Roadha Mihaaru
ބަންދު ދުވަސްތަކަށް ހާޒިރީ އެލަވަންސް ލިބޭގޮތް ހަދައިފި

ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ހަދައިފި

24 އޮކްޓޯބަރ 2023

ސިވިލް ސާވަންޓުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް އިސްލާހު ގެނެސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސިވިލް ސާވަންޓުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް އިސްލާހު ގެނެސްފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު އާންމުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހުގައިވާ ގޮތުން، ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭނެ އެވެ.

ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ހާޒިރީ އެލަވަންސް ލިބޭނީ، ވަޒީފާއާ ބެހޭ ގާނޫނުގައި ރަސްމީ މަސައްކަތުގެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތް ކުރާ ހާލަތްތަކުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ ގަވާއިދުގައި ކުރިން އޮންނަ ގޮތުގައި، ހާޒިރީ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށެވެ. ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވެގެންނާއި އޮންލައިންކޮށް މަސައްކަތްކޮށްގެން ވެސް އެ އިނާޔަތް ލިބެ އެވެ. ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މަސައްކަތް ކުރާ ނަމަ ކުރިން ހާޒިރީ އެލަވަންސް ނުދެ އެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި މި އިސްލާހުގައި އޮފީހަށް ހާޒިރުވުން ކަމަށް މާނަކޮށްފައި ވަނީ މުވައްޒަފުން ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވުމާ އަދި އޮންލައިންކޮށް މަސައްކަތް ކުރަން ޖެހޭ ހާލަތެއްގައި "ސައިން-އިން" ވެގެން ހާޒިރުވެއްޖެ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށެވެ.

އެ އިސްލާހުގައި ބުނީ އޮފީހުގެ ފަރާތުން ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށް ވެސް ހާޒިރީ އެލަވަންސް ލިބޭނެ ކަމަށެވެ.