Roadha Mihaaru
ގައިގައި ޖެހި މައްސަލައެއްގައި ބިދޭސީއަކު ސަލާމަތްވެއްޖެ

ބަލަން ހަވާލުކުރި މީހާ އަށް އަނިޔާ ކުރި ކަމަށް އިއުތިރާފު ވިޔަސް، ބަންދުގައި ހުރުމުން ހުކުމް ހަމަވެ ސަލާމަތްވެއްޖެ

07 ޖުލައި 2021

ބަލަހައްޓަން ހަވާލުކުރި އަންހެނަކު ކޮއްޕައި، މޫނުމަތީގައި ޖެހި މައްސަލައެއްގައި އިންޑިއާގެ ރައްޔިތަކު 27 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ބަހައްޓާފައި ހުރި މުއްދަތު ހުކުމުގެ މުއްދަތަށް ވުރެ އިތުރު ވާތީ އެ މީހާ ސަލާމަތް ވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ބަލަހައްޓަން ހަވާލުކުރި އަންހެނަކު ކޮއްޕައި، މޫނުމަތީގައި ޖެހި މައްސަލައެއްގައި އިންޑިއާގެ ރައްޔިތަކު 27 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ބަހައްޓާފައި ހުރި މުއްދަތު ހުކުމުގެ މުއްދަތަށް ވުރެ އިތުރު ވާތީ އެ މީހާ ސަލާމަތް ވެއްޖެ އެވެ.

ސަރަސްވަތި ކޮނަޓި ބަލަހައްޓަމުން އައި އަންހެނެއްގެ މޭ މަތީގައި މި އަހަރުގެ މެއި 31 ވަނަ ދުވަހު އަތް އަޅައި ކޮއްޕާލައި، އެ އަންހެންމީހާގެ މޫނުމަތީގައި އަތުން ޖެހި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ ގައިގައި އަތްލުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ސަރަަސްވަތި ވަނީ ދައުވާ އަށް އިއުތިރާފުވެ، މައްސަލަ އަވަހަށް ނިންމައިދިނުމަށް އެދިފަ އެވެ. އިއުތިރާފުވުމުން އޭނާގެ ކުށުގެ އަަދަބު ވަނީ ކުޑަކޮށްފަ އެވެ.

ގައިގައި އަތްލުމުގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އިއުތިރާފުވެއްޖެ ނަމަ އަދަބު އެއް ދަރަޖަ ކުޑަކުރެވޭނެ އެވެ.

އެގޮތުން، ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ 27 ދުވަހަށް ޖަލަށްލާށެވެ. ނަމަވެސް، މި މައްސަލައިގައި އޭނާ 27 ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ބަހައްޓާފައި ވާތީ، އޭނާ ތަންފީޒު ކުރަން ޖެހޭ އިތުރު އަދަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

ތަހުގީގު މަރުހަލާގައި ސަރަސްވަތި ބަންދުކޮށްގެން ހުކުމް ކުރުމާ ހަމައަށް 30 ދުވަސް ވަންދެން ޖަލުގައި ބަހައްޓާފައިވެ އެވެ. ހުކުމް ކުރި އިރު ވެސް، އޭނާގެ ބަންދު މުއްދަތު ހަމަވާތީ ދައުލަތުން އޮތީ ބަންދާ މެދު ގޮތެއް ނިންމަން އެދިފަ އެވެ.

މި އަހަރުގެ މެއި މަހު ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮތް ބަލި މީހަކު ބަލަހައްޓަން ބަހައްޓާފައި ހުރި ބިދޭސީއަކު ބަލި މީހާ އަށް އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުވެ، އެކަން ހޫނުވި އެވެ. އެ މީހާގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، އޭނާ ހުރީ ޝަަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.