25 އެޕްރީލް 2023
ހައިޓީގައި މާ ބާރު ގަދަ ކަމަށް ހެދިގެން އުޅުނު ގޭންގެއްގެ ބަޔަކަށް އާންމުންގެ ބަޔަކު ހަމަލާދީ އަނިޔާ ކުރުމަށް ފަހު، އެމީހުންގެ ގައިގައި ހުޅުޖަހައި އަންދާލައިފި އެވެ.
ހައިޓީގައި މާ ބާރު ގަދަ ކަމަށް ހެދިގެން އުޅުނު ގޭންގެއްގެ ބަޔަކަށް އާންމުންގެ ބަޔަކު ހަމަލާދީ އަނިޔާ ކުރުމަށް ފަހު، އެމީހުންގެ ގައިގައި ހުޅުޖަހައި އަންދާލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ގޭންގެއްގެ ބައެއް ކަމަށް ޝައްކުކުރެވޭ ބަޔަކު މިނީ ބަހެއްގައި އިއްޔެ ހެނދުނު ދަތުރުކުރަނިކޮށް، ފުލުހުން ވަނީ އެ ބަސް ހުއްޓުވައި އޭގައި ތިބި މީހުން ބަލައި ފާސްކޮށްފަ އެވެ. އަދި އެމީހުންގެ އަތުން ފެނުނު ހަތިޔާރުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އެއަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށުގައި އެމީހުން ތިއްބައި، ހައިޓީގެ ވެރިރަށް ޕޯޓް އޯ ޕްރިންސްގެ އަވަށެއްގައި ދިރިއުޅޭ އާންމުންގެ ބަޔަކު، ފުލުހުންގެ އިދާރާއަށް ވަދެގަނެ، ގޭންގުގެ މީހުންތައް އެ ތަނުން ނެރެގެން ގެންދިޔައީ އެވެ. އެއަށް ފަހު އެ އަވަށުގެ މަގުތަކުގައި އެމީހުންނަށް އަނިޔާކޮށް ގަލުން ތަޅައި ހިރިނުލެވޭ ވަރު ކުރުމަށް ފަހު، އެމީހުންގެ ގައިމައްޗަށް ސައިކަލާއި ކާރު ފަދަ ތަކެތީގެ ޓަޔަރުތަކެއް އަޅައި ކަރާސީނު ތެޔޮ އެޅުމަށް ފަހު ހުޅުޖެހީ އެވެ.
މަންޒަރު ދުށް ބޭރުގެ ރިޕޯޓަރުން ބުނާ ގޮތުގައި މި ހާދިސާގައި ގޭންގަށް ނިސްބަތްވާ 13 މީހަކު މަރައިލި އެވެ. މި ހާދިސާ މި ހިނގީ އެ އަވަށުގައި ގޭންގުގެ މެމްބަރުންނާއި އެ ގައުމުގެ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަމުން ދާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
ހައިޓީގައި ގޭންގުތަކުގެ ބާރު ގަދަވެގެން މިއުޅެނީ، އެ ގައުމުގެ ކުރީގެ ރައީސް ޖޮވެނެލް މޮއިސް، ޖުލައި 2021 ގައި އަވަހާރަކޮށްލުމަށް ފަހު، އެ ގައުމުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ އެކުގަ އެވެ. ވެރިރަށުގެ ބައެއް އަވަށްތަކާއި ރަށް ބޭރުގެ ބައެއް ސަރަހައްދުތަކުގައި ގާނޫނުތައް ގޭންގުތަކުގެ ބާރު ގަދަވެ، ފުލުހުންނާއި ތަންފީޒީ އިދާރާތަކުގެ ބާރެއް ނުހިނގާތީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން ތިބީ ރުޅިގަދަވެފަ އެވެ.
އޭގެ އިތުރުން ވާދަވެރި ގޭންގުތަކުގެ މެމްބަރުންގެ މެދުގައި ހިނގާ ހަތިޔާރުގެ ކުރިމަތިލުންތަކުގެ ސަބަބުން، ބައެއް ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި އާންމު ދިރިއުޅުމުގެ ކަންކަމަށް ވަނީ ހުރަސް އެޅިފަ އެވެ.
ހައިޓީގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އިދާރާތަކުން އަންދާޒާ ކުރާ ގޮތުގައި، ވެރިރަށް ޕޯޓް އޯ ޕްރިންސްގެ އެންމެ ބައި ބޯ ސަރަހައްދުގެ ގާތްގަނޑަކަށް 80 ޕަސެންޓް މިހާރު އޮތީ ގޭންގުތަކުގެ ބާރުގެ ދަށުގަ އެވެ. އަދި ގާނޫނުގެ ބާރު ނުހިނގާ 200 އަށް ވުރެ ގޭންގު އެ ސަރަހައްދުތަކުގައި މިނިވަންކަމާއެކު ހަރަކާތްތެރިވަމުން ދެ އެވެ.
ހައިޓީގައި ގޭންގު ކުށްތައް އިތުރުވެ، އާންމު ރައްޔިތުންގެ ދިރިއުޅުން ނުރައްކަލަށް ވެއްޓިފައިވާތީ، އެ ގައުމުގެ ކަންތައް ހަމައަކަށް އެޅުވުމަށް ބައިނަލްއަގުވާމީ ލަޝްކަރެއް ހައިޓީ އަށް ފޮނުވުމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިއްޔެ ވަނީ ގޮވައިލައްވައިފަ އެވެ. އދ.ގެ ސަލާމަތީ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ރިޕޯޓެއްގައި ގުޓަރޭސް ވިދާޅުވީ އިންސާނީ ހައްގުތައް ނިގުޅައިގަތުމާއި ގޭންގު ކުށްތައް ހުއްޓުވުމަށް ހައިޓީގެ ތަންފީޒީ އިދާރާތަކުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން، ބައިނަލްއަގުވާމީ ލަޝްކަރެއް އެ ގައުމަށް ފޮނުވުން ވަރަށް މުހިންމު ކަމަށެވެ.
އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ލަޝްކަރެއް ހައިޓީއަށް ފޮނުވައިގެން، އެ ގައުމުގައި ގާނޫނު ތަންފީޒުކުރަން ފަށައިގެން ނޫނީ، މިނިވަން އިންތިޚާބެއް ބޭއްވޭ ފަދަ މާހައުލެއް ގާއިމެއް ނުކުރެވޭނެ އެވެ. މިއަހަރު ފެށުނު ފަހުން ގޭންގުތަކުން ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މިހާތަނަށް ފުލުހުން 22 އޮފިސަރުން މަރާލާފައިވާ ކަމަށާއި، ފުލުހުންނަށް އޮތް އެ ނުރައްކާ ދުވަހުން ދުވަހަށް އިތުރުވަމުން ދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
ރަހީނުކުރި މައްސަލަ: ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
އަސްވާން ދޫކޮށްލީ ބަންދުކުރަން އެދުނު ގޮތް ގޯސްވުމުން
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
ގޭންގުތަކަށް ހަރުކަށި އަދަބު ދޭ ގޮތަށް ބިލެއް އޭޖީއަށް
ގަދަބަސް ވިދާޅުވަނީއެއް ނޫން، ގަޓު ހުރި މިނިސްޓަރެއް!