Roadha Mihaaru
އަލުން ހައްޔަރުކުރަން ޖެހުނީ ކޯޓުގެ އިދާރީ ކަމަކާ ހެދި

ދެ ބިދޭސީން ދޫކޮށްލާފައި ހައްޔަރު ކުރަން ޖެހުނީ ކޯޓުގެ އިދާރީ އިންތިޒާމުތަކާ ހެދި: ފުލުހުން

01 ޖެނުއަރީ 2023

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާ މައްސަލައެއްގައި ހައްޔަރު ކުރި ދެ ބިދޭސީއަކު ބަންދުން ދޫކޮށްލުމަށްފަހު އަލުން ހައްޔަރު ކުރަން ޖެހުނީ ކޯޓުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސާފައި އޮންނަ ގޮތުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާ މައްސަލައެއްގައި ހައްޔަރު ކުރި ދެ ބިދޭސީއަކު ބަންދުން ދޫކޮށްލުމަށްފަހު އަލުން ހައްޔަރު ކުރަން ޖެހުނީ ކޯޓުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސާފައި އޮންނަ ގޮތުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ހައްޔަރު ކުރީ ކްރިމިނަލް ކޯޓުން ކޯޓުގެ ކޯޓު އަމުރެއްގެ ދަށުނެވެ. އެ ދެ މީހުން ބަންދު ކުރަން ފުލުހުން ކޯޓުގައި އެދުނީ ފިލާފާނެތީ އާއި މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެ އެވެ.

އެ ދެ މީހުން ދޫކޮށްލަން ނިންމައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދު ނެރުއްވި އަމުރުތަކުގައި ވަނީ، ފުލުހުން އެ ދެ މީހުން ހައްޔަރުކުރުމަށްފަހު 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރުނުކޮށް، އިތުރު ކޯޓު އަމުރެއް ހޯދައިގެން، ބަންދުން ދޫކޮށްލާފައި އަލުން ހައްޔަރުކުރީ ކަމަށެވެ. އެއީ ހައްޔަރު ކުރުމާއި ބަންދު ކުރުމުގެ އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ބެލެވޭ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން، ފުލުހުންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މީހުން އަލުން ހައްޔަރު ކުރަން ޖެހުނީ، ކޯޓުގެ އިދާރީ ކަންކަން ހަމަޖައްސާފައި އޮންނަ ގޮތުން، ބަންދު އަޑުއެހުން ބާއްވަން ކޯޓަށް ހުށަހަޅަން ޖެހޭ ފޯމު ކޯޓުން ބަލައިނުގަތުމުން ކަމަށެވެ. ފުލުހުން ހައްޔަރު ކުރާ މީހުން 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރަން ޖެހޭއިރު، ކްރިމިނަލް ކޯޓުން ނިންމާފައި އޮންނަނީ ބަންދު އަޑުއެހުންތަކަށް ގެންނަ މީހުންގެ ފޯމުތައް ކޮންމެ ދުވަހެއްގެ ހެނދުނު 9:00ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްގެން ފުރަތަމަ ފަހަރަށް ކޯޓަށް ގެންދިޔަ އިރު، ދެ މީހުންގެ ފޯމުތައް ކޯޓުން ބަލައިނުގަތީ ފޯމު ހުށަހަޅަން އޮންނަ ވަގުތަށް ވުރެ ދެ މިނެޓު ލަސްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އެ ދުވަހު ވެސް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބޭއްވޭނެ އިންތިޒާމު އެހެން ގޮތަކުން ހަމަޖެއްސޭތޯ ވެސް ފުލުހުން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ހައްޔަރު ކުރާތާ 24 ގަޑިއިރު ތެރޭގައި ކޯޓުން މުއްދަތު ޖަހައިނުދީފި ނަމަ ދޫކޮށްލަން ޖެހޭނެތީ، ފޯމު ހުށަހަޅަން ލަސްވި ސަބަބު ބަޔާންކޮށް ގާޒީއަށް ސިޓީއެއް ފޮނުވައިގެން ވިޔަސް ބަންދު އަޑުއެހުން ބޭއްވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި، އެކި ގޮތްގޮތުން އެދުމުން ވެސް އެ ދުވަހު ކޯޓުން ނިންމީ އަޑުއެހުން ނުބާއްވާށެވެ. އޭނާ ވިދާޅުވީ، އަޑުއެހުން ނުބޭއްވުމުން އެ ދުވަހު އެ މީހުން ދޫކޮށްލަން ޖެހޭނެތީ، އެ މީހުން އަލުން ހައްޔަރު ކުރަން އިތުރު ކޯޓު އަމުރެއް ކްރިމިނަލް ކޯޓުން ހޯދީ ކަމަށެވެ.

އޭނާ ފާހަގަކުރެއްވީ މިފަދަ މައްސަލަތަކުގައި ހައްޔަރު ކުރާ ބިދޭސީން ދިރިއުޅޭ ތަންތަން ނޭނގޭތީ އެ މީހުން ދޫކޮށްލައިފި ނަމަ ފިލައިގެން އުޅުމުގެ ފުރުސަތު ބޮޑު ކަމެވެ. އަދި ބަނގުރަލުގެ ވިޔަފާރިއަކީ މުޖުތަމައަށް ހުރި ނުރައްކަލެއްކަން ވެސް ފާހަގަކުރެއްވި އެވެ.

އެ ދެ މީހުން ބަންދުން ދޫކޮށްލީ، ދެ ވަނަ ފަހަރަށް ހައްޔަރުކޮށް، މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުންނެވެ. ބަންދުން ދޫކޮށްލަން ނިންމައި، ގާޒީ ފާއިޒު ނިންމެވި ނިންމެވުމުގައި ވަނީ، ފުލުހުން އަމަލު ކުރި ގޮތަކީ އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މަގުސަދުގައި ކޮށްފައި އޮތް ކަމެއް ކަމަށް ބެލުމުގެ އިހްތިމާލު އުފެދޭ ކަމަށެވެ. އަދި އަލުން ހައްޔަރު ކުރަން އަމުރު ހޯދި އިރު ވެސް އެ ދެ މީހުން ތިބީ ކުރިން ނެރުނު އަމުރެއްގެ މައްޗަށް ހައްޔަރުކޮށްފައިކަން ކޯޓުން ފާހަގަކުރި އެވެ.

ހައްޔަރު އަމުރަކަށް ފުލުހުން ދެ ވަނަ ފަހަރަށް ކޯޓުގައި އެދުނު އިރު އެކަމަށް އެދިފައި ވަނީ މައްސަލައިގެ ފުރިހަމަ މައުލޫމާތު އަމުރު ދޫކުރި ފަނޑިޔާރަށް ހިއްސާކުރުމާ ނުލައި ކަމަށް ބެލެވޭ ކަމަށް ގާޒީ ފާއިޒުގެ ނިންމުމުގައިވެ އެވެ. އަދި އެކަމުން އެނގެނީ ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރުމުގެ ވިސްނުން ފުލުހުންގެ ނެތްކަން ކަމަށް އަމުރުތަކުގައިވެ އެވެ. އަދި އެ ބިދޭސީން ހައްޔަރު ކުރުމާއި ބަންދުން ދޫކުރުމުގައި ފުލުހުން އަމަލުކުރީ ހެޔޮ ނިޔަތުގައި ނޫން ކަމަށް ބެލެވޭ ކަމަށް ވެ އެވެ.

އެހެން ނަމަވެސް، ފުލުހުންގެ އޮފިޝަލު ފާހަގަކުރެއްވީ، އެގޮތަށް އަމަލު ކުރަން ޖެހުނީ ކޯޓުން އަމިއްލައަށް ހަމަޖައްސާފައި އޮންނަ އިދާރީ ކަމެއްގެ ސަބަބުން ކަމެވެ. އަދި ފުރަތަމަ ހައްޔަރުކޮށްގެން ވެސް 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ގެންދިޔަކަން ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"ގާނޫނުގައި އޮންނަނީ 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ކުރަން. އަޅުގަނޑުމެންނަށް ގާނޫނުގައި އޮންނަ މުއްދަތަށް ކޯޓަށް ނުވެއްދުނު ނަމަތާ ގާނޫނީ މައްސަލައެއް ޖެހޭނީ،"

އެ ދެ މީހުން ތިން ފަހަރު ހައްޔަރު ކުރި ކަމަށް ކޯޓު އަމުރުތަކުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ ދެ މީހުން ހައްޔަރު ކުރަން ކޯޓުން ހޯދާފައިވާނީ ދެ އަމުރު ކަމަށާއި ހައްޔަރު ކުރީ ދެ ފަހަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންދުން ދޫކޮށްލަން ނެރުނު ކޯޓު އަމުރުތަކުގައި އެ ދެ މީހުން ފުރަތަމަ ފަހަރަށް ކޯޓަށް ގެންދިޔުމުން އިދާރީ ކަމެއްގެ ސަބަބުން އަޑުއެހުން ނުބޭއްވުނު ކަމެއް އެނގެން ނެތެވެ. އެ އަމުރުތަކުގައި ވަނީ ފުލުހުން އެ ދެ މީހުން ހައްޔަރު ކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ނުގެންގޮސް އަލުން ކޯޓު އަމުރެއް ހޯދައިގެން ހައްޔަރުކޮށްފައި ބެހެއްޓީ ކަމަށެވެ.

ބަނގުރަލުގެ ވިޔަފާރީގެ ތުހުމަތުގައި އެ ދެ ބިދޭސީންނާއި އިތުރު ބަޔަކު ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިރު، އެ މީހުން ހައްޔަރުކޮށް ސީނުން ފުލުހުން ވަނީ ހެކި ވެސް ހޯދައިފަ އެވެ.