Roadha Mihaaru
ކަރީނާގެ ދެވަނަ ދަރިފުޅަށް ކިޔަނީ ޖޭ؟

ކަރީނާގެ ދެވަނަ ދަރިފުޅަށް ކިޔަނީ ޖޭ؟

10 ޖުލައި 2021

މީޑިއާތަކަށް ފޮރުވައިގެން އުޅޭ، ބަތަލާ ކަރީނާ ކަޕޫރްގެ ދެވަނަ ފިރިހެން ދަރިފުޅުގެ ނަމަކީ ޖޭ ކަމަށާއި އާއިލާ އިން މިހާރު ނަން ރަސްމީކޮށް އިއުލާންކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީޑިއާތަކަށް ފޮރުވައިގެން އުޅޭ، ބަތަލާ ކަރީނާ ކަޕޫރްގެ ދެވަނަ ފިރިހެން ދަރިފުޅުގެ ނަމަކީ ޖޭ ކަމަށާއި އާއިލާ އިން މިހާރު ނަން ރަސްމީކޮށް އިއުލާންކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ގައި ދަރިފުޅު ވިހޭކަން ހާމަކުރުން ފިޔަވައި އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ދަރިފުޅަށް އާއިލާގެ ތެރޭގައި ކިޔައި އުޅެނީ ޖޭ އެވެ. އަދި އެ ނަމުގެ ފަހަތަށް ކަރީނާގެ ފިރިމީހާ، އެކްޓަރު ސައިފް އަލީ ޚާންގެ ބައްޕަ މަންސޫރު އަލީ ޚާންގެ ނަމުން މަންސޫރު ހިމަނަން ވެސް އާއިލާގެ ތެރޭގައި މަޝްވަރާ ކުުރެވިފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރިފުޅު އަދި މިހާރު ހަތަރު އަހަރުގެ ތައިމޫރް އަލީ ޚާން ޕަޓޯޑީ އަކީ އެ ނަމަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި ނަމެކެވެ. އެ ކުއްޖާ ވިހޭ ދުވަހުން ފެށިގެން މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބި، އާއިލާގައި ތިބި ފިލްމީ ތަރިންނަށް ވުރެ މަޝްހޫރެވެ.

ދެވަނަ ދަރިފުޅު މީޑިއާތަކާ ދުރުގައި ގެންގުޅެން ކަރީނާގެ ދެމަފިރިން ނިންމީ ތައިމޫރްގެ ތަޖުރިބާއާ ހެދި އެވެ. އެހެންވެ ދެވަނަ ކުއްޖާ މީޑިއާތަކަށް އެއްވެސް ވަރަކަށް ހާމަކުރާކަށް އާއިލާ އިން ބޭނުމެއް ނުވެ އެވެ.

ނަމަވެސް ކަރީނާ އާއި ސައިފްގެ ފޭނުން ތިބީ ކުޑަމިނުން އެ ކުއްޖާ އަށް ކިޔާ ނަމެއް އެނގެން ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.

ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރް ބުނެފައިވާ ގޮތުގައި ހަގު އަންހެން ދަރިފުޅުގެ ދެވަނަ ދަރިފުޅު ވައްތަރީ ތައިމޫރާ އެވެ. ދެ ކުދިންގެ ފޮޓޯ ކޮލާޖްކޮށްފައި އޭނާ އިންސްޓަގްރާމަށް އޮޅިގެން މި އަހަރުގެ ކުރީކޮޅު ފޮޓޯއެއް ވެސް ޕޯސްޓްކުރި އެވެ. އެކަމަކު ކުޑަ ވަގުތުކޮޅެއް ފަހުން އެ ޑިލީޓްކޮށްލި އެވެ.