Roadha Mihaaru
ކަރީނާ އަށް މި ފަހަރު ވެސް ފިރިހެން ކުއްޖެއް

ކަރީނާ އަށް މި ފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެއް

21 ފެބުރުއަރީ 2021

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރަށް އަނެއްކާ ވެސް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރަށް އަނެއްކާ ވެސް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދެވަނަ ދަރިއަކު ލިބޭކަން އިއުލާންކުރި ބަތަލާ ވިހެއީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. ކަރީނާ އާއި އެކްޓަރު ސައިފް އަލީ ޚާނަށް ލިބުނު ފުރަތަމަ ދަރިފުޅު ތައިމޫރަށް މިހާރު 4 އަހަރެވެ.

ދެ ތަރިން ކައިވެނިކުރީ 2012 ގަ އެވެ. ތައިމޫރަކީ ކަރީނާގެ އަލަތު ދަރިފުޅު ނަމަވެސް އެއީ ސައިފްގެ ތިން ވަނަ ދަރިފުޅެވެ. ސައިފާއި ބަތަލާ އަމްރިތާ ސިންގްގެ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަކީ ބަތަލާ ސާރާ އަލީ ޚާން، 25، އާއި އިބްރާހީމް އަލީ ޚާން، 20، އެވެ.

މީޑިއާތަކުން ބުނީ ކަރީނާ، 40، އަށް މި ފަހަރު ވެސް ފިރިހެން ކުއްޖަކު ލިބުނީ އަންހެން ކުއްޖަކަށް ވަރަށް ބޮޑަށް އުންމީދުކޮށްގެން ހުއްޓަ އެވެ. އޭނާގެ ދައްތަ ކަރިޝްމާ ކަޕޫރްގެ ވެސް ތިބެނީ ދެ ޖިންސްގެ ދެ ކުދިންނެވެ.

ކަރީނާ ވިހޭ އިރު އޭނާގެ އެންމެ ފަހުގެ ފިލްމު "ލާލް ސިންގް ޗައްޑާ" އަކީ މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާނެ ފިލްމެކެވެ. އެ ފިލްމުގެ ބަތަލަކީ އާމިރު ޚާނެވެ.

ކަރީނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި އިރުފާން ޚާންގެ "އަނގްރޭޒީ މީޑިއަމް" ގެ ސަޕޯޓިން ރޯލަކުންނެވެ. ކަރީނާ ދާދި ފަހުން ބަލިވެއިނުމާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއް ވެސް "ޕްރެގްނަންސީ ބައިބްލް" ގެ ނަމުގައި ނެރެފައިވެ އެވެ.