Roadha Mihaaru
ހައިޓީގެ ރައީސް ގޭގައި ހުއްޓައި އަވަހާރަކޮށްލައިފި

ހައިޓީގެ ރައީސް ގެކޮޅުގައި ހުންނަވަނިކޮށް އަވަހާރަކޮށްލައިފި

07 ޖުލައި 2021

ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް ގޭގައި އުޅުއްވަނިކޮށް، ހަތިޔާރު އެޅި ގޮތް ނޭނގޭ ބަޔަކު ހަމަލާދީ އަވަހާރަކޮށްލައިފި އެވެ.

ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް ގޭގައި އުޅުއްވަނިކޮށް، ހަތިޔާރު އެޅި ގޮތް ނޭނގޭ ބަޔަކު ހަމަލާދީ އަވަހާރަކޮށްލައިފި އެވެ.

ހައިޓީގެ ވަގުތީ ބޮޑުވަޒީރު ކްލައުޑް ޖޯސެފް ވިދާޅުވި ގޮތުގައި ހައިޓީގެ ގަޑިން، ބުދަ ވިލޭރޭ މެންދަމު 1:00 ހާއިރު، ގޮތް ނޭނގޭ ބަޔަކު ދިން މި ހަމަލާގައި ރައީސްގެ އަނބިކަނބަލުން ވަރަށް ބޮޑަށް ޒަހަމްވި އެވެ. ހަތިޔާރު އަޅައިގެން ތިބި ބަޔަކު، ރައީސް ދިރިއުޅުއްވާ ގެކޮޅަށް ވަދެގަނެ ހަމަލާ ދީ ރައީސް އަވަހާރަކޮށްލުމަށް ފަހު، ވަނީ ފިލައިގެން ގޮސްފަ އެވެ.

މި ހާދިސާއާ ގުޅިގެން ވަގުތީ ބޮޑުވަޒީރު ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް ހަރުދަނާކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އެއްވެސް ބަޔަކު ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށް މަޑުމައިތިރިކަން އިހުތިޔާރުކުރުމަށް އޭނާ ގޮވައިލެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް މޮއިސް އަވަހާރަކޮށްލުމަށް ދިން ހަމަލާއަކީ ވަރަށް ވަހުޝީ އަދި ވަރަށް ލާއިންސާނީ ހަމަލާއެއް ކަމަށެވެ. ރައީސްގެ ގެކޮޅަށް ވަދެގަނެ ހަމަލާ ދިން މީހުންނަކީ އިނގިރޭސި ބަހުންނާއި ސްޕެއިން ބަހުން ވާހަކަ ދައްކާ ބައެއް ކަމަށް ވިދާޅުވި ނަމަވެސް، އެ ހަމަލާ ދިން މީހުންނާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް، ވަގުތީ ބޮޑުވަޒީރު ނުދެއްވަ އެވެ.

ހައިޓިގެ ރައީސް އަވަހާރަކޮށްލި ނަމަވެސް، ބުދަ ދުވަހު ހައިޓީގެ ވެރިރަށް ޕޯޓް އޯ ޕްރިންސްގެ މަގުތައް ފެނުނީ ހަމަހިމޭންކޮށް ކަމަށް، މީޑިއާތަކުން ރިޕޯޓްކުރެ އެވެ. ނަމަވެސް މިހާރު ވެސް ސިޔާސީ ހަމަޖެހުމެއް ނެތް ގައުމުގެ ރައީސް އަވަހާރަކޮށްލުމާ ގުޅިގެން، ގައުމުގެ ހަމަޖެހުން ގާއިމުކުރުމުގައި، ވަގުތީ ބޮޑުވަޒީރަށް ކާމިޔާބު ހޯދިދާނެކަމާ މެދު ބައެއް މީޑިއާތަކުން ސުވާލު އުފައްދަ އެވެ.

ހައިޓީގެ ރައީސް އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން އިތުރު ހަމަނުޖެހުމެއް ހިނގާފާނެ ކަމަށްޓަކައި، އަވައްޓެރި ޑޮމިނިކަން ރިޕަބްލިކުން ވަނީ، ހައިޓީއާ ގުޅޭ ބޯޑަރު ބަންދުކޮށްފަ އެވެ.

މޮއިސް، ހައިޓީގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް މިފަހަކަށް އައިސް، އޭނާގެ އިސްތިއުފާ އަށް ގޮވައި އާންމުން ކުރާ މުޒާހަރާތައް ވަނީ އިތުރުވެފަ އެވެ.

ހައިޓީގެ އިދިކޮޅު ލީޑަރުން ވިދާޅުވާ ގޮތުގައި ރައީސް މޮއިސްގެ، ފަސް އަހަރުގެ ރިއާސީ ދައުރު، މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ނިމިފަ އެވެ. އޭގެ ފަހުން މަގާމުގައި އެ ހުންނަވަނީ ބާރުގެ ބޭނުން ކުރައްވައިގެން ކަމަށް ވެސް އެބޭފުޅުން ތުހުމަތު ކުރައްވަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ކުރީގެ ރައީސް މިޝޭލް މާޓެލީ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން، މިއަހަރުގެ ފެބްރުއަރީ މަހަށް ފަސް އަހަރު ފުރިއްޖެ އެވެ.

ނަމަވެސް ރައީސް މޮއިސް ވިދާޅުވާ ގޮތުގައި އޭނާ ވެރިކަމާ ހަވާލުވެވަޑައިގަތީ، ކުރީގެ ރައީސްގެ ދައުރު ހަމަކުރެއްވިތާ އެއް އަހަރު ފަހުން، 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ ބޭއްވި އިންތިހާބެއްގައި ކަމަށް ވާތީ، އޭނާގެ ވެރިކަމުގެ ދައުރު ފެށުނީ 2017 ވަނަ އަހަރު އެވެ. އެހެންކަމުން އޭނާ ގަބޫލުކުރައްވާ ގޮތުގައި ވެރިކަމުގެ ދައުރު ހަމަވާނީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.