަހާރަކޮށްލީ ގައުމުން ބޭރު ބަޔަކު: ޕޮލިސް

09 ޖުލައި 2021

ޕޯޓް އޯ ޕްރިންސް (ޖުލައި 9) - ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލާފައި ވަނީ ކޮލަމްބިއާގެ ރިޓަޔާޓް ސިފައިންގެ ގްރޫޕެއް ހިމެނޭ ގޮތަށް ގައުމުން ބޭރުގެ ބަޔަކު ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕޯޓް އޯ ޕްރިންސް (ޖުލައި 9) - ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލާފައި ވަނީ ކޮލަމްބިއާގެ ރިޓަޔާޓް ސިފައިންގެ ގްރޫޕެއް ހިމެނޭ ގޮތަށް ގައުމުން ބޭރުގެ ބަޔަކު ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ވެރިޔާ ލިއޮން ޗާލްސް ވިދާޅުވީ ގޭގައި އުޅުއްވަނިކޮށް ރައީސް މޮއިސް އަށް ހަމަލާދީ އަވަހާރަކޮށްލި ގްރޫޕުގައި ކޮލަމްބިއާގެ 26 މީހަކާއި ހައިޓީ ދަރިކޮޅު އެމެރިކާގެ ދެ މީހުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭން އަށް މީހުން ފުލުހުންނަށް އަދި އަތު ނުވާ ކަމަށާއި 17 މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ބުނެފައިވެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމެރިކާގެ ދެ މީހުން ވެސް ހިމެނެ އެވެ. ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އެހެން މީހުން ވަނީ ފުލުހުން ދިން ހަމަލާތަކުގައި މަރުވެފައި ކަމަށް ވެސް ޗާލްސް ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ރައީސް މޮއިސްގެ ގެއަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ ހަމަލާދީ އަވަހާރަކޮށްލުމަށް ފަހު އަނބިކަނބަލުންނަށް ވެސް ހަމަލާދީ ޒަޚަމްކޮށްލި އެވެ. ރައީސް މޮއިސްގެ ހަށިކޮޅަށް 12 ވަޒަން އަރާފައިވެ އެވެ. އަނބިކަނބަލުން މާޓީން މޮއިސް ވަނީ އިތުރު ފަރުވާ އަށް ފްލޮރިޑާ އަށް ގެންގޮސްފަ އެވެ. އެކަމަނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެ އެވެ.

ހައިޓީގެ ރައީސް މޮއިސް އަދި އަނބިކަނބަލުން މާޓީން. --ފޮޓޯ:އޭއެފްޕީ

ހައިޓީގެ ރައީސް މޮއިސް އަދި އަނބިކަނބަލުން މާޓީން. --ފޮޓޯ:އޭއެފްޕީ

ރައީސް އަވަހާރަކޮށްލަން ހަމަލާ ރޭވީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.

ހައިޓީގެ މިހާރުގެ ވަގުތީ ވެރިއަކީ ކާކު؟

ރައީސް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެން ހައިޓީގެ މިހާރުގެ ވަގުތީ ވެރިއަކީ ކާކު ކަމެއް ނޭނގެ އެވެ. އެ ގައުމުގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް ނެތް ހާލަތެއްގައި ވެރިކަމާ ހަވާލުވާން ޖެހޭނީ ސުޕްރީމް ކޯޓުގެ ރައީސް ނުވަތަ އުއްތަމަ ފަނޑިޔާރެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ދާދި ފަހުން ވަނީ ކޮވިޑްގައި އަވަހާރަވެފަ އެވެ. ގާނޫނަށް ބައެއް ބަދަލުތައް ގެނެސް މިހާރު ވަނީ ގައުމު ހިންގަވާނީ ބޮޑުވަޒީރު ކަމަށް ބުނެފަ އެވެ. ރައީސް މޮއިސްގެ ވެރިކަމުގެ ހަތަރު އަހަރުތެރޭ ވަނީ ހަ ބޮޑުވަޒީރުން އައްޔަންކުރައްވައިފަ އެވެ. އަވަހާރަކޮށްލުމުގެ އެއް ދުވަސް ކުރިން ވަނީ ހަތް ވަނަ ބޮޑުވަޒީރު ނޮމިނޭޓް ކުރައްވައިފަ އެވެ. އެކަމަކު މަގާމުގެ ހުވާ ކުރައްވައިފައެއް ނުވެ އެވެ. ނަމަވެސް އެ ބޮޑުވަޒީރު ވިދާޅުވަމުން ގެންދަވަނީ ގައުމުގެ ވެރިއަކަށް ވާނީ އޭނާ ކަމަށެވެ.

ހައިޓީގެ ރައީސް މޮއިސް އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުން. --ފޮޓޯ:އޭއެފްޕީ

ހައިޓީގެ ރައީސް މޮއިސް އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުން. --ފޮޓޯ:އޭއެފްޕީ

ރައީސް މޮއިސްގެ ދައުރު ވަނީ ހަމަވެފައި؟

ހައިޓީގެ ރައީސްކަމާ މޮއިސް ހަވާލުވެވަޑައިގަތީ ފެބްރުއަރީ 2017 ގަ އެވެ. ނަމަވެސް ފަހަކަށް އައިސް، އޭނާގެ އިސްތިއުފާ އަށް ގޮވައި އާންމުން ކުރާ މުޒާހަރާތައް ވަނީ އިތުރުވެފަ އެވެ.

ހައިޓީގެ އިދިކޮޅު ލީޑަރުން ވިދާޅުވާ ގޮތުގައި ރައީސް މޮއިސްގެ، ފަސް އަހަރުގެ ރިއާސީ ދައުރު، މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން މަގާމުގައި ހުންނަވަނީ ބާރުގެ ބޭނުން ކުރައްވައިގެން ކަމަށް ވެސް އެ ބޭފުޅުން ތުހުމަތު ކުރައްވަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ކުރީގެ ރައީސް މިޝޭލް މާޓެލީ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން، މި އަހަރުގެ ފެބްރުއަރީ މަހަށް ފަސް އަހަރު ފުރިއްޖެ އެވެ.

ނަމަވެސް ރައީސް މޮއިސް ވިދާޅުވެފައިވާ ގޮތުގައި އޭނާ ވެރިކަމާ ހަވާލުވެވަޑައިގަތީ، ކުރީގެ ރައީސްގެ ދައުރު ހަމަކުރެއްވިތާ އެއް އަހަރު ފަހުން، 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ ބޭއްވި އިންތިހާބެއްގައި ކަމަށް ވާތީ، އޭނާގެ ވެރިކަމުގެ ދައުރު ފެށުނީ 2017 ވަނަ އަހަރު އެވެ. އެހެންކަމުން އޭނާ ގަބޫލުކުރައްވާ ގޮތުގައި ވެރިކަމުގެ ދައުރު ހަމަވާނީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.