Roadha Mihaaru
މުސާރަ އެއްހަމަކުރާ ފްރޭމްވޯކް އޮތީ ފަހު މަރުހަލާގައި

މުސާރަ އެއްހަމަ ކުރާ ފްރޭމްވޯކްގެ ފަންނީ މަސައްކަތްތައް އޮތީ ފަހުގެ މަރުހަލާގައި: ފިނޭންސް މިނިސްޓްރީ

29 އެޕްރީލް 2021

ދައުލަތުގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތަކުގެ އެއްހަމަކޮށް، އެކުލަވައިލާ ޕޭ ފްރޭމްވޯކްގެ ފަންނީ މަސައްކަތްތައް ވަނީ އެންމެ ފަހުގެ މަރުހަލާތަކުގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދައުލަތުގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތަކުގެ އެއްހަމަކޮށް، އެކުލަވައިލާ ޕޭ ފްރޭމްވޯކްގެ ފަންނީ މަސައްކަތްތައް ވަނީ އެންމެ ފަހުގެ މަރުހަލާތަކުގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޓީޗަރުންގެ މުސާރަ އަށް ބަދަލު ގެނައުމާ ގުޅޭ މައުލޫމާތު ހޯދަން "މިހާރު" ން އެދުމުން އެ މިނިސްޓްރީން ބުނީ ދައުލަތުގެ ހުރިހާ މަގާމުތަކެއް ހިމެނޭ ގޮތަށް މުސާރަ އާއި އެލަވަންސްތައް އެއްހަމަކޮށް، އެކުލަވައިލާ ޕޭ ފްރޭމްވޯކްގެ ފަންނީ މަސައްކަތްތަކާ ގުޅޭގޮތުން ކުރަމުން އަންނަނީ އެންމެ ފަހުގެ ކަންތައްތައް ކަމަށެވެ.

"އެ ފްރޭމްވޯކްގެ ދަށުން ޓީޗަރުން ވެސް ހިމެނޭ ގޮތަށް ދައުލަތުގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މުސާރައާއި އިނާޔަތްތައް އެއްހަމަ ކުރެވިގެންދާނެ އެވެ،" ލިޔުމުން ދިން ޖަވާބުގައި ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ އާދިއްތަ ދުވަހު ވަނީ ނިންމައިފަ އެވެ. އެއާއެކު، ކުޑަ މުސާރައެއްގައި މަސައްކަތްކުރާ ސަރުކާރުގެ މުވައްޒަފުންނަށް ހެޔޮ ބަދަލުތަކެއް ނާންނާތީ އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައި ވެ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރަން ހެދި އާ އޮނިގަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެ އޮނިގަނޑު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އޮގަސްޓް 8، 2019 ގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވިދާޅުވި އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އޭގެ ނަތީޖާއެއް މި ސަރުކާރަށް ދައްކައި ނުދެވުނެވެ.

އެކަމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނީ ކޮވިޑު-19 އާ ހެދި އެވެ. އިގުތިސޯދީ ގޮތުން ދިމާވި ގޮންޖެހުންތަކާ ގުޅިގެން ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު އެންގި އެވެ. ނަމަވެސް އެ އެންގުން އުވައިލުމަށް ފަހު، މި ފަހުން ވެސް ބޮޑެތި މުސާރައާއެކު އާ މަގާމުތަކެއް ވަނީ އުފައްދައިފަ އެވެ.