Roadha Mihaaru
މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާ ގުޅޭ އޮޑިޓެއް

ދައުލަތުގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާ ގުޅޭ އޮޑިޓެއް ހަދަނީ

07 ޖުލައި 2021

ދައުލަތުގެ އިދާރާތަކުގެ އިތުރުގަޑިއާ ގުޅޭ އޮޑިޓެއް ހަދާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ އިދާރާތަކުގެ އިތުރުގަޑިއާ ގުޅޭ އޮޑިޓެއް ހަދާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި، މި އޮޑިޓް ހަދަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 11 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައިވެ އެވެ.

ފިނޭންސް މިިނިސްޓްރީން ބުނީ މިއީ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލު ހަރުދަނާކުރުމާ ގުޅޭ ގޮތުން އޮޑިޓަ ޖެނެރަލްގެ އޮފީހުން ދީފައިވާ ލަފަޔަކަށް ކުރާ އޮޑިޓެއް ކަމަށެވެ.

ދައުލަތުން އެންމެ ބޮޑު ހަރަދެއް ކުރަނީ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. މިއަހަރުގެ ބަޖެޓުގައި 10 ބިލިއަން ރުފިޔާ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން ކަނޑައާޅާފައިވެ އެވެ. އަދި މިއަހަރުގެ މިހާތަނަށް 4.3 ބިލިއަން ރުފިޔާ މުސާރައަށް ހޭދަކޮށްފައިވެ އެވެ.

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑްގެ ބަލިމަޑިކަމުގެ ތެރޭގައި އައި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން އިތުރުގަޑީގެ އުސޫލުތަކަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން ގިނަ އޮފީސްތަކެއްގެ އިތުރު ގަޑީގެ ފައިސާ ވަރަށް ބޮޑަށް ލިމިޓްކުރި އެވެ.

އޭރު ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާގައިވާ ގޮތުން ކޮވިޑް-19ގެ ސަބަބުން އޮފީސްތައް ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި އިތުރުގަޑގެ ފައިސާ ލިބޭނީ ވެސް އެ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ މުވައްޒަފުންނަށް އެކަންޏެވެ.